އިންޑިއާއިން ހަނދަށް ދާން ކުރި މަސައްކަތަށް ރައީސް ސޯލިހުގެ ތައުރީފު

އިންޑިއާގެ ޗަންދުރަޔާން-2 އުދުއްސާލަނީ: މިރޭ މެންދަމުގެ ވަގުތެއްގައި އެ އުޅަނދު ހަނދަށް ޖައްސާނެ ކަމަށް ބެލެވޭ ---

ހަނދަށް ޖައްސައި އެތަނުގެ ދިރާސާތަކެއް ހެދުމަށް އިންޑިއާގެ ސްޕޭސް އެންޑް ރިސާޗް އޯގަނައިޒޭޝަންސް (އިސްރޯ)އިން ލޯންޗު ޗަންދުރަޔާން-2 މިޝަނުގައި ކުރި މަސައްކަތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުރީފު ކުރައްވައިފިއެވެ.

މިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހު އިންޑިއާގެ އަންދްރަ ޕްރަދޭޝްގައި ހުންނަ ސަތިޝް ދަވަން ސްޕޭސް ސެންޓަރުން ޖައްވަށް އުދުއްސާލި ޗަންދުރަޔާން-2 މިޝަންގެ ވިކްރަމް-2 ލޭންޑަރު ހަނދަށް ޖެއްސުމަށް މަސައްކަތް ކުރީ ރޭ ދަންވަރު 1:30 އާއި 2:00 އާ ދެމެދުގެ ވަގުތެއްގައެވެ. ނަމަވެސް އެކަން ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޗަންދުރަޔާން-2 އާއެކު އިންޑިއާއިން ތާރީހުގެ ތެރެއަށް ވަދެފައިވާ ކަމަށެވެ. އަދި އޭގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ނަމަވެސް ހަނދުގައި އުޅަނދެއް ޖެއްސުމަކީ ފަސޭހަކަމެއް ނޫން ކަން ރައީސް ފާހަގަކުރެއްވިއެވެ.

"ބޮޑުވަޒީރު ނަރެންދްރާ މޯދީގެ މަސައްކަތްތަކަށާއި އަދި ސައިންސްގެ ރޮނގުން ކުރިއެރުމަށް އިސްރޯއިން ކުރި މަސައްކަތަށް ސާބަސްދެން." ރައީސް ވިދާޅުވިއެވެ.

އިންޑިއާގެ އެ ތާރީހީ މިޝަން ލައިވްކޮށް ބައްލަވާލެއްވުމަށް ބެންގަލޫރޫގައި ހުންނަ އިސްރޯ ސްޓޭޝަނަށް ބޮޑުވަޒީރު ނަދެންދުރަ މޯދީ ވަޑައިގެން އިންނެވިއެވެ.

އިސްރޯގެ ޗެއާމަން ޑރ. ކޭ ސިވަން ރޭ ހާމަކުރެއްވި ގޮތުގައި ޗަންދުރަޔާން-2 ހަނދުގެ ޖައްވުގެ ތެރެއަށް ވަދެ، އޭގެ "ވިކްރަމް-2" ލޭންޑަރު ހަނދުގެ ސައުތު ޕޯލްގައި ޖެއްސުމަށް މަޑުމަޑުން ތިރި ކުރަމުން ދަނިކޮށް ކުއްލިއަކަށް އުޅަނދާ ކޮންޓްރޯލަރާ އޮތް ގުޅުން ކެނޑުނީއެވެ. އަދި ގުޅުން ކެނޑުނު އިރު އެ އުޅަނދު ހަނދަށް ޖެއްސުމަށް ގިރާ ކުރަން ޖެހޭ ރާސްތާގައި ބާކީ އޮތީ 2.1 ކިލޯ މީޓަރު ކަމަށް ޑރ. ކޭ ސިވަން ރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއީ ހަނދަށް ޖެއްސުމުގެ އެންމެ ފަހު ސިކުންތު ކޮޅެވެ. އޭގެ ކުރިން ހުރިހާ ކަމެއް ވެސް ދިޔައީ ރަނގަޅަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ އެންމެ ނޭވާ ހިފަހައްޓާލަން ޖެހޭ ވަގުތުކޮޅެވެ.

comment ކޮމެންޓް