ދެ ފުލުހުން ހައްޔަރު ކުރަން ހެކި ނެތް ކަމަށް ބުނުމުން ނަޝީދު ފާޑުވިދާޅުވެއްޖެ

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ/މަޖިލިސް

ރަހީނުކޮށް މަރާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲގެ މައްސަލައިގައި ތުހުމަތު ކުރެވޭ އިންޓެލް ދެ ފުލުހުން ހައްޔަރުކޮށް ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށް މަރު ކޮމިޝަނުން ފުލުހުންނަށް އެންގުމުން، އެކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެއެވެ.

ރިލްވާން ސީރިއާއަށް ގޮސް މަރުވެފައިވާކަން ދެއްކުމަށް އޭނާގެ ޕާސްޕޯޓު ހޯދުމަށް އޭރުގެ އިމިގްރޭޝަންގެ ވެރިޔާ، ހަސަން އަލީއާ ބައްދަލުކުރީ ޕޮލިސް ކޯޕްރަލް މުހައްމަދު ޖިނާހު (ސާވިސް ނަމްބަރު 4493)އާއި އިބްރާހިމް ރިއްފަތު (ސާވިސް ނަމްބަރު 3246) އެވެ. އެމީހުން ހައްޔަރު ކުރުމަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ވަނީ ފުލުހުންނަށް އަންގަވައިފަ އެވެ.

ނަމަވެސް ރޭ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ މައްސަލައާ ގުޅިގެން ކޯޕްރަލް ޖިނާހް އަދި ކޯޕްރަލް ރިފްއަތަށް ޖިނާއީ ދައުވާ ކުރެވޭފަދަ ހެކިތަކެއް ލިބިފައި ނުވާތީ މައްސަލައާ ގުޅިގެން އެ ދެ ފުލުހުން ހައްޔަރުކުރަން ޖެހޭ ފަދަ ގާނޫނީ ސަބަބެއް އޮތް ކަމަށް ނުދެކޭ ކަމަށް ކޮމިޝަނުން ބުނެފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ރިލްވާންގެ ފޯނު އަޑު އަހާށާއި ރިލްވާނަށް ފާރަލުމަށް އޮޅުވާލައިގެން ކޯޓު އަމުރު ހޯދުން އެއީ ކުށެއް ނޫންތޯ ވަނީ ސުވާލު އުފައްދަވައިފައެވެ.

"މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް އޮންނަ އިތުބާރު ގެއްލޭ ބާވަތުގެ ވާހަކަތައް އެ އިދާރާގެ މަދު ބަޔަކު ދައްކާ ކަމީ ހިތާމައެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރިލްވާންގެ މައްސަލައިގެ ތުހުމަތުވާ ދެ ފުލުހުން މިހާރު ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުން ދުރުކޮށްފައި ވާއިރު، މައްސަލަ އިދާރީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ވަނީ ފަށައިފައެވެ.

comment ކޮމެންޓް