ރަށްތަކުން ސަރުކާރާ މެދު މާޔޫސްވެ، ރައީސް ޔާމީނަށް ތާއީދު އިތުރުވަނީ: އަދުރޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ -- ސަން ފޮޓޯ: ފަޔާޒް މޫސާ

އިދިކޮޅު ކޯލިޝަނުން އަތޮޅުތަކަށް ފެށި ކެމްޕެއިން ދަތުރުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވީ، މި ސަރުކާރާ މެދު ރައްޔިތުން މާޔޫސްވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ތާއީދު އިތުރުވަމުން އައުން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން، އިދިކޮޅު ކޯލިޝަނުގެ ބައެއް ބޭފުޅުންނާއެކު އދ. ގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށްފަހު މިއަދު ވަނީ މާލެ ވަޑައިގެންފައެވެ. އެ ދަތުރުގައި ރައީސް ޔާމީން އާއެކު އަދުރޭ ވެސް ބައިވެރިވިއެވެ.

މާލެ އައިސް އިއްޒުންދީން ފާލަމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަދުރޭ ވިދާޅުވީ އދ. އަތޮޅަށް ކުރި ދަތުރު މަގުސަދަކީ ރައްޔިތުންގެ ވިސްނުން ހުރި ގޮތް ބެލުން ކަމަށާއި، ދިޔަ ތިން ރަށުން ވެސް ފެނުނީ އެއް މަންޒަރެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ މިއަދުގެ ސަރުކާރު ދެކެ ރައްޔިތުން މާޔޫސްވެފައި ތިބި މަންޒަރު. ހަމަ އެއާއެކު ރައީސް ޔާމީނަށް އޮތް ތާއީދު އަތޮޅުތަކުގައި ދުވަހެއް ދުވަހަށް އިތުރުވަމުންދާ ތަން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ،" އަދުރޭ ވިދާޅުވިއެވެ.

މިއީ ރިޔާސީ އިންތިހާބުގައި ލިބިވަޑައިގެންނެވި ނާކާމިޔާބަށް ފަހު، ރައީސް ޔާމީން އަތޮޅު ތެރެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި އެމަނިކުފާނާ އެކު، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ އަތޮޅު ތެރެއަށް ކުރައްވާ ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ، ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށެވެ.

އަދި މިއީ ލޯކަލް ކައުންސިލް އިންތިހާބުގައި ވީހާވެސް ގިނަ ގޮނޑި ނެގުމަށް ކުރާ ދަތުރެއް ކަމަށެވެ.

މި ދަތުރުގައި އިދިކޮޅު ކޯލިޝަނުން ގޮސްފައި ވަނީ އދ. މަހިބަދޫއާއި، ކުނބުރުދޫ އަދި ދަނގެއްޗަށެވެ. އަންނަ ހަފްތާގައި އެހެން އަތޮޅަކަށް ދާނެ ކަމަށް ކޯލިޝަނުން ވަނީ ކުރިން ބުނެފައެވެ.

comment ކޮމެންޓް