އުނގަންނައިދިނުމުގައި ޓެކުނޮލޮޖީ ބޭނުންކުރުން

އިސްކަންދަރު ސްކޫލުގެ ދަރިވަރުން ޓެބްލެޓް ބޭނުންކުރަނީ-- ފައިލް ފޮޓޯ: އިސްކަންދަރު ސްކޫލު

މީގެ ހައެއްކަ އަހަރު ކުރިއްސުރެ ސިޑްނީގެ އަމިއްލަ ސްކޫލެއްގައި އައިޕެޑު މެދުވެރިކޮށް ދަރިވަރުންނަށް ފޯރުކޮށްދެމުން އައި އިލެކްޓުރޯނިކު ޓެކްސްޓުފޮތުގެ ބަދަލުގައި ޗާޕުކުރި ފޮތްތައް އަލުން ބޭނުންކުރަން ނިންމި ވާހަކަ މީގެ ދުވަސްކޮޅެއް ކުރީން، ނޫހެއްގައި ލިޔެފައިވަނިކޮށް ފެނުނެވެ. ބައެއް މީހުން މިޚަބަރު މީސްމީޑިޔާގައި ހިއްސާކޮށް، ޚިޔާލު ފާޅުކުރި އެވެ. އެއްބަޔަކު ބުނެފައިވާ ގޮތުގައި އޮސްޓްރޭލިޔާ ފަދަ ގައުމެއްގެ ސާނަވީ ސްކޫލެއްގައި ކިޔަވައިދިނުމަށް އައިޕެޑު ބޭނުންކުރުން ރަނގަޅު ނޫންކަމަށް ގަބޫލުކުރެވިގެން އެކަން ހުއްޓާލަން ގަސްތުކުރި އިރު، ރާއްޖޭގެ ހުރިހާ ސުކޫލެއްގައި ޓެބުލެޓު ބޭނުންކޮށްގެން ކިޔަވައިދޭ ވާހަކަ ދެއްކުމަކީ ދެކޮޅުޖެހޭ ކަމެއް ނޫނެވެ. މިއީ ބަހުސްކުރެވިދާނޭ ކަމެކެވެ. އަޅުގަނޑުގެ ބޭނުމަކީ މިބަހުސުގައި ބައިވެރިވުމެއް ނޫނެވެ. އުނގަންނައި ދިނުމުގައި ޓެކުނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމުގައި ތަރައްގީވަމުން އަންނަ ރާއްޖެ ފަދަ ގައުމުތަކަށް ކުރިމަތިވެދާނޭ ބައެއް ކަންކަމާމެދު އެއްޗެއް ދަންނަވައިލުމެވެ.

ޓެކުނޮލޮޖީގެ އައު އުފެއްދުންތައް ޚާއްސަކޮށް މުވާސަލާތުކުރުމާއި މައުލޫމާތު ހޯދުމަށް ބޭނުންކުރާ އެކިއެކި އައު އުފެއްދުންތައް ބާޒާރަށް އަންނަނީ، އަދި ބަދަލުވަނީ ގިނަ މީހުން ހީކުރާ ވަރަށް ވުރެ މާއަވަހަށެވެ. އެއާ އެކު އުނގެނުމާއި އުނގަންނައި ދިނުމުގައި މިފަދަ އެކިއެކި އުފެއްދުންތައް ބޭނުންކުރުމަށް ދެވޭ ސަމާލުކަން ވެސް ފާހަގަ ކުރެވެ އެވެ. މިގޮތުން އެކި ހާލަތްތަކުގައި އެކި ގޮތްގޮތަށް މި ވަސީލަތްތައް ބޭނުންކުރުމަށް ވަކާލާތު ކުރާތަން ފެނެ އެވެ. ނަމަވެސް ތަރައްގީވަމުން އަންނަ ގައުމުތަކަށް، މިމަގަކީ ގިނަ ފަހަރަށް އެހާ ސީދަލަށް ހިނގެން އޮންނަ މަގަކަށް ނުވެ އެވެ.

ފުރަތަމަ ކަމަކީ ފިލާވަޅުތަކުގައި ހަރުދަނާގޮތެއްގައި ޓެކުނޮލޮޖީގެ ވަސީލަތްތައް ހިމަނައިގެން ކިޔަވައިދެވޭ މިންވަރަށް މުދައްރިސުންނަށް މައުލޫމާތާއި ހުނަރު ލިބިފައި ނެތުމެވެ. ޚާއްސަގޮތެއްގައި މިކަމަށް އަމާޒުކުރެވިގެން ދެމެހެއްޓެނިވި ގޮތެއްގައި، މަންފާކުރަނިވި ސްޓާފް ޑިވެލޮޕްމެންޓު ޕްރޮގުރާމުތަކެއް ހިންގޭނެ އިންތިޒާމެއް ނެތުމެވެ. މިހެންވުމުން އަލަށް ތައާރުފުވާ އުފެއްދުންތަކަށް ފަރިތަވުމަށް މުދައްރިސުންނަށް ދަތިތަކާ ކުރިމަތިވެ އެވެ. ދެވަނަ ކަމަކީ ބޭނުންވާ ރަނގަޅު ވަސީލަތްތައް ގާއިމުވެފައި ނެތުމެވެ. މީގެތެރޭގައި އެކި ކަންކަމަށް ބޭނުންވާނޭ އާލާތްތަކާއި ސޮފްޓުވެއަރތަކާއި އެކަށީގެންވާ ހަލުވި އިންޓަރނެޓުގެ ޚިދުމަތް ހިމެނެ އެވެ. ނަމަވެސް މި ނުކުތާގައި ފާހަގަކުރަން ބޭނުންވާ މުހިއްމު ކަމަކީ އެންމެ ފަހުގެ ނުވަތަ އެންމެ އަގުބޮޑު ވަސީލަތަކީ ހުރިހާ ހާލަތެއްގައި އެންމެ ބޭނުންތެރި ވަސީލަތަށް ނުވެ ހިނގައިދާނެކަމެވެ. ވަސީލަތްތައް ހޯދަންވާނީ ކުރަންއުޅޭ ބޭނުމަށް ރިއާޔަތް ކޮށްގެންނެވެ. ތިންވަނަ ކަމަކީ ޓެކުނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމުގައި ދަރިވަރުންނަށާއި މުދައްރިސުންނަށް ދުވަހީގޮތެއްގައި ދިމާވާ ދަތިތަކާއި އުނދަގޫތައް އަވަހަށް ހައްލުކޮށްދެވޭނޭ ދެމެހެއްޓެނިވި ސަޕޯޓު ނިޒާމެއް ގާއިމުކުރެވިފައި ނެތުމެވެ. މީގެ ސަބަބުން ދިމާވާ މައްސަލަތައް ހައްލުނުކުރެވި، ބޭނުންކުރާ އާލާތަކީ ނުވަތަ ކިޔަވައިދެވޭ ގޮތަކީ ތަކުލީފެއްކަމުގެ އިހުސާސް ކުރެވި، ކުރީގެ ގޮތަށް ރުޖޫއަވުމަށް މަގުފަހިވެ އެވެ.

އަލަށް ތައާރަފުކުރެވޭ އީޖާދީ އުފެއްދުންތައް، ޚާއްސަކޮށް ޓެކުނޮލޮޖީ އާ ގުޅުން ހުރި އުފެއްދުންތައް އުމުޖުތަމައެއްގެ ތެރޭގައި ވައިގައި ހިފުމަށް މެދުވެރިވާ ސަބަބުތަކެއް ހުރެ އެވެ. އެއްކަމަކީ އެއުފެއްދުމެއް ނުވަތަ އެއްޗަކީ އެއިރެއްގައި ބޭނުންކުރަމުން އައި އެއްޗަށް ވުރެ ރަނގަޅު ނުވަތަ ބޮޑަށް މަންފާ ކުރަނިވި އެއްޗެއް ކަމުގައި ބޭނުންކުރަން ތިބި މީހުންނަށް ގަބޫލުކުރެވުމެވެ. ދެވަނަ ކަމަކީ ތައާރަފުކުރެވޭ އުފެއްދުމާއި، ބޭނުންކުރަން ތިބި މީހުންގެ އާއްމު ވިސްނުމާއި ތަޖުރިބާ އާއި ބޭނުންތަކާ ހުރި ދުރުގާތްމިނެވެ. ތިންވަނަ ކަމަކީ އެ އުފެއްދުމެއް ބޭނުންކުރަން ފަސޭހަ މިންވަރެވެ. ހަތަރުވަނަ ކަމަކީ އެ އުފެއްދުމެއް ބޭނުންކުރުމުގެ ސަބަބުން ބޭނުންކުރާ މީހުންނަށް ލިބޭ ފަސޭހަ ނުވަތަ މަންފާ އެމުޖުތަމައުގައި ދިރިއުޅޭ އެހެންމީހުންނަށް ފެންނަން ހުރުމެވެ. އަދި އެންމެ ފަހު ކަމަކީ އަޖުމަ ބެލުމުގެގޮތުން، އައު އުފެއްދުން ބޭނުންކުރުމުގެ ފުރުސަތު އޮތް މިންވަރެވެ. ވިސްނުންތެރިކަމުގެ ނަޒަރަކުން ބަލައިފި ނަމަ، ދުނިޔޭގެ ޓެކުނޮލޮޖީގެ ބިޔަ ކުންފުނިތަކުން މީގެތެރެއިން ގިނަ ކަންކަމަށް ރިއާޔަތްކޮށްގެން އެމީހުންގެ އެކި އުފެއްދުންތައް އުފައްދާކަމާއި އިޝްތިހާރު ކުރާކަން ފާހަގަ ވާނެ އެވެ.

އުނގަންނައިދިނުމުގައި ހާސިލުކުރަން ބޭނުންވާ މަގުސަދުތަކާއި ބޭނުންކުރަން ގަސްތުކުރާ ޓެކުނޮލޮޖީގެ ވަސީލަތްތަކާ ނުވަތަ ޓެކުނޮލޮޖީ ބޭނުންކުރާ ގޮތާ ފުށުއެރުމަކީ ބައެއް ހާލަތްތަކުގައި ދިމާވާ ކަމެކެވެ. ކިޔަވައިދެނީ މަންހަޖުގައި ކަނޑައެޅިފައިވާ ކަންތައްތަކެއް ދަރިވަރުންނަށް ދަސްކޮށްދިނުމަށެވެ. މީގެތެރޭގައި އެކި ދާއިރާތަކުން އުނގަންނައިދޭ މައުލޫމާތާއި ހުނަރާއި ދަރިވަރުންގެ ކިބައިގައި ހަރުލައްވަން ބޭނުންވާ ސުލޫކީ، އަޚުލާގީ ސިފަތަކެއް ހިމެނެ އެވެ. ގިނަ ފަހަރަށް މިކަންކަމަކީ އެގައުމެއްގެ އާދަކާދަ އާއި ސަގާފަތާ ލާމެހިފައިވާ ގޮތެއްގައި ކަނޑައެޅިފައި ހުންނަ ކަންކަމެވެ. މިހެންވުމުން ކިޔަވައިދިނުމަށް ވަކިގޮތެއް ނުވަތަ ވަކި ވަސީލަތެއް ބޭނުންކުރުމުގައި މިކަންކަމަށް ރިއާޔަތްކުރާތަން ފެނެ އެވެ. އެހެނީ ކިޔަވައިދިނުމަށް ބޭނުންކުރާ ގޮތްތަކާއި ވަސީލަތްތައް އުނގަންނައިދިނުމުގެ މަގުސަދާ ފުށުއަރާ ނަމަ އަމަލީ ގޮތުން ތަންފީޒުކުރުމުގެ މަރުހަލާގައި އެކިފަރާތްތަކުގެ ދެކޮޅުހެދުންތަކާ ކުރިމަތިވުމަކީ ގާތްކަމެކެވެ. ނަތީޖާއަކަށް ވާނީ ކާމިޔާބަށް ވުރެ ނާކާމިޔާބު ކައިރިވުމެވެ.

އުނގެނުމާއި އުނގަންނައި ދިނުމުގައި ފުރަތަމަ ކުރަންވީ ކަމަކީ އަގުބޮޑު ސާމާނު ހޯދުމެއް ނޫނެވެ. ފަރުވާތެރިކަމާ އެކު ރޭވިފައިވާ އޮނިގަނޑެއްގެ ތެރެއިން އިންސާނީ ވަސީލަތްތައް ބިނާކުރުމެވެ. މުދައްރިސުންނަށް އެކަށީގެންވާ ތައުލީމާއި ތަމްރީނު މިރޮނގުން ދިނުމެވެ. އެއާއެކު ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމުކޮށް ހަމަކުރަންވީ އެވެ. ނޫން ނަމަ، އެތައް ހާސް ރުފިޔާގެ އަގުހުރި ސްމާޓުބޯޑު (އިންޓަރެކްޓިވް ވައިޓްބޯޑް)، ހަމައެކަނި އޯވަރހެޑް ޕްރޮޖެކްޓަރުގެ އިސްކިރީނުގެ ގޮތުގައި ބޭނުންކުރުން ފަދަ ކަންކަން ފެނިދާނެ އެވެ. މިހާލަތުގައި އެއްކަލަ އަގުބޮޑު ސްމާޓުބޯޑާއި ކިލާހުގެ ހުދު ފާރަކާ ހުރި ފަރަގަކީ ކޮބައިހެއްޔެވެ؟

comment ކޮމެންޓް