ސަރުކާރުގެ އަމާޒަކީ އަންހެނުންގެ އިގްތިސޯދީ ބައިވެރިވުން އިތުރުކުރުން: ޝިދާތާ

ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފާއި ސަރުކާރުގެ ބައެއް އަންހެން ވަޒީރުން ---- ފޮޓޯ/ ރައީސް އޮފީސް

ވިޔަފާރީގެ ފަހި ފުރުސަތުތައް ތަނަވަސްކޮށްދީގެން އަންހެނުންގެ އިގުތިސޯދީ ބައިވެރިވުން އިތުރުކުރުމަކީ ސަރުކާރުގެ އަމާޒު ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އިންޑިއާގެ ޖަބަލްޕޫރްގައި މަދްޔަ ޕްރަދޭޝް އެސޯސިއޭޝަން އޮފް ވިމެން އޮންޓަޕްރިނިއާސް (އެމްއޭވީއީ) އިން މިހާރު ކުރިއަށް ގެންދާ ކުރިއަށް ގެންދާ ސަސްޓެއިނަބަލް ގްރޯތު އޮފް ވިމެން އޮންޓަޕްރިނިއާސް އެންޑް އެކްސްޕޯޓް ޕްރޮމޯޝަން 2019 އިވެންޓުގެ އިފުތިތާހީ ޖަލްސާގައި އިއްޔެ ވާހަކަދައްކަވަމުންނެވެ.

ޝިދާތާ ވިދާޅުވީ ރާއްޖޭގެ އިގްތިސޯދުގައި އެންމެ މުހިންމު ދެ ސިނާއަތަކީ ފަތުރުވެރިކަމާއި މަސްވެރިކަން ކަމަށާއި، ސަރުކާރުން މަސައްކަތްކުރަމުން ދަނީ އެ ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވައި، އަންހެނުންގެ ބައިވެރިވުން އިތުރުކުރަން ކަމަށެވެ.

ޝިދާތާ ވަނީ އިގްތިސޯދާ ގުޅުންހުރި ސިޔާސަތުތައް އެކުލަވައިލުމާއި ތަންފީޒުކުރުމުގެ މަރުހަލާގައި އަންހެނުންގެ ދައުރު މުހިންމުކަމަށް ވިދާޅުވެ، ވިޔަފާރިއާއި އިގްތިސޯދީ ކަންކަމާ ގުޅުން ހުރި ވުޒާރާގެ ސިޔާސަތުތައް ކަނޑައަޅާ އެންމެ އިސް މަގާމުތަކުގައި އަންހެނުން ތިބިކަން ފާހަގަކުރައްވައިފައެވެ.

ހަމައެއާއެކު އަންހެން ވިޔަފާރިވެރިން އިތުރުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، ވަކިން ހާއްސަކޮށް ރަށްފުށުގައި ދިރިއުޅޭ އަންހެނުންނަށް ލުއި ލޯނާއި މޮބައިލް ބޭންކިންގެ ހިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުން ހިމެނޭ ކަމަށް ޝިދާތާ ވިދާޅުވިއެވެ.

ޝިދާތާ ވިދާޅުވީ އަންހެނުން އިގްތިސޯދީ ގޮތުން ބާރުވެރިކުރުވުމަށް ޖެންޑަ މިނިސްޓްރީން ޖެންޑާ އިކުއަލިޓީ ޕޮލިސީއާއި ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭން ވުޖޫދަށް އައުމުގެ މަރުހަލާގައި އޮތް ކަމަށެވެ.

އަދި އެ އެކްޝަން ޕްލޭން ވުޖޫދުވެގެން އައުމުން ގައުމުގެ އިގްތިސޯދީ ތަރައްގީގައި އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ފުރުސަތެއް ފަހިވެ، އިގްތިސޯދީ ބައިވެރިވުމާއި ބާރުވެރިކަމުގައި އަންހެނުންނާއި ފިރިހެނުންނަށް އެއް ހަމައެއްގައި ފައިދާކުރާނެ ކަމަށެވެ.

ސްވީޕް 2019 އިވެންޓުގައި 21 މެމްބަރުން ހިމެނޭ އަންހެނުންގެ ވަފުދެއް ރާއްޖެ ތަމްސީލު ކުރަމުން އަންނަ އިރު، އެ ވަފުދުގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި މަސައްކަތް ކުރައްވަނީ މިނިސްޓަރު ޝިދާތާއެވެ.

މިދިޔަ އޮގަސްޓު މަހުގެ 30 ން މާދަމާގެ ނިޔަލަށް ޝިދާތާ އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުގައި، އޯގަސްޓު މަހުގެ 31ން ސެޕްޓެންބަރު މަހުގެ ތިން ވަނަ ދުވަހަށް ނިއު ދިއްލީގައި ކުރިއަށް ދިޔަ ސައުތު އޭޝިއާ ވިމެންސް ނެޓްވޯކްގެ 10ވަނަ ކޮންފަރެންސްގައިވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

comment ކޮމެންޓް