ޗަންދުރަޔާން-2 އަށް ހަނދަށް ނުޖެއްސި އިންޑިއާގެ އުންމީދު ފެނަށް

ހަނދަށް ޖައްސައި އެތަނުގެ ދިރާސާތަކެއް ހެދުމަށް އިންޑިއާގެ ސްޕޭސް އެންޑް ރިސާޗް އޯގަނައިޒޭޝަންސް (އިސްރޯ) އިން ލޯންޗު ކުރި ޖައްވީ އުޅަނދު ޗަންދުރަޔާން-2، ހަނދަށް ޖައްސަން ކުރި ދަތުރު ނާކާމިޔާބުވެ އެ މިޝަން ފެއިލްވެއްޖެ އެވެ.

މިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހު އިންޑިއާގެ އަންދްރަ ޕްރަދޭޝްގައި ހުންނަ ސަތިޝް ދަވަން ސްޕޭސް ސެންޓަރުން ޖައްވަށް އުދުއްސާލި ޗަންދުރަޔާން-2 ހަނދަށް ޖެއްސުމަށް މަސައްކަތް ކުރީ ރޭ ދަންވަރު 1:30 އާއި 2:00 އާ ދެމެދުގެ ވަގުތެއްގަ އެވެ.

އިންޑިއާގެ އެ ތާރީހީ މިޝަން ލައިވްކޮށް ބައްލަވާލެއްވުމަށް ބެންގަލޫރޫގައި ހުންނަ އިސްރޯ ސްޓޭޝަނަށް ބޮޑު ވަޒީރު ނަދެންދުރަ މޯދީ ވަޑައިގެން އިންނެވި އެވެ.

އިސްރޯގެ ޗެއާމަން ކޭ. ސިވަން ރޭ ހާމަކުރެއްވި ގޮތުގައި ޗަންދުރަޔާން-2 ހަނދުގެ ޖައްވުގެ ތެރެއަށް ވަދެ ހަނދުގެ ސައުތު ޕޯލްގައި ޖެއްސުމަށް މަޑުމަޑުން ތިރި ކުރަމުން ދަނިކޮށް ކުއްލިއަކަށް އުޅަނދާއި ކޮންޓްރޯލާ ދެމެދު އެކީ ގުޅުން ކެނޑުނީ އެވެ. އަދި ގުޅުން ކެނޑުނު އިރު އެ އުޅަނދު ހަނދަށް ޖެއްސުމަށް ގިރާ ކުރަން ޖެހޭ ރާސްތާގައި ބާކީ އޮތީ 2.1 ކިލޯ މީޓަރު ކަމަށް ކޭ ސިވަން ރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއީ ހަނދަށް ޖެއްސުމުގެ އެންމެ ފަހު ސިކުންތު ކޮޅެވެ. އޭގެ ކުރިން ހުރިހާ ކަމެއް ވެސް ދިޔައީ ރަނގަޅަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ އެންމެ ނޭވާ ހިފަހައްޓާލަން ޖެހޭ ވަގުތުކޮޅެވެ.

ކޭ ސިވަން ސިފަކުރެއްވި ގޮތުގައި ފަހު 15 މިނެޓަކީ، އެ މިޝަންގެ އެންމެ "ބިރުވެރި" ވަގުތުކޮޅެވެ.

ޗަންދުރަޔާން-2 އާއި ދުނިޔެއާ ގުޅުން ކެނޑި އެ މިޝަން ފެއިލްވުމާ އެކު އެ ސެންޓަރުގައި ތިއްބެވި އިންޖިނޭރުންނާ މުހާތަބު ކުރައްވައި ހިތްވަރު ދެއްވަމުން ބޮޑުވަޒީރު ނެރަންދުރަ މޯދީ ވިދާޅުވީ މިއީ ވެސް އިންޑިއާގެ ސްޕޭސް ޕްރޮގްރާމްގައި ލިބުނު ކާމިޔާބެއް ކަމަށެވެ. އަދި މިއީ ހަނދަށް ޖެއްސުމަށް އިންޑިއާއިން ދެކޭ ހުވަފެން ހަގީގަތަކަށް ހަނދަން ލިބުނު އިތުރު ހިތްވަރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އާ ހިތްވަރަކާ އެކު އަނެއްކާ ވެސް ގަދައަޅައި މަސައްކަތް ކުރުމަށް އޭނާ ވަނީ ސައިންޓިސްޓުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

އިންޑިއާ އަކީ، ހަނދަށް އުޅަނދެއް ފޮނުވި ދުނިޔޭގެ ހަތަރު ވަނަ ގައުމެވެ. ނަމަވެސް އިންޑިއާއިން އުންމީދުކުރީ ޗަންދުރަޔާން-2 ވެގެންދާނީ ހަނދުގެ ސައުތު ޕޯލްގައި ޖައްސާނެ ފުރަތަމަ އުޅަނދަށް ވާނެ ކަމަށެވެ.

އިންޑިއާއިން ރާވާފައި އޮތީ އެ އުޅަނދު ހަނދުގައި ޖެއްސުމަށް ފަހު 14 ދުވަސް ވަންދެން ދިރާސާތައް ކުރިއަށް ގެންދާށެވެ. މީގެ ކުރިން ރަޝިއާ، އެމެރިކާ އަދި ޗައިނާއިން ހަނދަށް ގޮސްފައިވީ ނަމަވެސް، އިންޑިއާގެ މިޝަންގައި ދިރާސާ ކުރަން ނިންމާފައި އޮތީ، މީގެ ކުރިން އެއްވެސް ގައުމަކުން ދިރާސާ ކޮށްފައި ނުވާ ލޫނާ ސައުތު ޕޯލެވެ.

އިންޑިއާ އިން ވަނީ މީގެ ކުރިން ވެސް، ޗަންދުރަޔާން-1 ކިޔާ އުޅަނދެއް ހަނދަށް ފޮނުވައިފަ އެވެ. ނަމަވެސް އޮކްޓޯބަރު 2008 އިން އޮގަސްޓު 2009 އަށް ކުރިއަށް ގެންދިޔަ އެމިޝަނުގައި އެއުޅަނދު ހަނދުގައި ޖައްސާފައި ނުވެ އެވެ. އަދި އޭގެ ބަދަލުގައި ހަނދުގެ ދިރާސާތައް ހެދީ ހަނދުގެ ވަށައިގެން ބުރު ޖަހަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް