ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީއަކަށް ހުސައިން ރަޝީދު ހަމަޖައްސައިފި

ޝެއިހް ހުސައިން ރަޝީދު -- ސަން ފައިލް ފޮޓޯ

ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

އެޑިޝަނަލް ސެކްރެޓަރީގެ މަގާމަށް ރައީސް އައްޔަން ކުރައްވާފައި ވަނީ އައްޝައިހް ހުސައިން ރަޝީދު އަހުމަދެވެ. "ސަން" އަށް އެނގިފައިވާ ގޮތުގައި ހުސައިން ރަޝީދު އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ އިއްޔެ އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރީ ޑެޕިއުޓީ މިނިސްޓަރުގެ ފެންވަރުގަ އެވެ.

ކުރިން އަދާލަތު ޕާޓީގެ ރައީސްކަން ވެސް ކުރެއްވި އަދި އެމްޑީޕީގައި އިސް ދައުރެއް އަދާކުރައްވާ ހުސައިން ރަޝީދަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމަށް ހުސެއިން ރަޝީދު އައްޔަން ކުރެއްވުމާއެކު އެ މިނިސްޓްރީގައި އެޑިޝަނަލް ސެކްރެޓަރީންގެ މަގާމުގައި މިހާރު ތިން ބޭފުޅުން ތިއްބަވަ އެވެ.

ހުސައިން ރަޝީދް އާއެކު ދެން އެޑިޝަނަލް ސެކްރެޓަރީންގެ ގޮތުގައި ތިއްބަވަނީ އަމީން ޖާވިދް ފައިސަލް އާއި އަހްމަދު ޝިއާން އެވެ. އެބޭފުޅުންނާ އެކު، ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ މަގާމުތަކުގައި ފޮރިން މިނިސްޓްރީގައި ހަތް ބޭފުޅަކު ތިއްބަވަ އެވެ.

comment ކޮމެންޓް