ޗަންދުރަޔާން-2 ހަނދަށް ޖައްސަނީ، އިންޑިއާއަށް ބޮޑު ރެއެއް!

އިންޑިއާގެ ޗަންދުރަޔާން-2 އުދުއްސާލަނީ: މިރޭ މެންދަމުގެ ވަގުތެއްގައި އެ އުޅަނދު ހަނދަށް ޖައްސާނެ ކަމަށް ބެލެވޭ ---

ހަނދުގެ ދިރާސާތައް ހެދުމަށް އިންޑިއާގެ ސްޕޭސް އެންޑް ރިސާޗް އޯގަނައިޒޭޝަންސް (އިސްރޯ) އިން ލޯންޗު ކުރި ޖައްވީ އުޅަނދު ޗަންދުރަޔާން-2 މިރޭ މެންދަމުގެ ވަގުތެއްގައި ހަނދަށް ޖެއްސުމަށް މަސައްކަތް ކުރާނެ ކަމަށް އިސްރޯ އިން ބުނެފި އެވެ.

ޗަންދުރަޔާން-2 އަށް ކާމިޔާބު ކަމާއެކު ހަނދުގައި ޖެއްސިއްޖަނަމަ، އިންޑިއާ ވެގެންދާނީ ހަނދަށް އުޅަނދެއް ފޮނުވި ދުނިޔޭގެ ހަތަރު ވަނަ ގައުމަށެވެ. ނަމަވެސް އިންޑިއާއިން އުންމީދުކުރަނީ ޗަންދުރަޔާން-2 ވެގެންދާނީ ހަނދުގެ ސައުތު ޕޯލްގައި ޖައްސާނެ ފުރަތަމަ އުޅަނދަށް ވުން ކަމަށެވެ.

އިސްރޯ އިން ބުނީ، ޗަންދުރަޔާން-2 ހަނދަށް ޖައްސާނެ ކަމަށް ބެލެވެނީ މިރޭ ދަންވަރު 1:30 އާއި 2:30 އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ. އުޅަނދު ހަނދަށް ޖައްސަން ކައިރިވެފައި ވާއިރު، އެ މިޝަންގައި މަސައްކަތް ކުރަމުން އަންނަ 1000 އެއްހާ އިންޖިނިއަރުންނާއި ސައިންޓިސްޓުން ތިބީ ނޭވާ ހިފަހައްޓާލައިގެން އެވެ.

އަދި ހަނދުގައި ޖައްސާ ވަގުތުކޮޅު ވެގެންދާނީ ވަރަށް "ބިރުވެރި" ވަގުތުކޮޅަކަށް ކަމަށް އިސްރޯގެ ޗެއާމަން ކޭ. ސިވަން ވަނީ ވިދާޅުވެފަ އެވެ.

އިންޑިއާގެ އުޅަނދު ހަނދުގައި ޖައްސާ މަންޒަރު ލައިވްކޮށް ބެއްލެވުމަށް އިންޑިއާގެ ޕްރައިމް މިނިސްޓަރު ނަރެންދުރަ މޯދީ، ބެންގަލޫރޫގައި ހުންނަ އިސްރޯ ސްޓޭޝަނަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. މޯދީ އާއެކު މަތީ ސާނަވީގައި ކިޔަވަމުން އަންނަ އެ ގައުމުގެ 70 ވަރަކަށް ދަރިވަރުން ވެސް ބައިވެރިވާނެ އެވެ.

ހަނދުގައި ޖެއްސުމަށްފަހު ހަނދުގައި 14 ދުވަސް ވަންދެން ދިރާސާތައް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ. މީގެ ކުރިން ރަޝިއާ، އެމެރިކާ އަދި ޗައިނާއިން ހަނދަށް ގޮސްފައި ވީނަމަވެސް، އިންޑިއާގެ މިޝަންގައި ދިރާސާ ކުރާނީ މީގެ ކުރިން އެއްވެސް ގައުމަކުން ދިރާސާ ކޮށްފައި ނުވާ ލޫނާ ސައުތު ޕޯލެވެ.

އެހެންކަމުން ދުނިޔޭގެ މުޅި ސައިންޓިފިކް ކޮމިއުނިޓީ އިން އިންޑިއާގެ މިޝަން އާ ދޭތެރޭ ބޮޑު އުންމީދެއް ކުރާ ކަމަށް ކޭ. ސިވަން ވިދާޅުވި އެވެ.

އިންޑިއާގެ އަންދްރަ ޕްރަދޭޝްގައި ހުންނަ ސަތިޝް ދަވަން ސްޕޭސް ސެންޓަރުން ޗަންދުރަޔާން-2 ލޯންޗު ކުރީ ޖުލައި މަހުގެ 22 ވަނަ ދުވަހު އެވެ.

އިންޑިއާއިން ވަނީ މީގެ ކުރިންވެސް، ޗަންދުރަޔާން-1 ކިޔާ އުޅަނދެއް ހަނދަށް ފޮނުވާފަ އެވެ. ނަމަވެސް އޮކްޓޯބަރު 2008 އިން އޮގަސްޓު 2009 އަށް ކުރިއަށް ގެންދިޔަ އެމިޝަނުގައި އެއުޅަނދު ހަނދުގައި ޖައްސާފައި ނުވެއެވެ. އަދި އޭގެ ބަދަލުގައި ހަނދުގެ ދިރާސާތައް ހެދީ ހަނދުގެ ވަށައިގެން ބުރު ޖަހަމުންނެވެ.

comment ކޮމެންޓް