ކަޝްމީރުގައި ލޭންޑްލައިންގެ ހިދުމަތް ލިބޭ ގޮތް ހަދައިފި: އިންޑިއާ

ކަޝްމީރުގައި ލޭންޑްލައިންގެ ހިދުމަތް ދޭން ފަށާފައިވާ ކަމަށް އިންޑިއާއިން ބުނޭ -- ފޮޓޯ: އޭޕީ

ސްރީނަގަރު (ސެޕްޓެމްބަރު 6): ކަޝްމީރުގައި އިންޑިއާއިން ވެރިކަން ކުރާ ފަޅީގެ ހުރިހާ ސަރަހައްދެއްގައިވެސް މިހާރު ލޭންޑްލައިންގެ ހިދުމަތް ބޭނުން ކުރެވޭ ގޮތް ހަދާފައިވާ ކަމަށް އިންޑިއާއިން ބުނެފި އެވެ.

އިންޑިއާގެ އޮފިޝަލުންތަކަކާ ހަވާލާދީ އޭޕީގައިވާ ގޮތުން އިއްޔެ އެހިދުމަތް އަލުން ދޭން ފެށުމާ އެކު ކަޝްމީރުގެ ރައްޔިތުން ވަނީ އޮފީސްތަކަށާއި ލޭންޑްލައިންތައް ހުންނަ ގެތަކަށް އެއްވެ، އެމީހުންގެ ގާތްތިމާގެ މީހުންނަށް ގުޅޭތޯ މަސައްކަތް ކުރަން ފަށާފަ އެވެ.

ނަމަވެސް ކަޝްމީރުގެ ސްރީނަގަރުގައި ދިރިއުޅޭ ބައެއް މީހުންނާއި، އިންޑިއާގެ އެހެން ސަރަހައްދުތަކުގައި ތިބި އެމީހުންގެ އާއިލާގެ މެމްބަރުން ވަނީ ފޯނުން ގުޅުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް ބުނެފަ އެވެ. އަދި ކަޝްމީރުގެ ގިނަ ސަރަހައްދުތަކުގައި އަދިވެސް މޮބައިލް ފޯނާއި އިންޓަނެޓު ބޭނުން ނުކުރެވޭ ކަން ފާހަގަކޮށްފަ އެވެ.

އިންޑިއާއިން ކަޝްމީރުގެ މުވާސަލާތީ ވަސީލަތްތައް ކަނޑާލީ އެސަރަހައްދަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް މިދިޔަ މަހުގެ ފަހެއްގައި ކަނޑާލުމުގެ ކުރިންނެވެ. އޭގެ ފަހުން އެގައުމުން ވަނީ ކަޝްމީރަކީ އަމިއްލަ ވެރިކަމެއް އޮންނަ ސްޓޭޓެއްގެ ބަދަލުގައި ދިއްލީގެ މައި ސަރުކާރުން ބާރު ހިންގާ ދެ ފެޑެރަލް ޓެރިޓަރީއަށް ހަދަން ނިންމާފަ އެވެ.

އިންޑިއާއިން ބުނި ގޮތުގައި ކަޝްމީރުގެ މުވާސަލާތީ ވަސީލަތްތައް ކަނޑާލީ ދޮގު ހަބަރާއި ހަމަނުޖެހުމަށް މަގުފަހިވާ ފަދަ މައުލޫމާތު ފެތުރުން ހުއްޓުވުމަށްޓަކަ އެވެ.

comment ކޮމެންޓް