ޓޫރިޒަމް މިނިސްޓްރީގެ އިސް މަގާމަކަށް ސްމިތު އައްޔަންކޮށްފި

އަލީ ހާޝިމް (ސްމިތް) ---

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ އަލީ ހާޝިމް (ސްމިތު) ޓޫރިޒަމް މިނިސްޓްރީގެ އިސް މަގާމަކަށް އައްޔަންކޮށްފި އެވެ.

ސުމިތަކީ ރައީސް ޔާމީނުގެ ސަރުކާރާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ބޭއްވި ހަރަކާތްތަކުގައި އުޅުނު އެކްޓިވިސްޓެކެވެ. އެމްޑީޕީގެ ހަރަކާތްތަކުގެ ތެރެއިން އޭނާ ވަނީ ވަރަށް ގިނައިން ހައްޔަރުވެސްކޮށްފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސްމިތު އައްޔަނު ކުރީ ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވްގެ މަގާމަށެވެ. އޭނާ އެ މަގާމަށް އައްޔަނު ކުރީ މިދިޔަ ބުދަ ދުވަހު އެވެ.

ސްމިތުގެ މައްޗަށް މީގެ ކުރިން އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހަށް ބިރުދެއްކި ކަމުގެ ތުހުމަތުވެސް ކުރެވުނެވެ. އަދ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސިއްދީގަށް ހަމަލާދިން ކަމަށްވެސް އޭނާއަށް ތުހުމަތު ކުރެވުނެވެ. އެ މައްސަލައިގައި އޭނާ ހައްޔަރުވެސް ކުރި އެވެ. އެކަމަކު ފަހުން ދޫކޮށްލީ އެވެ.

މީގެ އިތުރުން އޫނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައާ ގުޅިގެންވެސް އޭނާ ހައްޔަރު ކުރި އެވެ. އެކަމަކު، އޭނާ ފަހުން ދޫކޮށްލި އެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ. އޭރު އިދިކޮޅުން ބުނަމުން ދިޔައީ އޭނާ ހައްޔަރު ކުރީ ސިޔާސީ ގޮތުން ކަމަށެވެ.

އެމްޑީޕީގެ ހަރަކާތްތަކުގައި އުޅުނު މީހުންނަށް ވަޒީފާ ހަމަޖައްސައިދިނުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދާދި ފަހުން ވިދާޅުވެފައި ވަނީ އެ ޕާޓީގެ ހަރަކާތްތަކުގައި އުޅުނު އެންމެންނަށް ސަރުކާރުގެ ވަޒީފާ ހަމަޖައްސައިދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"ރަނގަޅު ޕެޕާ ސްޕްރޭ ޖެހުނު މީހުންނަށް ވެސް ކަމެއް އޮންނަން ވާނެ. އެ މީހުން ވެސް ކަމެއްގައި އުޅެން ވާނެ. އެކަމަކު ހުރިހާ އެންމެންނަށް ސަރުކާރުން ވަޒީފާ ދީގެން ފުލް އމްޕްލޮއިމަންޓަކަށް ނުގެންދެވޭނެ، އެއީ ވާނެ ކަމެއް ނޫން. އެއީ ކުރެވޭނެ ވެސް ކަމެއް ނޫން،" އެމްޑީޕީގެ ޔޫތް ކޮންފަރެންސުގައި ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ އެކްޓިވިސްޓުންނަށް ސަރުކާރުން ސިޔާސީ މަގާމުތައް ދޭތީ ބައެއް އާންމުން ކަންބޮޑުވުން ފާޅު ކުރެ އެވެ. އަދި ސަރުކާރުގެ ސިޔާސީ މަގާމުތައް ގިނަވާތީވެސް ކަންބޮޑުވުން ފާޅުކުރެ އެވެ.

މިިދިޔަ ޖުލައި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހު ހާމަކުރެއްވި ގޮތުގައި ސަރުކާރުގައި އެ ދުވަހުގެ ނިޔަލަށް 334 ސިޔާސީ މަގާމު ހުއްޓެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ވެރިކަމުގައި 465 މީހުން ސިޔާސީ މަގާމުތަކަށް އައްޔަން ކުރި އެވެ. ރައީސް ވަނީ ކުރީގެ ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ވުރެ މި ސަރުކާރުގެ ސިޔާސީ މަގާމުތައް މަދު ކުރައްވާނެ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ.

comment ކޮމެންޓް