އިންޑިއާގެ އަންހެނަކު 74 އަހަރުގައި، ދެ ކުދިންގެ މަންމައަކަށް!

ޑޮކްޓަރުން ބުނި ގޮތުގައި މަންމަ އާއި ދެ ކުދިންގެ ހާލުވެސް ރަނގަޅު -- ފޮޓޯ: އޭއެންއައި

ދިއްލީ (ސެޕްޓެމްބަރު 6): އިންޑިއާގެ އަންހެނަކު 74 އަހަރުގައި ދެ އަންހެން ކުދިންގެ މަންމައަކަށް ވެއްޖެއެވެ.

އިންޑިއާގެ އަންދުރަ ޕްރަދޭޝްގައި ދިރިއުޅޭ ޔަރަމަތީ މަންގަޔައްމައަށް އިއްޔެ ދެ ކުދިން ލިބުނީ އައިވީއެފް ހަދައިގެން ބަލިވެ އިނދެއެވެ. އެއާއެކު އޭނާ ވަނީ މުޅި ދުނިޔެއިންވެސް އެންމެ ދޮށީ އުމުރުގައި މަންމައަކަށްވީ މީހާއަށް ވެފައެވެ.

މަންގަޔައްމައާއި އޭނާގެ 78 އަހަރުގެ ފިރިމީހާ، ރާޖާ ރާއޯގެ އިތުރު ދަރިންނެއް ނުތިބެއެވެ. ނަމަވެސް އެ ދެމަފިރިން ދަރިއަކު ހޯދަން މަސައްކަތް ކުރާތާ 60 އަށް ވުރެ ގިނަ އަހަރުވެއްޖެ ކަމަށް މަންގަޔައްމަ ބުންޏެވެ.

74 އަހަރުގެ މަންގަޔައްމާ އާއި އޭނާގެ 78 އަހަރުގެ ފިރިމީހާ، ރާޖާ ރާއޯ ދަރިއަކު ހޯދަން މަސައްކަތް ކުރާތާ 60 އަހަރުވެއްޖެ -- ފޮޓޯ: އޭއެންއައި

"މިވަގުތު ކުރެވޭ އިހުސާސުތައް ބަޔާންވެސް ނުކުރެވޭނެ. އަހަރެން 60 އަހަރުވަންދެން ކުރި އިންތިޒާރު އެންމެ ފަހުން ނިމުމަކަށް އަތުވެއްޖެ. އަހަންނަކީ ދަރިން ނުލިބޭ މީހެކޭ ދެން އެއްވެސް މީހަކަށް ނުބުނެވޭނެ،" މަންގަޔައްމަ ބުންޏެވެ.

މަންގަޔައްމަ ބުނި ގޮތުގައި އޭނާ އައިވީއެފް ހަދަން ނިންމީ އޭނާގެ އަވަށްޓެރިއަކު އައިވީއެފް ހަދައިގެން އުމުރުން 55 އަހަރުގައި ދަރިއަކު ހޯދުމުންނެވެ.

މަންގަޔައްމާގެ ސިޒޭރިއަން ހެދި އަހަލްޔާ އައިވީއެފް ކްލިނިކުން ބުނި ގޮތުގައި މަންމައާއި ދެކުދިންގެ ހާލުވެސް މިހާރު ރަނގަޅެވެ. އަދި އުފަންވީ އިރު ދެ ކުދިންގެ ބަރުދަނުގައިވެސް ހުރީ 1.6 ކިލޯ އެވެ.

މީގެ އިތުރުން، އެއީ ވަރަށް ތާރީހީ ކަމެއް ކަމުން، މަންގަޔައްމާ ވިހެއުމުގެ ގިނަ ހަރަދުތައް ބެލެހެއްޓީ އެކްލިނިކުން ކަމަށް އިންޑިއާގެ މީޑިއާތަކުގައި ވެއެވެ.

އުމުރުން 74 އަހަރުގެ މަންގަޔައްމާގެ ފަރުވާއަށް ހަރަދު ކުރީ އައިވީއެފް ކްލިނިކުން -- ފޮޓޯ: އައިއެންއޭ

މީގެ ކުރިން 2016 ވަނަ އަހަރު އިންޑިއާގެ 72 އަހަރުގެ އަންހެނަކުވެސް ވަނީ އައިވީއެފް ހަދައިގެން މަންމައަކަށް ވެފައެވެ.

ނަމަވެސް މަންގަޔައްމަގެ އުމުރުގެ މީހުންނަށް އައިވީއެފް ހަދައި ދިނުމާ ބެހޭ ގޮތުން ބައެއް ޑޮކްޓަރުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުން އުފެދިފައެވެ. އަދި އުމުރުން 35 އަހަރަށް ވުރެ ދޮށީ އަންހެނުން ބަލިވެ އިނުމަކީ ނުރައްކާތައް އިތުރުވާ ކަމެއްކަން ފާހަގަކުރެއެވެ.

ނަމަވެސް މަންގަޔައްމަގެ ޑޮކްޓަރުން ވަނީ އެމީހުން އޭނާއަށް ފަރުވާ ކުރުމުގައި އެއްވެސް ގާނޫނަކާ ހިލާފުވެފައި ނުވާނެ ކަމަށް ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް