ބަދަލުތަކާ އެކު ފާސްކުރި މަސްވެރިކަމުގެ ބިލަށް މިނިސްޓްރީގެ މަރުހަބާ!

މަސްވެރިން މަސް ބާނަނީ: --- ފައިލް ފޮޓޯ/ ދިވެހި މަސްވެެރިން

ބަދަލުތަކާއެކު ރައްޔިތުންގެ މަޖިލީހުން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ބިލު ފާސްކޮށް އެ ބިލު ތަސްދީގުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުވާފައިވާތީ ފިޝަރީޒް މިނިސްޓްރީއިން އެކަމަށް މަރުހާބާ ކިޔައިފިއެވެ.

ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި މަސްވެރިކަމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އިއްޔެއެވެ. އެ ބިލު ފާސްކުރީ އިއްޔެގެ ޖަލްސާގައި ބައިވެރިވި 55 މެމްބަރުންގެ އިއްތިފާގުންނެވެ.

މަސްވެރިކަމުގެ ބިލު ފާސްކުރުމާ ގުޅިގެން ފިޝަރީޒް މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އެ ބިލުން ގެންނަނީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު މިއަދު ތަރައްގީވެފައި އޮތް މިންވަރުން، އަދި ބޭރުގެ ބާޒާރުތަކަށް އެ ސިނާއާތު ބަރޯސާވެފައިވާ މިންވަރުން މަސްވެރިކަން ރާވާ، ހިންގާ އަދި ބެލެހެއްޓުމުގެ އޮނިގަނޑު ބަދަލުކޮށް ޒަމާނީކުރުމަށް ޓަކައި، ކޮންމެހެން ލާޒިމުވެފައިވާ ބަދަލުތަކެއް ކަމަށެވެ.

އެ މިނިސްޓްރީއިން ބުނީ މިހާރު އަމަލުކުރަމުންދާ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނަކީ 1987 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ، އެދުވަސްވަރު ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ހާލަތަށް ރިއާޔަތްކޮށް ފަރުމާކުރެވިފައި އޮތް ގާނޫނެއް ކަމަށެވެ. އެހެންކަމުން، މިއަދު ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ތަރައްގީވެފައިވާ މިންވަރުން ފުރިހަމަކުރަންޖެހޭ ގިނަ ކަންކަން ފުރިހަމަކުރަމަށް އެ ގާނޫނުގެ ސަބަބުން ބޮޑެތި ހުރަސްތަކެއް އެބަހުރިކަމަށް މިނިސްޓްރީއިން ބުންޏެވެ.

ގާނޫނާއި ގަވާއިދާ ޚިލާފަށް، ބެލެހެއްޓުމެއް ނެތި މަސްވެރިކަން ކުރާ ފަރާތްތައް ހުއްޓުވުމާ ބެހޭގޮތުން އެ ބަޔާނުގައި އަލިއަޅުވާލައިފައިވެއެވެ.

2018 ގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ގއ. ގެމަނަފުށީގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު -- ފޮޓޯ/ ރައީސް އޮފީސް

"ގާނޫނާއި ގަވާއިދާ ޚިލާފަށް، ބެލެހެއްޓުމެއްނެތިކުރާ މަސްވެރިކަން (އައިޔޫޔޫ ފިޝިންގ) ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައި ހުރުމަކީ، މަސްވެރި ގައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަދި ވަކިން ހާއްސަކޮށް ދިވެހިރާއްޖޭގައި ބާނާ މަސް އެތެރެކުރާ ފަރާތްތަކުން ދިވެހިރާއްޖެއިން މިފަދަ މަސްވެރިކަން ހުއްޓުވުމަށް ގިނަ ފިޔަވަޅުތަކެއް އަޅަންޖެހޭނެކަމަށް ގަބޫލުކުރެއެވެ." މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މިނިސްޓްރީއިން ބުނީ އެފަދަ މަސްވެރިން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައި ހުރުމަކީ، މަސްވެރި ގައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. މިހާރު އަމަލުކުރަމުންދާ ގާނޫނު އޮތްގޮތުން، މިފަދަ ފިޔަވަޅުތައް އެޅުމަށް ދިވެހިރާއްޖެއަށް ހުރި ދަތިތައް ފާހަގަކޮށް މަސްވެރިކަމުގެ ގާނޫނު އިސްލާހުކުރުމަށް މަސްވެރިކަމުގެ ދާއިރާގައި އުޅޭ ފަރާތްތަކުން އިލްތިމާސްކޮށްފައިވާ ކަމަށްވެސް މިނިސްޓްރީއިން ބުންޏެވެ.

"މީގެ އިތުރުން، ދިވެހިރާއްޖޭގެ ސަރަހައްދަށް ވަދެ ބޭރުގެ މަސްވެރިކަންކުރާ އުޅަނދުފަހަރުން ވަގަށް މަސްވެރިކަންކުރުމުގެ މައްސަލައަކީ ދިވެހި މަސްވެރިންގެ ބޮޑު ޝަކުވާއެކެވެ. މިފަދަ އުޅަނދުފަހަރު ފާއިތުވެދިޔަ ތަނުގައި އާއްމުކޮށް ދޫވެގެން ގޮސްފައިވަނީ، ގާނޫނީ މައްސަލަތަކުގެ ތެރެއިންނެވެ. މިބިލުގެ ސަބަބުން، މިފަދަ އުޅަނދުފަހަރާއިމެދު ފިޔަވަޅު އެޅުމަށް ތަންފީޒީ އިދާރާތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ،" މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

އިއްޔެ ފާސްކުރެވިގެން ދިޔަ ބިލާއެކު މިފަދަ މައްސަލަތަކަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް މިނިސްޓްރީއިން ބުންޏެވެ.

މަސްވެރިކަމުގެ ބިލު އެޓާނީ ޖެނެރަލްގެ އޮފީހުން އެކުލަވާލާފައި ވަނީ ދުނިޔޭގެ ކާބޯތަކެތީގެ ޖަމިއްޔާ (ޑަބްލިއުއެފްޕީ)އާއި، ފިޝަރީޒް މިނިސްޓްރީގެ ފަންނީ މުވައްޒަފުންގެ އެހީތެރިކަމަކާއެކުއެވެ. މި ބިލު ފާސްކުރީ މަސްވެރިންނާއި އާންމުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުށަހެޅި ހިޔާލުތަކާ އެއްގޮތަށް ބިލު ބަދަލުކުރުމަށް ފަހުއެވެ.

މަސްވެރިކަމުގެ ބިލުގައި ދިވެހި މަސްވެރިންނަށް ޕެންޝަނަކާއި އެކު ޑިސްއޭބިލިޓީ އިންޝުއަރެންސް ދޭން ޖެހޭނެ ކަމަށް ބުނެފައިވެއެވެ. އަދި ގޭދޮށު މަސް ފެކްޓަރީ ގާއިމްކުރުމާ ގުޅޭ ކަންތައްތައްވެސް ބިލުގައި ހިމެނިފައިވެއެވެ. ބިލުގައި ވާގޮތުން މަސްވެރިކަމުގެ ކޮލެޖެއް ހެދުމަށްވެސް ސަރުކާރަށް ލާޒިމުވާނެއެވެ.

comment ކޮމެންޓް