ދައްތައާއި ކޮއްކޮގެ ހުވަފެން ހަގީގަތަކަށް ގެނެސްދިން "ޑްރީމާރސް"

ޑްރީމާރސް ހިންގާ ދައްތަ އާއި ކޮއްކޮ އެކީގައި

ކިތަންމެ ކުޑަކުޑަ މަސައްކަތެއް ނަމަވެސް ހިތްވަރާއެކީ ކުރަން ފަށައިފިނަމަ ކާމިޔާބީ އޮންނާނީ މާ ދުރެއްގައެއް ނޫނެވެ. އާދައިގެ ގޮތަކަށް މީގެ ދެ އަހަރެއްހާ ދުވަސްކުރިން ރިފްގާ ނާޒް އާތިފް ފެށި ކަންފަތުލާ އެއްޗެހި ވިއްކުމުގެ ވިޔަފާރި މިއަދު މިވަނީ ފުޅާވެ، މުޅި ރާއްޖެ ދަންނަ މަގުބޫލު ވިޔަފާރިއަކަށް ވެފައެވެ.

މިއަދު އޭނާގެ ދައްތަ ޝަފަގް ނާޒް އާތިފްއާއެކު ހިންގާ ޑްރީމާރސް އެމްވީއަކީ ދިވެހިރާއްޖެ ރަމްޒުކޮށްދޭ ތަފާތު ގަހަނާއާއި އެނޫންވެސް ތަކެތި ހޭންޑްމޭޑްކޮށް އުފައްދަމުން އަންނަ ވިޔަފާރިއެކެވެ.

ސ: ޑްރީމާރސް މިއީ ކިހިނެއް ފެށުނު މަސައްކަތެއް؟

ޖ: ޑްރީމާރސް ފެށުނު ހިސާބަކީ އަސްލު ވިޔަފާރިއެއް ކުރަން އުފެދުނު އިންޓްރެސްޓެއްގެ ސަބަބުން އެގޮތުން ޝައުގުވެރިކަން ހުރި ދިމާލެއް ޖުވެލްރީއަކީ. އެހެންވެ ފުރަތަމަ ހަމައެކަނި ކަންފަތުލާ އެއްޗެހި ވިއްކަން ފެށީ. 2017 ވަނަ އަހަރު ވަރަށް ކުޑަކޮށް ފެށީ އޮންލައިން ބިޒްނަސްއެއް. މިކަމުގައި އާއިލާގެ ވަރަށް އެއްބާރުލުން ލިބުނު.

ޑްރީމާރސްގެ ޖުވެލަރީ-- ފޮޓޯ: އިންސްޓަގްރާމް

ސ:ޑްރީމާރސް އިން މި ހަދަނީ ކޮންކަހަލަ ޕްރޮޑަކްޓްތަކެއް؟

ޖ: އަސްލު ވަރަށް ބޮޑަށް އޯޑިއަންސްގެ ސަޕޯޓް ލިބުނު ޑްރީމާރސްއަށް. ދެން އަޅުގަނޑު ބޭނުންވީ އަޅުގަނޑުގެ ދައްތަގެ ކްރާފްޓިންގ ސްކިލްސް ބޭނުން ކޮށްގެން ޑްރީމާރސްގެ އަމިއްލަ ޕްރޮޑަކްޓްސްތަކެއް ނެރެނެ. އެގޮތުން ޑްރީމާރސް މޯލްޑިވްސްއިން ފުއްޓަރު ކަލެކްޝަން އަދި ބުސްތާން ކަލެކްޝަންގެ ނަމުގަ ދެ ކަލެކްޝަނެއް ނެރިފައި ވާނެ މިހާތަނަށް. އަދި އޭގެ އިތުރުން ކްލަޗް އަދި ޕާސްވެސް އެކި ސީޒަންތަކަށް ފޯކަސްކޮށްކޮށްފައި އަޅުގަނޑުމެން ނެރެން. ޑްރީމާރސްގެ ކްރާފްޓަރއަކީ އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ދައްތަ ޝަފަގް ނާޒް. އެ ގޮތުން ޑްރީމާރސްގެ އަމިއްލަ ޕްޜޮޑަކްޓްސް މާކެޓަށް ނެރެން ފެށީ 2018ގެ ފަހުކޮޅު.

ސ: އެއްޗެއް ޑިޒައިންކޮށް ވިއްކުމާ ހަމައަށް މަސައްކަތް ދާ ގޮތަކީ ކޮބާ؟

ޖ: ޑްރީމާރސްގެ ޕްރޮޑަކްޓްތަކަކީ ވަރަށް ބޮޑަށް އަޅުގަނޑުމެންގެ ފޮލޮވާސްގެ އިންޕުޓް އަދި އިންޓްރެސްޓްއަށް ބޭސްކޮށްފައި އުފައްދާފައިވާ ޕްރޮޑަކްޓްތަކެއް. ފުއްޓަރު ކަލެކްޝަންގައި ހިމެނިގެން ދާނީ ރާއްޖޭގެ ފުއްޓަރު ފަރާތުން ފެންނަ ހިތް ގައިމު ބޮލިތައް. ބުސްތާން ކަލެކްޝަންގައި ހިމެނޭނީ ދިވެހި އަންހެނުން އެންމެ ލޯބި ކުރާ މާތައް. އެގޮތަށް ފިޔާތޮށި ފިނިފެންމާ މި ވަރަށް ޑިމާންޑް ލިބުނު އިއާރިންގްއެއް. އަދި ފުއްޓަރު ކަލެކްޝަންގެ ސަދަރަ ބޮލިއަކީ ވެސް ވަރަށް މީހުންނަށް ކަމުދިޔަ އިއަރިންގްއެއް.

ޑިޒައިނިންގައި އެންމެ ބޮޑަށް ވިސްނަނީ އާންމުންނަށް ރަނގަޅުވާނެ، ކަމުދާނެ އެއްޗަކީ ކޮބައިތޯ. އެގޮތަށް ވިސްނާފައި ޑިޒައިން ކުރަނީ. އިއާރިންގްސް ހަދާ ހުރިހާ މެޓީރިއަލްތައް ގެންނަނީ ބޭރުން އޯޑަރު ކޮށްގެން. ކަންފަތުލާ އެއްޗެހި މި ހަދަނީ ޕޮލީ ކްލޭ އަކުން. އެގޮތުން ޑިޒައިން ތައްޔާރު ކުރުމަށްފަހު ކިއުއާކޮށް ސޭންޑްކޮށް ޕޮލިޝް ކުރަންޖެހޭ. މުޅި ޕްރޮސެސްއަކީ ވަރަށް ލޭބާ އިންޓެންސިވް މަސައްކަތެއް. އެކަމަކު ވަރަށް ކުރާ ހިތުން ކުރާ މަސައްކަތެއް މީ.

ޑްރީމާސްގެ ޕްރޮޑަކްޓްތަކެއް

ސ: އިތުރު މަސައްކަތެއް ކުރަމުންތޯ މި މަސައްކަތް ކުރަނީ؟

ޖ: އަޅުގަނޑު އަދި އިތުރު މަސައްކަތެއް ނުކުރަން. އެކަމު މަސައްކަތް ފެށީ ޑިގްރީގެ ފަހު އަހަރުގައި. އޭރު އަޅުގަނޑުގެ ބޭބީއަށް ހަ މަހު. ޑްރީމާރސްއަށް ޑްރީމާރސްއޭ ކިޔުނީވެސް އަމިއްލަ ވިޔަފާރިއެއް ކުރުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު ހުވަފެނަކަށް ވާތީ. އެގޮތުން ޑްރީމާރސް މޯލްޑިވްސް މި ކިޔަނީ.

ޑްރީމާރސްގެ ކްރާފްޓަރ، އަޅުގަނޑުގެ ތިއްތަ މި މަސައްކަތް މި ކުރަނީ ހަމަ ފުލްޓައިމް ވޯކް ކުރަމުން ލިބޭ ހުސް ވަގުތުގައި އަދި ވީކެންޑްސްގަ.

ޑްރީމާރސްގެ ބުސްތާން ކަލެކްޝަންގެ ފިޔާތޮށި ފިނިފެންމާ--

ސ: އެންމެ ޕޮޕިއުލާ ޕްރޮޑަކްޓަކީ ކޮބާ؟

ޖ: އެންމެ ޕޮޕިއުލާ ކަލެކްޝަންއަކީ ފުއްޓަރު ކަލެކްޝަން. އެއީ ރާއްޖޭގައި އާންމުކޮށް މި ފެންނަ ބޮލިތައް. އަޅުގަނޑުމެންގެ ކަލެކްޝަންގައި މި ހިމެނެނީ ފަސް އިނގިލި، ސަދަރަބޮލި، ކުދިބޮލި، އަދި ރިނދެލި. ބުސްތާނު ކަލެކްޝަންގެ ފިޔާތޮށި ފިނިފެންމަލަކީ އަޅުގަނޑުމެން ލިމިޓެޑް ޕްރޮޑަކްޓެއް ގޮތަށް ނެރުނު އެއްޗެއް. އެ ވެސް ހަމަ ބެސްޓް ސެލާއެއް. މި ހޮނިހިރު ދުވަހުގައި އެވެސް ލިބެން ހުންނާނެ.

ސ: ޑްރީމާރސްއާއި މި ވިޔަފާރިކުރާ އެހެން ފަރާތްތަކާއި ހުންނަ އެންމެ ބޮޑު ތަފާތަކީ ކޮބާ؟

ޖ: އެންމެ ޔުނިކް ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ، އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި އޮންނަ ގުޅުން. އޭގެ އިތުރުން އަޅުގަނޑުމެންގެ ހޭންޑްމޭންޑް ޖުވެލަރީ. ކޮންމެ ޕްރޮޑަކްޓެއްވެސް ތަފާތުވާނެ. އަދި އެއީ އެކްސްކްލޫސިވްކޮށް ޑްރީމާރސްއިން ލިބެން ހުންނާނެ އެއްޗެއް. އަދި މި ޕްރޮޑަކްޓްތަކަކީ ރާއްޖޭގައި އުފައްދާފައިވާ، އަދި އެންމެ ކުދިކުދި މަސައްކަތްވެސް އަތުންކޮށްފައި ހުންނަ މަސައްކަތްތަކެއް.

ޑްރީމާރސް އިން ތައްޔާރުކޮށްފައިވާ ބައެއް ޕްރޮޑަކްޓްސް

ސ:ވިޔަފާރީގައި ކުރިއަށް ރޭވިފަައި ހުރި ކަންކަމަކީ ކޮބާ؟

ޖ: އަސްލު އަޅުގަނޑުމެން ގަސްތު ކުރަނީ އަދި މަސައްކަތްކުރަނީ ވިޔަފާރީގައި ދެވެން އޮތް އެންމެ ކުރިއަކަށް ދާން. މިހާރު މިދަނީ ކުޑަކުދިންގެ ކްލޯތިން ލައިންއެއް ނެރުމުގެ މަސައްކަތް ކުރަމުން. އަދި ޑްރީމާރސްގެ އޮރިޖިނަލް ބޮޑީ މަސްކެއްވެސް ވަރަށް އަވަހަށް ފެނިގެންދާނެ. ދެން މި ޖުވެލަރީ ލައިންވެސް ދާނީ ހަމަ ފުޅާވަމުން. ކުރިއަށް އޮތީ ހަމަ ވަރަށް ބައިވަރު މަސައްކަތްތަކެއް. އަޅުގަނޑުމެންގެ އުންމީދަކީ ރާއްޖޭގައި ކޮލިޓީ އަދި އަގުހެޔޮ، ޕްރޮޑަކްޓްތަކެއް މާކެޓަށް ނެރުން. ދެން މި މަސައްކަތުގައި އާއިލާއާއި ރަހުމަތްތެރިން އަދި ކްލައިންޓުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.

comment ކޮމެންޓް