މެރިން ޕަވާ މޯލްޑިވްސް އިން "ސްޓާޓް" ބެޓެރީ ރާއްޖެއަށް ތައާރަފު ކޮށްފި

ސްޓާޓް ބެޓެރީ -- ސަން ފޮޓޯ

ކަނޑު އުޅަނދުފަހަރަށާއި އެއްގަމު އުޅަނދު ފަހަރަށް ހާއްސަ "ސްޓާޓް" ބްރޭންޑުގެ ބެޓެރީ ރާއްޖޭގެ ބާޒާރަށް ތައާރަފު ކޮށްފިއެވެ.

"ސްޓާޓް" ބެޓެރީ އަކީ ރާއްޖޭގެ މޫސުމާ ގުޅޭގޮތަށް ތިމާވެއްޓާއި ރައްޓެހި ގޮތަކަށް އުފައްދާ ބެޓެރީ އެކެވެ. ރާއްޖޭގެ ބާޒާރަށް ސްޓާޓް ބެޓެރީ ތައާރަފުކުރުމަށް މެރިން ޕަވާ މޯލްޑިވްސް އިން މިރޭ ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި ބެޓެރީ ތައާރަފުކޮށްދެއްވީ ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަހުމަދު އާދިލް އެވެ.

ސްޓާޓް ބްރޭންޑުގެ ބެޓެރީ އަކީ ޔޫރަޕުގެ މަޝްހޫރު މޮންބެޓް ކުންފުނީގެ އުފެއްދުމެކެވެ. އެ ބްރޭންޑުގެ ބެޓެރީ، ކާރަށާއި ހެވީ ވެހިކަލްސް، ކަނޑު އުޅަދުފަހަރު އަދި މިލިޓަރީ ވެހިކަލްތަކަށް ހާއްސަ ކޮށްގެން އުފައްދައެވެ. އެއީ ހޫނު ގަދަވުމުގެ ސަބަބުން އަލިފާން ރޯވުން ފަދަ ހާދިސާތައް ދިމާ ނުވާނެހެން ފަހުގެ ޓެކްނޮލަޖީގެ އެހީގައި އުފައްދާފައިވާ ބެޓެރީ އެކެވެ.

މޮމްބެޓް ކުންފުނިން ބުނީ އެކުންފުނިން އުފައްދާ ބެޓެރީގެ 70-90 ޕަސެންޓު ބެޓެރީ އަކީ ރީސައިކަލް ކުރާ މެޓީރިއަލްސް އިން އުފައްދާ ބެޓެރީ ކަމަށެވެ. ސްޓާޓް ބެޓެރީ އަކީ އުމުރު ދިގު ބެޓެރީއެއްކަމުގެ ޔަގީންކަން އެކުންފުނިން ދެއެވެ.

މެރިން ޕަވާ ކުންފުނީގެ ޑިރެކްޓަރު ހަސަން އާދިލް ވިދާޅުވީ އެ ކުންފުނިން ސްޓާޓް ބެޓެރީ ރާއްޖެއަށް ތައާރަފު ކުރަނީ ޓެސްޓު ކުރުމަށް ފަހު ކަމަށެވެ. ސްޓާޓް ބެޓެރީ އަކީ ރާއްޖޭގެ މާހައުލާ ގުޅޭ ބެޓެރީ އަކަށް ވާނެކަމުގެ ޔަގީންކަން އެކުންފުނިންވެސް ދެއެވެ.

"މިއީ ބެޓެރީ ހަލާކުވެ، ހަރަދު ބޮޑުވާ މައްސަލައަށް ލިބޭނެ ހައްލެއް،" އާދިލް ވިދާޅުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް