ޔާމީނާއެކު ޖަމީލު ދިޔުމަކީ ޕާޓީގެ ސުލޫކާއި ހިލާފު ކަމެއް: ޖޭޕީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއެކު ޑރ މުހައްމަދު ޖަމީލް އަހުމަދު -- ސަންފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ އެކު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު އަތޮޅު ތެރެއަށް ވަޑައިގަތުމަކީ ޖުމްހޫރީ ޕާޓީގެ ސުލޫކުތަކާ ހިލާފު ކަމެއް ކަމަށް އެ ޕާޓީއިން ބުނެފި އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ނައިބު ރައީސްކަން ކުރެއްވި ޑރ. ޖަމީލް މިއަދު މެންދުރު ވަނީ ރައީސް ޔާމީންއާ އެކު އަތޮޅު ތެރެއަށް ފުރާވަޑައިގެންފައެވެ. ފުރާވަޑައިގަތުމުގެ ކުރިން ރައީސް ޔާމީން ވިދާޅުވީ މި ދަތުރުފުޅަކީ ސަރުކާރު ޖަވާބުދާރީ ކުރަން ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖޭޕީގެ މެމްބަރެއް ކަމަށްވާ ޑރ. ޖަމީލް ރައީސް ޔާމީނާ އެކު އަތޮޅު ތެރެއަށް ވަޑައިގަތުމުން، ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވީ، ޑރ. ޖަމީލު ޔާމީނާ އެކު ކުރައްވާ ދަތުރުފުޅަކީ ޕާޓީއަށް އެނގިގެން ކުރާ ދަތުރުފުޅެއް ނޫން ކަމަށެވެ. އަދި އެކަމަކީ ޕާޓީގެ ސުލޫކުތަކާ ހިލާފު ކަމެއް ކަމަށް ވިދާޅުވި އެވެ.

އަލީ ސޯލިހު ވިދާޅުވި ގޮތުގައި، ޑރ. ޖަމީލް ރައީސް ޔާމީނާ އެކު ވަޑައިގަތުމުން، އެކަމާ ނުރުހުން ފާޅުކޮށް އެކަން ބަލައި ފިޔަވަޅު އެޅުމަށް އެ ޕާޓީގެ ކައުންސިލު މެމްބަރުން މިހާރު ދަނީ އެދެމުންނެވެ. އޭނާ ވަނީ މެމްބަރުން އެދޭ ނަމަ ސުލޫކީ މައްސަލަ ހުށަހެޅޭނެކަން ފާހަގަކުރައްވައިފައެވެ.

"މިކަމާ މެދު ވަކި ގޮތަކަށް އަދި ކަމެއް ކުރަން މިވަގުތު ނިންމާފައި ނުވޭ،" ސޯލިހު ވިދާޅުވިއެވެ.

މިއަދު ފުރާވަޑައިގަތުމުގެ ކުރިން ޑރ. ޖަމީލް ވިދާޅުވީ އޭނާ ހުންނެވީ އިދިކޮޅު ކޯލިޝަނާ އެކުގައި ކަމަށެވެ. އެކަމަކު، ޖޭޕީއިން ކެނޑެން ނިންމެވި ކަމެއް ވިދާޅެއް ނުވެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ތެރޭގައ މަޖިލީހުން ވަނީ ޑރ. ޖަމީލުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި އޭނާ މަގާމުން ވަކިކޮށްފައެވެ. އެކަން ހިނގާފައި ވަނީ ރައީސް ޔާމީނާއި އޭނާ ދެމެދު މައްސަލަ ޖެހިފައިވާ ކަމަށް އަޑުފެތުރިފައި ވަނިކޮށެވެ. މަގާމުން ވަކި ކުރުމަށް ފަހި އޭރުގެ އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގެން ޑރ. ޖަމީލް އުޅުއްވީ އިނގިރޭސިވިލާތުގައެވެ.

comment ކޮމެންޓް