އެމްއެމްއޭ ގަވަރުނަރުކަމަށް އަލީ ހާޝިމް އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި

އަލީ ހާޝިމް: އެމްއެމްއޭގެ ގަވަރުނަރު ކަމަށް އައްޔަން ކުރުމަށް މަޖިލީހުން މިއަދު ވަނީ ރުހުން ދީފައި -- ފޮޓޯ/ ރައީސް އޮފީސް

މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރުކަމަށް ހަމަޖެއްސުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ކުރީގެ ފިނޭންސް މިނިސްޓަރު އަލީ ހާޝިމަށް ރުހުން ދީފިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަލީ ހާޝިމް، އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އައްޔަނު ކުރުމަށް މަޖިލީހުގެ ލަފަޔަކަށް އެދި ފޮނުވާފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.

އަލީ ހާޝިމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ރުހުން ދިނުމަށް ނިންމާފައި ވަނީ މި މަހުގެ ފުރަތަމަ ދުވަހު ބޭއްވި ބައްދަލުވުމުގައި، ހާޒިރުވެވަޑައިގަތް ހުރިހާ މެންބަރުން އިއްތިފާގުވެފައެވެ. ވޯޓުގެ ކުރިން މާލިއްޔަތު ކޮމެޓީން ވަނީ އަލީ ހާޝިމްއާ އިންޓަވިއު ވެސް ކުރައްވާފައެވެ.

މިއަދު މަޖިލީހުން އަލީ ހާޝިމަށް ރުހުން ދީފައި ވަނީ، ވޯޓުގައި ބައިވެރިވި 55 މެމްބަރުންގެ އިއްތިފާގުންނެވެ.

ގަރަވަރުނަރުކަމުގެ މަގާމު ހުސްވެފައިވަނީ، އެމަގާމުގައި ހުންނެވި އަހުމަދު ނަސީރު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޖުލައި މަހުގެ 24 ވަނަ ދުވަހު ނަސީރު އިސްތިއުފާދެއްވި އިރު އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ މަސައްކަތަށް އޭނާ ނުފޫޒު ފޯރުވަން އުޅުއްވި ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ.

ގަވަރުނަރުގެ މަގާމަށް ނަސީރު އައްޔަނު ކުރެއްވީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި 24 އޮގަސްޓު 2017 ގަ އެވެ. އެމްއެމްއޭގެ ގަވަރުނަރުކަމުގެ މަގާމު ހުސްވެފައި އޮންނަތާ މަހެއްހާ ދުވަސް ވަނީ ވެފައެވެ.

comment ކޮމެންޓް