ޝާހިދު މި މަހުގެ ތެރޭގައި ޗައިނާއަށް ވަޑައިގަންނަވަނީ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު: އޭނާ މި މަހުގެ ތެރޭގައި ޗައިނާއަށް ވަޑައިގަންނަވާނެ --

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މި މަހުގެ ތެރޭގައި ޗައިނާއަށް ވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީއިން ބުނެފި އެވެ.

މިއަދު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޒާންގް ލިޒޮންގްއާ ބައްދަލުކުރައްވައިފަ އެވެ. މި ބައްދަލުވުން ބޭއްވީ ފޮރިން މިނިސްޓްރީގެ ވަގުތީ އިމާރާތުގަ އެވެ.

މި ބައްދަލުވުމަށް ފަހު ކުރެއްވި ޓްވީޓެއްގައި ޝާހިދު ވިދާޅުވީ، ޗައިނާއާ އެކު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން މި މަހުގެ ތެރޭގައި އެ ގައުމަށް އޭނާ ޒިޔާރަތް ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވީ، ޝާހިދު ޗައިނާއަށް ވަޑައިގަންނަވާނީ މި މަހުގެ މެދުތެރޭގަ އެވެ. އަދި ވަކި ތާރީހެއް ކަނޑައެޅިފައެއް ނުވެ އެވެ.

ފޮރިން މިނިސްޓްރީގެ މަސައްކަތްތައް މިހާރު ވަގުތީ އިމާރާތެއްގައި ކުރިއަށްދާއިރު، ފޮރިން މިނިސްޓްރީގެ ރަސްމީ އިމާރާތް ދަނީ މަރާމާތް ކުރަމުންނެވެ. މި އިމާރާތް މަރާމާތު ކުރަނީ ޗައިނާ ސަރުކާރުގެ އެހީގަ އެވެ.

ޝާހިދު ޗައިނާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ އިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ދާދި ފަހުން ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. މިދިޔަ އަންގާރަ ދުވަހުން ފެށިގެން އިއްޔެއާ ހަމަޔަށް ބޭއްވި އިންޑިއަން އޯޝެން ކޮންފަރެންސްގައި ތަގުރީރު ކުރައްވަމުން ނަޝީދު ވިދާޅުވީ ޗައިނާއިން ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ގުޅިގެން ރާއްޖެ ދަރަނިވެރި ކުރުވާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން މަޖިލިސް ރައީސް، ރައީސް ނަޝީދާއި ޗައިނާ އެމްބެސެޑަރާ ދެމެދު ވަނީ ބަހުގެ ހަމަލާތަކެއް ފެށިފަ އެވެ.

comment ކޮމެންޓް