ރައީސް މުހައްމަދު ނަޝީދު އަދި ޗައިނާގެ ސަފީރު ޒޭންގް ލިޒްހޮންގްއާ ދެމެދު ވަރުގަދަ ބަހުގެ ހަމަލާތަކެއް އަނެއްކާ ވެސް ފެށިއްޖެ އެވެ.
މިދިޔަ އަންގާރަ ދުވަހުން ފެށިގެން އިއްޔެއާ ހަމަޔަށް ބޭއްވި އިންޑިއަން އޯޝެން ކޮންފަރެންސްގައި ތަގުރީރު ކުރައްވަމުން ނަޝީދު ވިދާޅުވި ގޮތުގައި ޗައިނާއިން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ގުޅިގެން ރާއްޖެ ދަރަނިވެރި ކުރުވާފައި ކަމަށެވެ.
އާންމުކޮށް ޗައިނާއަށް ބަހުގެ ހަމަލާތައް ދެމުންގެންދަވާ ރައީސް ނަޝީދު، އިންޑިއަން ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އިއްޔެ ވިދާޅުވީ އީސްޓް އިންޑިއާ ކޮމްޕެނީއަށް ވުރެ ގިނައިން ޗައިނާއިން ދުނިޔޭގެ އެކި ގައުމުތަކަށް ނިސްބަތްވާ ބިންތައް ފޭރިގަނެފައިވާ ކަމަށެވެ.
އެ ވާހަކަތަކާ ގުޅިގެން، ނަޝީދަށް ރައްދު ދެއްވައި ޗައިނާގެ ސަފީރު އޭނާގެ ރަސްމީ ޓުވިޓާ އެކުއުންޓްގައި ވަނީ ނަޝީދުގެ ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ސަފީރު ވިދާޅުވީ ރައީސް ނަޝީދު ފަދަ އެންމެ ބޭފުޅަކު ވިދާޅުވާ ވާހަކަތަކަކުން ދެ ގައުމުގެ ގުޅުމަށް ބުރުލެއް ނާންނާނެ ކަމަށެވެ. އަދި ގައުމުތައް އިސްތިއުމާރު ކުރުމަކީ ޗައިނާގެ "ޖީން" ނޫނީ ތޮބީއަތުގައި ނެތް ސިފައެއް ކަމަށްވެސް ސަފީރު ވިދާޅުވި އެވެ.
ސަފީރު ވިދާޅުވީ ރައީސް ނަޝީދު ދެއްކެވި ވާހަކަތަކަކީ އެއްގޮތަކަށްވެސް ބަލައިގެނެވޭނެ ވާހަކަތަކެއް ނޫން ކަމަށާއި އެހެން ނަމަވެސް އަދިވެސް ރާއްޖޭގެ ސަރުކާރުން ޗައިނާއާ ވަރަށް ބޮޑަށް ގުޅުންތައް ބާއްވާ ކަމަށެެެވެ.
"ޗައިނާގެ އިންވެސްޓްމަންޓްތަކާއި ކޯޕަރޭޝަން ޕްރޮޖެކްޓަކަކީ ބައިނަލްއަގުވާމީ އަދި ރާއްޖޭގެ އުސޫލުތަކަށް ހިނގާ ކަންތައްތަކެއް. މިއީ ބައިނަލްއަގުވާމީ އެހެނިހެން އިންވެސްޓްމަންޓްތަކުގައިވެސް އަމަލު ކުރާ އުސޫލު. އަޅުގަނޑުމެން ރާއްޖޭގެ ކުޑަކުޑަ ބިންކޮޅެއްވެސް ނުނަގަން. އޭގަ ބަދަލުގައި އަޅުގަނޑުމެން 30،000 ފަތުރުވެރިން ރާއްޖެއަށް އަހަރަކު ގެންނަން،" ސަފީރު ވިދާޅުވި އެވެ.
ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވީ ޗައިނާއިން މި ސަަރަހައްދުގެ ގައުމުތަކުގައި ބޮޑެތި ލޯނުތައް އަޅުވައި ދަރުވާލުމުގެ ސިޔާސަތުތަކެއް ގެންގުޅޭ ކަމަށެވެ.
ޗައިނާއިން މި ސަރަހައްދުގެ ގައުމުތައް ދަރުވާލުމަށް މަސައްކަތްކުރާ ކަމަށް ވަރަށް ގިނަ މާހިރުން ވިދާޅުވެ އެވެ. އެގައުމުތަކުގެ ތެރޭގައި ސްރީލަންކާވެސް ހިމެނެ އެވެ.
ރައީސް ނަޝީދު ޗައިނާއަށް ރައްދު ކުރައްވާ ވާހަކަތަކާ ގުޅިގެން ސަފީރު ވަނީ މީގެ ކުރިން ނަޝީދާ ބައްދަލު ކުރައްވައި، ކަންކަން އޮޅުންފިލުއްވައި ދެއްވުމަށް ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރައްވައިފަ އެވެ. ނަމަވެސް ނަޝީދު ގެންދަވަނީ ހުއްޓައި ނުލައްވާ ޗައިނާއަށް ފާޑުވިދާޅުވަމުން އެވެ.