ލިޓަސްގެ ފަރާތުން ސަޅި ކަމެއް، ހުރިހާ މުވައްޒަފުންނަށް އެމްއައިބީގެ ހިއްސާ ގަނެދީފި

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހެޑްއޮފީސް--- ސަން ފޮޓޯ

ލިޓަސް އިން އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ހިއްސާ ގަނެދީފި އެވެ.

ލިޓަސްގެ މާކެޓިން މެނޭޖަރު އާސިފް ރަޝީދު ވިދާޅުވީ މިއީ ލިޓަސްގެ މުވައްޒަފުންގެ މުސްތަގުބަލު ބިނާކޮށްދިނުމަށް އެހީތެރިކަމެއް ދިނުމުގެ ބޭނުމުގައި އެކުންފުނިން ކޮށްދިން ކަމެއް ކަމަށެވެ.

އަދި ލިޓަސްގެ ކޮންމެ މެމްބަރަކީ ވެސް ރާއްޖޭގެ ސްޓޮކް މާކެޓަށް އަހުލުވެރި ބަޔަކަށް ހެދުމާއި މުސްތަގުބަލަށް ވިސްނައި އެކަމަށް ހުންނަ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ހިތްވަރު ދިނުން ކަމަށެވެ.

"އަދި އެންމެ މެމްބަރުންނަކީ ފުދުންތެރި ދިރިއުޅުމެއް އުޅޭނެ ބަޔަކަށް ވުމަކީ ކުންފުނީގެ މިއަދުގެ އެއް އަމާޒު،" އާސިފް ވިދާޅުވި އެވެ.

އާސިފް ވިދާޅުވީ މާލެ އާ އެއްގޮތަށް އަޅޮތުތެރޭގައި މަސައްކަތް ކުރާ ލިޓަސްގެ ހުރިހާ މުވައްޒަފުންނަށް ވެސް މި ފުރުސަރު ހޯދައިދީފައިވާނެ ކަމަށެވެ.

އަދި ކުރިއަށް އޮތް ތަނުގައި އެ ކުންފުނީގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތު މީހުން ހިމެނޭ ގޮތަށް، އެކުންފުނީގެ 200 މުވައްޒަފުންނަކީ ހިއްސާގެ ބާޒާރުން ހިއްސާ ގަނެގެން ތިބޭނެ ބަޔަކަށް ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެންގެ އެންމެހާ މެމްބަރުންނަކީ އެމްއައިބީގެ ހިއްސާދާރުން. ހަގީގަތުގައި ވެސް އަޅުގަނޑުމެންގެ ކުންފުނިން ލިޓަސްގެ ހުރިހާ މެމްބަރުންނަށް މި ހުޅުވައިދިނީ ވަރަށް މުހިންމު ދޮރެއް. އަޅުގަނޑު ގަބޫލުކުރާ ހިތް އޮތީ މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ މެމްބަރުން ސްޓޮކް މާކެޓުގައި ހުރި ފުރުސަތު ދެނެގަތުމަށް ލިބޭ އިތުރު ހިތްވަރަކަށްވެ، ކުރިމަގު ކުރެހުމުގައި އިތުރު ފަސޭހަތަކެއް ވާނެކަމަށް،" އާސިފް ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ އިސްލާމިކް ބޭންކް، ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކޮށް އާންމުންނަށް ހިއްސާ ވިއްކަން ފަށާފައި ވަނީ ހުސްވި ޖުލައި މަހުގެ 28 ވަނަ ދުވަހު އެވެ. އެމްއައިބީގެ ހިއްސާ ގަތުމުގެ ފުރުސަތު ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.

އިސްލާމިކް ބޭންކުން ބުނީ ގިނަ އަދަދެއްގެ ރަށު ކައުންސިލް އަދި އަތޮޅު ކައުންސިލްތަކުން ބޭންކުގެ ހިއްސާ ގަތުމަށް އެދި ހުށަހަޅަމުންދާ ކަމަށެވެ.

އެގޮތުން އައްޑޫ ސިޓީ ކައުންސިލުން ވަނީ އެމްއައިބީ އިން 700،000 ރުފިޔާގެ ހިއްސާ ގަނެފަ އެވެ. ބ. އަތޮޅު ކައުންސިލުން 1.75 މިލިއަން ރުފިޔާގެ ހިއްސާ ގަނެފައިވާ އިރު ށ. އަތޮޅު ކައުންސިލުން ވަނީ ތިން މިލިއަން ރުފިޔާގެ ހިއްސާ ގަނެފަ އެވެ. މީގެ އިތުރުން ފުވައްމުލަކު ސިޓީ ކައުންސިލުން އެއް މިލިއަން ރުފިޔާގެ ހިއްސާ، ޅ. ނައިފަރު ކައުންސިލުން 700،000 ރުފިޔާގެ ހިއްސާ އަދި ބ. އޭދަފުށީ ކައުންސިލުން ވެސް 700،000 ރުފިޔާގެ ހިއްސާ ގަނެފައިވާ ކަމަށް އިސްލާމިކް ބޭންކުން ބުންޏެވެ.

އެމްއައިބީ އިން ހިއްސާ ވިއްކަނީ ހިއްސާއެއް 35 ރުފިޔާގެ މަގުންނެވެ. އެންމެ މަދު މިންވަރަކަށް ގަނެވޭނީ 20 ހިއްސާ އެވެ. މި އަދަދު އިތުރުކުރަން ބޭނުން ނަމަ 10 ހިއްސާއިން އަދަދު އިތުރުކުރެވިދާނެ އެވެ.

comment ކޮމެންޓް