ފެލިދޫ ބަނދަރު ބޮޑުކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

ފެލިދޫ ބަނދަރު ބޮޑުކުރަން ކުރުމަށް އެމްޓީސީސީ އާ ހަވާލުކުރުން -- ފޮޓޯ: އެމްޓީސީސީ

ވ. ފެލިދޫ ބަނދަރު ބޮޑުކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.

މިއަދު ޕްލޭނިން މިނިސްޓްރީގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގް އެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ ހަސަން ޝާހް އެވެ.

އެ މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 18،508،697.10 ރުފިޔާ ހަރަދުކުރެ އެވެ. އަދި މަޝްރޫއު 210 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމައި ހަވާލުކުރަން ވަނީ އެއްބަސްވެފަ އެވެ.

އެއްބަސްވުމުގެ ދަށުން އެ ރަށުގެ ބަނދަރުގައި 61 މީޓަރުގެ ބޭރު ތޮއްޓެއް ލުމާއި، 180 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ އިތުރުން 126 މީޓަރުގެ އެއްގަމު ތޮށްޓެއް ލުމަށް ވަނީ ހަމަޖެހިފަ އެވެ.

އޭގެ އިތުރުން ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި ޖެހުމުގެ އިތުރުން ބަނދަރުގައި ބައްތި ޖެހުން ވެސް މަޝްރޫއުގެ ދަށުން ކުރެވިގެންދާނެ އެވެ.

comment ކޮމެންޓް