ނަޖިހުން ފައިދާ ހޯދިދާނެ ގޮތެއް ބަލަނީ

އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިހާރު ފަރުގެ ނިޒާމަށް ބޭރުކުރާ ނަޖިސް ބޭނުންކޮށްގެން ފައިދާ ހޯދިދާނެ ގޮތްތަކެއް ވިސްނަމުން އަންނަކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ކޮންމެ ދުވަހަކު މާލެ އިން އެތައް ޓަނެއްގެ ނަޖިސް އުފައްދާ ކަމަށެވެ.

މިހާރު އެ ނަޖިސް ބޭރުކުރަނީ ފަރުގެ ނިޒާމަށް ކަމަށާއި. ނަމަވެސް އެއީ އެނަރޮބިކް ޑައިޖެސްޝަން ޕްރޮސެސް ބޭނުންކޮށްފި ނަމަ، އޭގެން ގޭސް އުފައްދައިގެން ފައިސާ ހޯދި ދާނެ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ވަރަށް ފަހުން ޗެކް ރިޕަބްލިކް އާއި އިޓަލީއަށް ކުރެއްވި ދަތުރުގައި އެފަދަ ނިޒާމުތައް ހިނގާ ގޮތާއި އޭގެ ތަޖުރިބާ މިނިސްޓްރީގެ ޓެކްނިކަލް މީހުން ވަނީ ހޯދާފައި ކަމަށެވެ.

"އަޅުގަނޑުމެން މި އުންމީދު ކުރަނީ އެމްޑަބްލިއުއެސްސީ އާއި ގުޅިގެން މާލޭގައި މި އުފެދޭ ނަޖިހުގެ އެތައް ބައިވަރު ޓަނެއްގެ ނަޖިސް ކޮންމެ ދުވަހަކު އެބަ އުފައްދާ، އެ ބޭނުންކޮށްގެން އިތުރަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ، އެމްޑަބްލިއުއެސްސީ އިން އެކަމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އެބަ އޮތް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިފަދަ ހައްލުތަކެއް ހޯދިއްޖެ ނަމަ، މިހާރު މާލެއަށް ކުރިމަތިވެފައިވާ މައްސަލައަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

މާލެއަށް ދިމާވެފައިވާ ނަރުދަމާގެ މައްސަލައާ ގުޅިގެން މިނިސްޓަރު ވިދާޅުވީ މާލޭގެ ނަރުދަމާ ފުރަތަމަ ފަރުމާ ކުރި އިރުގައި ފަރުމާ ކުރެވިފައި އޮތީ، މާލޭގައި މިއަދު ދިރިއުޅޭ އާބާދީއަށް އަމާޒުކޮށްގެން ނޫން ކަމަށެވެ.

މިއަދު މާލޭގެ އާބާދީ އެތައް ގުނައެއް އިތުރުވެ، އިމާރާތްތައް އުސްވެފައިވާތީ، މާލޭގައި ގާއިމުކޮށްފައިވާ ހޮޅީގެ ނިޒާމު ފަރުމާ ކޮށްފައި އޮތް ގޮތުން މާލެއަށް އެންމެ ބޭނުންވާ ގޮތަށް ހިދުމަތް ނުދެވޭކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ދެން މައްސަލަ ޖެހުނީމާ އެމްޑަބްލިއުއެސްސީ އިން ކުރައްވާ ކަމަކީ އަނެއްކާ މައްސަލަ ޖެހޭ ދިމާ ބްލޮކް ވުން ހުއްޓުވުމަށްޓަކައި އިތުރު ހޮޅި އަޅަނީ. އެހެންކަމުން މުޅި މާލޭގައި މި މައްސަލަ ފާހަގަ ކުރެވޭ،" މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް