މިސްރުގެ ކުރީގެ ރައީސް މުރުސީގެ ދަރިކަލުން އަވަހާރަވެއްޖެ

މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރުސީގެ ދަރިކަލުން އަބްދުﷲ މުރުސީ ވަނީ އަވަހާރަވެފަ -- ފޮޓޯ: އަލްޖަޒީރާ

ގާހިރާ (ސެޕްޓެމްބަރު 5): މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރުސީގެ ދަރިކަލުން ގާހިރާގެ ހޮސްޕިޓަލެއްގައި އަވަހާރަވެއްޖެކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފިއެވެ.

ނަން ހާމަކޮށްފައި ނުވާ ފަރާތްތަކާ ހަވާލާދީ އަލްޖަޒީރާގައިވާ ގޮތުން އުމުރުން 20 އަހަރާއި 30 އަހަރާ ދެމެދުގެ އަބްދުﷲ މުރުސީ އިއްޔެ އަވަހާރަވީ ގީޒާގައި ހުންނަ އޮއޭސިސް ހޮސްޕިޓަލުގައެވެ. އަދި އެ އާއިލާގެ މެމްބަރަކު ވަނީ އޭނާ އަވަހާރަވިކަން ކަށަވަރުކޮށްދީފައެވެ.

އަބްދުﷲ މުރުސީ އަވަހާރަވުމާ ބެހޭ ގޮތުން މިސްރުގެ ހެލްތު މިނިސްޓްރީން އަދި ވަކި އެއްޗެކޭ ނުބުނެއެވެ. ނަމަވެސް އެގައުމުގެ ބައެއް މީޑިއާތަކުން ވަނީ އެ މަރުގައި ޝައްކުކުރެވޭ ކަމެއް ނެތް ކަމަށާއި އަބްދުﷲ މުރުސީއަކީ މީގެ ކުރިންވެސް ސިއްހީ މައްސަލަތަކާ ކުރިމަތިލެއްވި ފަރާތެއް ކަމަށް ބުނެފައެވެ.

ތުރުކީގެ ނޫހަކުން އަބްދުﷲ މުރުސީގެ ބޭބެ އަހުމަދާ ހަވާލާދީ ބުނި ގޮތުގައި އޭނާ އަވަހާރަވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ހިތް ހުއްޓިގެންނެވެ.

އަބްދުﷲއަކީ މުރުސީގެ ބޭފުޅުންގެ ތެރެއިން މިސްރުގެ ސަރުކާރަށް އެންމެ ބޮޑަށް ފާޑު ވިދާޅުވި ބޭފުޅާއެވެ. އަދި އޭނާއަކީ މުރުސީގެ ޝަރީއަތުގައި އޭނާ އެންމެ ބޮޑަށް ދިފާއު ކުރެއްވި ބޭފުޅާއެވެ.

މީގެ އިތުރުން މިދިޔަ ޖޫން މަހު މުރުސީ އަވަހާރަވުމުން އަބްދުﷲ ވަނީ މުރުސީ އަވަހާރަކޮށްލީ ކަމަށާއި އެކަމުގައި ބައިވެރިވީ ރައީސް އަބްދުލްފައްތާހު އަލް ސީސީއާ ގުޅުން ހުރި ފަރާތްތައްކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އޭގެ ތެރޭގައި ކުރީގެ އިންޓީރިއާ މިނިސްޓަރު މަހުމޫދު ތައުފީގާއި މިހާރުގެ އިންޓީރިއާ މިނިސްޓަރު މަގުދީ އަބްދުލް ގައްފާރުގެ ނަން ފާހަގަ ކުރެއްވިއެވެ.

މުރުސީ އަވަހާރަވީ ފަލަސްތީނުގެ ހަމާސްއަށް ޖާސޫސުކޮށްދިން ކަމުގެ ދައުވާގައި ޝަރީއަތް ކުރިއަށް ގެންދިޔުމަށް ކޯޓަށް ހާޒިރުކޮށްފައި ވަނިކޮށެވެ.

އޮފިޝަލުން ވިދާޅުވި ގޮތުގައި މުރުސީ ވަނީ އެ ޝަރީއަތުގައި ގާތްގަނޑަކަށް ފަސް މިނިޓު ވަންދެން ވާހަކަ ދައްކަވައިފައެވެ. ނަމަވެސް ޝަރީއަތް މެދުކަނޑާލި ވަގުތު ކުއްލިއަކަށް ވެއްޓުނީއެވެ. އަދި ހޮސްޕިޓަލަށް ގެންދިޔަ އިރު ވަނީ އަވަހާރަވެފައި ކަމަށް މިސްރުގެ ޕަބްލިކް ޕްރޮސެކިއުޓަރު ވިދާޅުވިއެވެ.

ޑިމޮކްރެޓިކް އިންތިހާބެއް ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ރައީސްގެ ގޮތުގައި 2012 ވަނަ އަހަރު މުރުސީ ވެރިކަމަށް ވަޑައިގެންނެވީ އޭގެ ކުރީ އަހަރު މިސްރުގައި ކުރި މުޒާހަރާތަކުގައި ރައީސް ހުސްނީ މުބާރަކުގެ ވެރިކަން ވައްޓާލި ފަހުންނެވެ.

ނަމަވެސް މުރުސީގެ ވެރިކަމަށް އެއްމެ އަހަރެއްވީ ތަނާ އޭނާއާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ބާއްވައި، އެގައުމުގެ އަސްކަރިއްޔާއިން ވެރިކަން ވައްޓާލިއެވެ. އަދި އޭރުގެ އަސްކަރިއްޔާގެ ވެރިޔާ ސީސީ ރައީސްކަމަށް ވަޑައިގެންނެވިއެވެ.

މުރުސީގެ ވެރިކަން ވައްޓާލި ފަހުން އެކި މައްސަލަތަކުގައި އޭނާގެ މައްޗަށް ވަނީ ޖަލު ހުކުމާއި މަރުގެ ހުކުމްވެސް ކޮށްފައެވެ.

އޭގެ ތެރޭގައި، 2012 ވަނަ އަހަރު މުރުސީއާ ދެކޮޅަށް މުޒާހަރާކުރި ބަޔަކަށް އަނިޔާކުރި މައްސަލާގައި 20 އަހަރަށް ޖަލަށް ލާން ކުރި ހުކުމާއި ގަތަރަށް ޖާސޫސުކޮށްދިނުމުގެ ކުށުގައި 40 އަހަރަށް ޖަލަށް ލާން ކުރި ހުކުމާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާ ގުޅިގެން ޖާސޫސު ކުރި މައްސަލައިގައި އުމުރަށް ޖަލަށް ލާން ކުރި ހުކުމާއި 2011ގައި ޖަލުން ފިއްލެވި މައްސަލާގައި މަރަން ކުރި ހުކުމް ހިމެނެއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކުން ވަނީ މުރުސީގެ މަރު ތަހުގީގު ކުރުމަށް ގޮވާލާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް