"މި މޮޅު ހާއްސަ ކުރާނީ އިއްބެއާއި އިއްބެގެ އާއިލާއަށް"

މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމުގެ ފަރިތަކުރުން ތަކުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ވޯލްޑް ކަޕް ކޮލިފައިންގައި މިއަދު ގައުމުން ބޭރުގައި ކުޅެ ގުއާމް ގާތުން ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު ހޯދި މޮޅު ހާއްސަ ކުރަނީ ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި އާއިލާ ހަތަރު މެމްބަރުން މަރުވުމާއި ގުޅިގެން ޓީމުން ރިލީޒް ދީފައިވާ މިޑްފީލްޑަރު އިބްރާހިމް ވަހީދު (އިއްބެ) އާއި އޭނަގެ އާއިލާއަށް ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ދާދި ފަހުން ހދ. ނޮޅިވަރަންފަރުން ފުރައިގެން ހަނިމަދޫ އަށް ދަތުރުކުރަނިކޮށް ލޯންޗެއް ބަންޑުން ޖަހާލި ހިތާމަވެރި ހާދިސާގައި މަރުވި ފަސް މީހުންގެ ތެރޭގައި އާއިލާގެ ހަތަރު މެމްބަރަކު ހިމެނުމުން ސްރީ ލަންކާގައި ކުރިއަށް ދިޔަ ޓްރެއިނިންގް ކޭމްޕް ދޫކޮށް އައިލާއާއި އެކު ވަގުތު ހޭދަ ކުރުމަށް އިއްބެ ވަނީ ރާއްޖެ އައިސްފަ އެވެ.

އަދި މިއަދު ގުއާމާ ދެކޮޅަށް ކުޅުނު މެޗުގައި އިއްބެ ނުކުޅޭނެކަން އެފްއޭއެމުން ކުރިން އެންގީ އެ ހާދިސާއާ ގުޅިގެން އޭނާއަށް ކުރިމަތިވި ހިތާމައާ އެކު އާއިލާއާ އެކު ގިނަ ވަގުތު ހޭދަކުރަން ބޭނުންވާނެތީ ކަމަށް އެފްއޭއެމުން ބުންޏެވެ.

މިއަދުގެ މެޗުން ގައުމީ ޓީމު މޮޅުވުމާ ގުޅިގެން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނީ މިއަދުގެ މެޗުން މި ލިބުނު މޮޅު ހާއްސަ ކުރާނީ އިއްބެއާއި އިއްބެގެ އާއިލާއަށް ކަމަށެވެ.

ބައްސާމުގެ ޕޯސްޓަށް ކުރި ރިޕްލައިއެއްގައި އިއްބެ ވަނީ އޭނާއަށް ޝުކުރު އަދާ ކޮށްފަ އެވެ.

"ވަރަށް އުފާ ވެެއްޖެ މި ޕޯސްޓް ފެނިފައި. ޝުކުރިއްޔާ ރައީސް [އެފްއޭއެމްގެ ރައީސް ބައްސާމް] އަށާއި ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިން."

އިއްބެ އަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ހުނަރުވެރި އެއް މިޑްފީލްޑަރެވެ. ޑިސިޕްލިން ރަނގަޅު، މަސައްކަތުގެ ރޭޓް އެހާމެ ރަނގަޅު އިއްބެ އަކީ ރާއްޖޭން މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިރު މޮޅަށް ކުޅުނު ކުޅުންތެރިޔެކެވެ. އޭނާ ވިދާލީ 2015-2018 އަށް ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނުއިރެވެ. މި އަހަރު މާޒިޔާ އަށް ބަދަލުވުމަށް ފަހު ވެސް އިއްބެ އަންނަނީ އޭނާގެ މޮޅު ކުޅުން ތަކުރާރުކުރަމުންނެވެ.

comment ކޮމެންޓް