މުޅި ރާއްޖޭގައި ހުރި ކުނިފުނިތައް ސާފުކުރުމުގެ ޕްރޮގްރާމެއް ފަށަނީ

އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މަޖިލީހުގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ހުރި ކުނި ސާފުކޮށް، ނައްތާލުމުގެ ބޮޑު މަޝްރޫއެއް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކުނީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި، މުޅި ރާއްޖޭގައި ވެސް ވަރަށް ބައިވަރު ކުނި އެބަހުރި ކަމަށެވެ.

"މި މައްސަލަ ހައްލު ކުރުމަށް މުޅި ރާއްޖެ ސާފު ކުރުމުގެ ޕްރޮގްރާމެއް އަޅުގަނޑުމެން ވަނީ ފަރުމާކޮށްފައި،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއަށް ރައީސް އޮފީހުން މިހާރު ހުއްދަ ދެއްވާފައިވާ ކަމަށާއި، އެ މަޝްރޫއު ބިޑު ކުރުމަށް މިހާރު ފިނޭންސް މިނިސްޓަރަށް ހުށަހަޅާފައިވާ ކަމަށެވެ.

"އެ ބިޑުތައް އިއުލާނު ކުރެވުނީމާ، ހުރިހާ އަތޮޅުތައް ވަކިވަކިން، އެ ރަށްރަށުގައި ހުރި ކުނިތައް ނަގާ ސާފުކުރެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

އެއަށްފަހު ރަށު ކައުންސިލްތަކާ ގުޅިގެން އެ ރަށްރަށުގައި އިތުރަށް ކުނި ޖަމާނުވާނެ އަދި ކުނި ފުނިތައް ނުއުފެދޭނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރެވިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކައުންސިލްތަކަށް ލިބޭ ފައިސާ، ރައްޔިތުންގެ މަޖިލީހުން އިތުރުކޮށްދިނުމާއެކު ކުނި އުފެދުމުގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

comment ކޮމެންޓް