އެމްޕީއެލްގެ ހިޔާ ޕްރޮޖެކްޓްގެ ވަގުތީ ލިސްޓް ބާތިލްކޮށްފި

ހިޔާ މަޝްރޫއުގެ ދަށުން އެމްޕީއެލް އިން އަޅާ ޓަވަރުތަކުގެ ކުރެހުމެއް --- ފޮޓޯ/ އެމްޕީއެލް

ބޯހިޔާވަހިކަން ހޯދައިދިނުމުން ނިމިގެން ދިޔަ ސަރުކާރުގައި ފެށި ބިޔަ ހިޔާ މަޝްރޫއުގެ ރަށުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހަދަމުންދާ ފްލެޓްތައް ލިބުނު މީހުންގެ ވަގުތީ ލިސްޓް ބާތިލްކޮށްފިއެވެ.

އެމްޕީއެލްއިން ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓް ނެރުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

ނަމަވެސް އެމްޕީއެލްގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުން އިއްޔެ ހުރިހާ މުވައްޒަފުންނަށް ފޮނުވާފައިވާ މެމޯއެއްގައި ބުނީ މިއަހަރު އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ބޭއްވި ޖަލްސާގައި ވަގުތީ ލިސްޓް ބާތިލްކުރަން ނިންމި ކަމަށެވެ.

އަދި ފްލެޓަށް ކުރިމަތިލުމުގެ ޝަރުތު ރިވިއުކޮށް ވަގުތީ ލިސްޓް ބާތިލްކޮށްފައިވާ ކަމަށްވެސް އެ މެމޯގައި ވަނީ ބުނެފައެވެ.

އެމްޕީއެލްއިން ހަދަން ފެށި ފްލެޓްތަކުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރު ޖެނުއަރީ މަހުއެވެ.

އެ މަޝްރޫއުގެ ދަށުން އެމްޕީއެލް އިން އަޅާ 15 ބުރީގެ ތިން ޓަވަރުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ޑަބްލިއުއެންޑް އޭ އޯވަސީސް ޕްރައިވެޓް ލިމިޓެޑާއެވެ.

އެމްޕީއެލް އިން އަޅާ ތިން ޓަވަރުގައި އެއް ކޮޓަރީގެ 204 އެޕާޓްމެންޓާއި، ތިން ކޮޓަރީގެ 330 އެޕާޓްމެންޓް ހުންނާނެއެވެ. އެއީ ޖުމްލަ 534 އެޕާޓްމެންޓެވެ.

comment ކޮމެންޓް