ރިލްވާންގެ މަރު: އިތުރު މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި

ރިލްވާން: މިހާތަނަށް 15 މީހެއްގެ ޕާސްޕޯޓު ވަނީ ހިފަހައްޓަފައި

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ ރަހީނުކޮށް މަރާލި މައްސަލައިގައި އިތުރު މީހެއްގެ ޕާސްޕޯޓް ހިފަހައްޓަފައިފިއެވެ.

ރިލްވާންގެ މައްސަލައިގައި މިދިޔަ އާދިއްތަ ދުވަހާ ހަމައަށް 14 މީހެއްގެ ޕާސްޕޯޓު އޮތީ ހިފަހައްޓާފައެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އެ 14 މީހުންގެ އިތުރުން، އިތުރު މީހެއްގެ ޕާސްޕޯޓުވެސް މިހާރު އޮތީ ހިފަހައްޓާފައެވެ. 15 ވަނަ މީހާގެ ޕާސްޕޯޓު ހިފެހެއްޓީ އިއްޔެއެވެ.

އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) ވަނީ މިކަން މިރޭ "ސަން"އަށް ކަށަވަރުކޮށްދީފައެވެ.

އެހެން ނަމަވެސް މިހާތަނަށް މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުން ރިލްވާން ގެއްލުނު މައްސަލަ ބަލަމުން ދިޔަ އިރު، އެ ކޮމިޝަނުން ވަނީ އާދީއްތަ ދުވަހު މި މައްސަލައާ ގުޅޭ ތަފްސީލީ މައުލޫމާތުތަކެއް ހާމަކޮށްފައެވެ.

ރިޔާސީ ކޮމިޝަނުން އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވީ ރިލްވާން ގެއްލުނު ރޭ އޭނާ ކާރަކަށް އަރުވައިގެން ގޮސް ޑިންގީއަކަށް އަރުވައި، އަދި އެއަށްފަހު ކަނޑު އުޅަނދަކަށް އަރުވާފައި އޭނާ މަރާލީކަން އެނގިފައިވާ ކަމަށެވެ. ރިލްވާން މަރާލީ ރާއްޖޭގައި އޮންނަ އަލްގައިދާއަށް ނިސްބަތްވާ ގޮފިން ކަމަށްވެސް ވިދާޅުވިއެވެ.

ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގުގެ ހުލާސާ ރިޕޯޓު މިހާރު ވަނީ ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފައެވެ. މަޖިލީހުން އާންމުކޮށްފައިވާ އެ ރިޕޯޓުގައިވާ ގޮތުން ހުޅުމާލެއިން ރިލްވާން ރަހީނުކޮށް، ޑިންގީއަކަށް އަރުވައިގެން ގެންގޮސް ދެން އެރުވީ އއ. އުކުޅަހު ދޯންޏަކަށެވެ. އަދި ރިލްވާން އެ ދޯންޏަށް އެރުވުމަށްފަހު، ކަރު ބުރިކޮށްލައި، ކަނޑުފައްތާފައިވާކަމަށް ސިއްރު ހެކިވެރިއަކާ ހަވާލައިދީ އެ ރިޕޯޓުގައި ބުނެއެވެ.

އާދީއްތަ ދުވަހު ސުއޫދު ވިދާޅުވީ، ރިލްވާން މަރާލި ގޮތާމެދު ހެކިންގެ ހެކިބަސް ލިބިފައިވާ ކަމަށެވެ. ނަމެވެސް ތިން ހެއްކެއްގެ ހެކި ބަހުގައި ފުށުއެރުންތަކެއް ހުރުމުން ރިލްވާން މަރާލިގޮތް ސީދާ ބުނަން އަދި ނޭނގޭކަމަށް ސުއޫދު ވިދާޅުވިއެވެ. ހެކިވެރިއެއްގެ ހެކިބަހުގައި ފުށުއެރުންތަކެއް ހުރުމުން ރިލްވާން މަރާލިކަން ޖިނާއީ މިންގަނޑު ސާބިތުކުރަން އުނދަގޫވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ރިލްވާން މަރާލި ފަހުން، އޭނާ ރާއްޖެއިން ބޭރަށް ގޮސް ހަނގުރާމައެއްގައި މަރުވެފައިވާ ކަމަށް ދެއްކުމަށްޓަކައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި ފުލުހުންގެ އިންޓެލިޖެންސް ދެ އޮފިސަރުން މަސައްކަތް ކުރި ކަމަށްވެސް ސުއޫދު ވިދާޅުވިއެވެ.

ރިލްވާންގެ މައްސަލައިގައި ތުހުމަތު ކުރެވޭ 15 މީހެއްގެ ޕާސްޕޯޓު މިހާރު ހިފެހެއްޓިފައިވާއިރު، ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން ދެ މީހަކަށް މީގެ ކުރިން ދައުވާކުރިއެވެ. އެއީ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. ނަމަވެސް އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވެ އެ ދެމީހުން ދައުވާއިން ސަލާމަތްވިއެވެ.

comment ކޮމެންޓް