ލީސަން ނައްތާލުމުގެ ކާމިޔާބު އޮޕަރޭޝަނެއް ޓްރީޓޮޕުން ކޮށްފި

ލީސަން ނައްތާލުމުގެ ކާމިޔާބު އޮޕަރޭޝަން ކުރުމަށް ހަރަކާތްތެރިވި ޓީމް -- ފޮޓޯ: ޓްރީޓޮޕް

ޓްރީ ޓޮޕް ހޮސްޕިޓަލުން ލީސަން ނައްތާލުމުގެ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފި އެވެ.

ޓްރީޓޮޕުން ބުނީ އެ ހޮސްޕިޓަލުގެ އެންމެ ފުރަތަމަ ފްރަންޓަލް ކްރެނިއޮޓޮމީ އަދި ލީސަން ނައްތާލުމުގެ އޮޕަރޭޝަން، އެ ހޮސްޕިޓަލުގެ ނާރުގެ އޮޕަރޭޝަން ޑިޕާޓްމެންޓުން ކާމިޔާބު ކަމާއިއެކު ކޮށްފައިވާ ކަމަށެވެ.

އެ ހޮސްޕިޓަލުން، ސިކުނޑީގެ ޓިއުމަރަށް ފަރުވާ ކުރަމުންދާ 57 އަހަރުގެ މީހޭއްގެ އޮޕަރޭޝަން ކޮށްފައިވާއިރު ކްރޭނިއޯޓޮމީއަކީ ބޮލުގެ ނާށިގަނޑުން ބައެއް ނެގުމަށްފަހު ލީސަން ނައްތާލުމަށް ކުރާ އޮޕަރޭޝަނެކެވެ.

ޓްރީޓޮޕް ހޮސްޕިޓަލް -- ފޮޓޯ: ޓްރީޓޮޕް

މި އޮޕަރޭޝަން ކުރިއަށް ކޮށްފައިވަނީ މިމަހުގެ ދެވަނަ ދުވަހު ކަމަށާއި އޮޕަރޭޝަން ކުރުމުގައި ހަރަކާތްތެރިވީ ޓްރީޓޮޕްގެ ނާރުގެ އޮޕަރޭޝަންތަކަށް ހާއްސަ ޑޮކްޓަރު، ޑރ. ހުއާން ލޮރީޑޯ އާއި ހޭނައްތާ ޑޮކްޓަރުން ކަމަށްވާ ޑރ. އަމްރު ސަފްވަތް އާއި ޑރ. ބިޝްނޫ ރަވީ އަދި މެޑިކަލް އޮފިސަރު ޑރ. ބޮސްކޮ ލޯރެންސް ކަމަށް ޓްރީޓޮޕުން ބުންޏެވެ. އޮޕަރޭޝަނަށް އަމަލީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ ހުނަރުވެރި އެ ހޮސްޕިޓަލުގެ ޓެކްނިކަލް ސްޓާފުންނާއި ނަރުހުންގެ ޓީމުންނެވެ.

ޑރ. ހުއާން ލޮރީޑޯއަކީ ދާއިރާގެ ގިނަ ތަޖުރިބާތަކެއް ލިބިލައްވާފައިވާ، ނާރުގެ އޮޕަރޭޝަންތަކަށް ހާއްސަ ޑޮކްޓަރެކެވެ. ޑރ. ހުއާން އަކީ ނާރުގެ ބަލިތައް ދެނެގަނެ، ވީހާވެސް ކުޑަކޮށް ފަޅާލައިގެން ކާމިޔާބު ބޮޑެތި އޮޕަރޭޝަންތައް ކުރުމަށް ފާހަގަ ކޮށްލެވޭ ޑޮކްޓަރެއްކަމަށް ޓްރީޓޮޕުން ބުންޏެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގެ އެމްއާރުއައި ހިދުމަތް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ޑރ. ހުއާން ވަނީ ސްޕެއިންގެ "ހޮސްޕިޓާލެސް ސެން ރޯގު"ގެ ނާރުގެ އޮޕަރޭޝަން ޑިވިޒަންގެ އިސްވެރިޔާގެ މަގާމާއި، ކެނެރީ އައިލެންޑްސްގެ އައިސީއެން-އިންސްޓިޓިއުޓޯ ކެނޭރިއޯ ޑި ނިއުރޯސިރިއުޖިއާގެ ޑިރެކްޓަރުގެ މަގާމުފަދަ، މަގާމުތައް ފުރުއްވާފައެވެ. އަދި ޒިއުރިކްގައި މައިކްރޯސާޖަރީ، ލަންޑް ޔުނިވާރސިޓީގައި ނިއުރޯ-އިންޓެންސިވް ކެއަރ، ހަވާޑް ޔުނިވަރސިޓީ އަދި މެލްބޯންގައި ނިއުރޯ ސާރޖަރީ، އަދި ޑެލަސްގައި ވެސްކިއުލޯ އިން ޑރ. ހުއާން އެތަކެއް ވިޒިޓިންގް ފެލޯޝިޕް ކްރެޑިޓް ހޯއްދަވާފައިވެއެވެ.

"މި އޮޕަރޭޝަންގެ ސަބަބުން، ބަލިމީހާއަށް ފަސޭހަތަކެއް ލިބި، ތަދުތަކުން މިންޖުވެ، ކުރިއަށްދާންވީ އެންމެ ރަނގަޅު މަގު ފަހިވެގެންދާނެ." ޑރ. ހުއާން އާއި ހަވާލާދީ ޓްރީޓޮޕުން ބުންޏެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ އަމާޒަކީ ބައިނަލްއަޤްވާމީ ފެންވަރުގެ ސިއްޙީ ޚިދުމަތްތައް، ވާދަވެރި އަގުތަކެއްގައި ދިވެހިރާއްޖޭގައި ފޯރުކޮށްދިނުމުގައި ދެމިތިބުންކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

comment ކޮމެންޓް