ހުޅުމާލޭގައި އިންޑިއާގެ އާ އެމްބަސީ އިމާރާތުގެ ބިންގާ އަޅައިފި

ހުޅުމާލޭގައި އިންޑިއާ އެމްބަސީ އިމާރާތުގެ ބިންގާ އެޅުމުގެ ތެރެއިން -- ފޮޓޯ/ ފޮރިން މިނިސްޓްރީ

ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގެ އިމާރާތް އެޅުމަށް ދީފައިވާ ބިމުގައި އެ އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ.

ސަރުކާރުން ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޑިޕްލޮމެޓިކް އެންކްލޭވެއް ގާއިމުކޮށް، ރާއްޖޭގައި ގާއިމުވެ ތިބޭ ބޭރުގެ މިޝަންތަކުން އެތަނުގައި އިމާރާތް ގާއިމުކުރުމަށް ބިން ދިނުމަށް ނިންމާފަ އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނި ގޮތުގައި، ހުޅުމާލޭގައި ހަދާ ޑިޕްލޮމެތިކް އެންކްލޭވުގައި އިންޑިއާ އެމްބަސީ އެޅުމަށް ދިން ބިމުގައި އިމާރާތް އެޅުމަށްޓަކައި މިއަދު ވަނީ ބިންގާ އަޅާފަ އެވެ.

ބިންގާ އަޅުއްވައިދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން، ރާއްޖޭގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން ކޮންފަރަންސްގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމާނިއަމް ޖަޔަޝަންކަރެވެ.

މީގެ އިތުރުން ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ސަންޖޭ ސުދީރުވެސް ބައިވެރިވެވަޑައިގަތެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ރާއްޖެ ވަޑައިގެންނެވި އިރު، އެ ދަތުރުފުޅުގައި އިންޑިއާ އެމްބަސީގެ ބިންގާ އަޅުއްވާނެކަމަށް ވާހަކަ ދެކެވުނެވެ. ނަމަވެސް އެ ދަތުރުފުޅުގައި އެކަން ކުރިއަށް ނުގެންދެ އެވެ.

މިހާރު ރާއްޖޭގައި އިންޑިއާގެ އެމްބަސީ ހިންގަނީ ހ. އަތިރީގޭގެ އިމާރާތުގަ އެވެ.

comment ކޮމެންޓް