ވާވޭ މޭޓް 30 މިމަހު 19 ގައި!

ވާވޭ އިން އެންމެ ފަހުން ނެރުނު ޕީ30 ޕްރޯ---

ވާވޭގެ އާ ފްލެގްޝިޕް ފޯނު މިމަހުގެ 19 ގައި ލޯންޗު ކުރާނެކަމަށް އެކުންފުނިން ބުނެފި އެވެ.

ޓްވިޓާގައި އަންމުކުރި ޓީޒާ އެއްގައި ވާވޭ އިން ހާމަކުރި ގޮތުގައި ޖަރުމަނުގެ މިއުނިކްގައި ފޯނު ލޯންޗު ކުރާނީ ސެޕްޓެމްބަރު 19 ގަ އެވެ. ފޯނުގެ ޓެގްލައިން އަކީ "ރީތިންކް ޕޮސިބިލިޓީސް" އެވެ.

މި ޓެގްލައިންގައި އާ ފޯނެއް ނެރެން ވާވޭ އިން ތައްޔާރުވެފައިވާއިރު ވާވޭގެ އާ ފޯނުގައި ގޫގުލްގެ އެއްވެސް ހިދުމަތެއް ނުހިމަނަ އެވެ. ޗައިނާގެ ކުންފުނިތަކާއެކު ވިޔަފާރިކުރުން އެމެރިކާގެ ކުންފުނިތަކަށް އަދިވެސް އޮތީ މަނާކޮށްފަ އެވެ. މިއީ ވާވޭ އަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ.

ވާވޭގެ އާ ފޯނުގައި އެމީހުންގެ "ގޫގުލް-ލައިކް" ސޮފްޓްވެއާ ހިމަނާނެ ކަމަށް ބެލެވެ އެވެ. ނޫނީ އެ ފޯނުގައި ހިމަނާނީ އޯޕަން ސޯސް އެންޑްރޮއިޑް އެވެ. ވާވޭގެ އަމިއްލަ އޯއެސް "ހާމަނީއޯއެސް" އާންމުކޮށް ދައްކާލާފައިވާއިރު، ގޫގުލް ޕްލޭ ސްޓޯރާ އެއްގޮތް ޕްލެޓްފޯމެއް ގާއިމް ކުރުމުގެ މަސައްކަތްވެސް ވާވޭ އިން ދަނީ ކުރަމުންނެވެ.

ވާވޭ މޭޓް ޕްރޯ 30 ގެ ސޮފްޓްވެއާގެ އިތުރުން ހާޑްވެއާ އަށްވެސް ބޮޑެތި ބަދަލުތައް އަންނާނެ ކަމަށް ބެލެވެ އެވެ. ފޯނުގެ ކާވްޑް ޑިސްޕްލޭ އާއެކު ހިމަނާފައިވަނީ "ވޯޓާފޯލް" ޑިސްޕްލޭ އެކެވެ. ހަތަރު ކެމެރާ މި ފޯނުގައި ހިމެނޭނެ އެވެ. ކެމެރާތައް ހިމަނާފައިހުންނާނީ ވަށްބުރަކަށް ވާގޮތަށް ކަމަށް ލީކުވެފައިވާ މައުލޫމާތުތައް ބުނެ އެވެ.

comment ކޮމެންޓް