ރިޕޯޓު ދިނީ ކޯޓާއި ފުުލުހުންގެ ކިބައިން ކުރިއެރުމެއް ނުލިބޭނެތީ ކަމަށް ބެލެވޭ: ނަޝީދު

މަރު ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައިގެ ތަހުގީގު ރިޕޯޓު އަރުވަނީ ---

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވާލި މައްސަލައިގައި ތައްޔާރުކުރި ރިޕޯޓު، އެ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ދިނީ މިހާރުގެ ކޯޓުތަކާއި ފުުލުހުންގެ ކިބައިން ކުރިއެރުމެއް ނުލިބޭނެތީ ކަމަށް ގަބޫލު ކުރެވޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަރު ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު އިއްޔެ ވަނީ ކޮމިޝަނުގެ ތަހުގީގު ރިޕޯޓުގެ ކޮޕީއަކާއި އޭގެ ހުލާސާ ރިޕޯޓެއް ނަޝީދަށް އަރުވައިފައެވެ. އެ ރިޕޯޓު ނަޝީދު އިއްޔެ ޕާޓީތަކުގެ ޕީޖީ ލީޑަރުންނާ ހަވާލުކުރިއެވެ. ހުލާސާ ރިޕޯޓު މަޖިލީހުން ވަނީ އާންމުކޮށްފައެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ރިލްވާން މައްސަލައާ ގުޅޭގޮތުން މެމްބަރުން ވާހަކަފުޅު ދެއްކެވިއެވެ. ރިޔާސަތުގައި އިންނެވި ނަޝީދުވެސް ވަނީ ރިޕޯޓާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވައިފައެވެ.

ރިލްވާން މައްސަލައާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް މިހާރުގެ ފުލުސް އޮފީހުގެ އިންޓެލިޖެންސް ޑިޕާޓްމެންޓުގައި ކޮމިޝަނުން އެދުމުންވެސް ކޮމިޝަނަށް މައުލޫމާތު ދީފައި ނުވާކަން ނަޝީދު ފާހަގަކުރެއްވިއެވެ.

ނަޝީދު ވިދާޅުވީ، އެ މައުލޫމާތުތައް ފުލުހުގައި ބަހައްޓައިގެން ކުރެވޭނެ އިތުރު ތަހުގީގެއް ނެތް ކަމަށް ކޮމިޝަނުގެ ރައީސަށް ގަބޫލު ކުރެވުނީ ކަމަށް އެމަނިކުފާނު ދެކޭ ކަމަށެވެ.

"މި ރިޕޯޓުގައި ވަރަށް ސާފުކޮށް އެބަ ބުނޭ ފުލުސް އޮފީހުގައި މި މައުލޫމާތު ތާއަބަދަށް ފެށުނީއްސުރެ އޮތޭ. ލިބިފައޭ އޮތީ. ކުރީގެ ހޯމް މިނިސްޓަރުވެސް ވިދާޅުވި މި ހުރިހާ މައުލޫމާތެއް ލިބިފައި އެބަހުއްޓޭ. އެކަމުގެ އޭގެ މައްޗަށް އަމަލު ނުކުރެއްވީ،" ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މަޖިލީހުގައި ރިޕޯޓާ ބެހޭގޮތުން ބަހުސްކުރަން ކޮމިޝަނުގެ ރައީސް ރިޕޯޓު މަޖިލީހަށް ފޮނުއްވީ ފުލުހުންނާއި ކޯޓުތަކުގެ ފަރާތުންވެސް ރިލްވާންގެ މައްސަލައިގައި އިތުރު ކުރިއެރުމެއް ނުލިބޭނެތީ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

"އަޅުގަނޑަށް ފެންނަ ގޮތުގައި ކޮމިޝަނުގެ ރިޕޯޓު މި ގޮތަށް ހުލާސާކޮށް ނަންތަކާއެކުގައި މިތަނުގައި ގެނެސް ބަހުސްކުރުމަށް ކޮމިޝަނުގެ ރައީސް އެ އެދިވަޑައިގަންނަވާ ސަބަބަކީ އެ ބޭފުޅާ ދެކެވަޑައިގަންނަވާ ގޮތުގައި ދެން މިހާރު މި އޮތް ފުލުސް އޮފީހުންވެސް އަދި މިހާރު މި އޮތް ކޯޓުތަކުންވެސް މިކަމުގައި އިތުރު ކުރިއެރުމެއް ނުހޯދޭނެތީ،" ނަޝީދު ވިދާޅުވި އެވެ.

ރިލްވާންގެ މައްސަލައާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މަރު ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުއޫދު ވިދާޅުވީ، އެ މައްސަލައިގައި ހިމެނޭ މީހުންނަށް ދައުވާ ކުރަން ޕީޖީއާއެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ. އިއްޔެ ޕީޖީ އޮފީހުން ބުނެފައި ވަނީ މަރު ކޮމިޝަނާއެކު ރިލްވާން މައްސަލައިގައި މަސައްކަތް ފެށިފައިވާ ކަމަށެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ރިލްވާން ގެއްލުވާލި މައްސަލައިގައި 14 މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވެއެވެ.

comment ކޮމެންޓް