އޭވީސީ ސެންޓްރަލް ލާމަށް، އައިއޯއައިޖީގެ ވޮލީ ވ އަތޮޅަށް

އޮގަސްޓް، 13، 2019: ރާއްޖެއާއި ލަންކާއާ ދެމެދު ކުޅެވުނު އެކުވެރިކަމުގެ ވޮލީބޯޅަ މެޗްގެ ތެރެއިން: --- ފޮޓޯ/ ރައީސް އޮފީސް

އަންނަ އަހަރުގެ އޭވީސީ ސެންޓްރަލް ޒޯންގެ އަންހެން ވޮލީ ލާމު އަތޮޅުގައި ބޭއްވުމަށް މަސައްކަތް ކުރަމުން ދާކަމަށާއި، 2023 ގެ އައިއޯއަޖީގެ ވޮލީ ވާވު އަތޮޅުގައި ބޭއްވުމާއި ބެހޭ ގޮތުން ވާހަކަ ދެކެވެމުންދާ ކަމަށް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ވޮލީގެ ފޯރި އަލުން އަނބުރާ ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އަންނަ އަހަރުގެ އޭވީސީ ސެންޓްރަލް ޒޯންގެ އަންހެން ވޮލީ ރާއްޖޭގައި ބޭއްވުމަށް ކުރި ބިޑު ވަނީ ދާދި ފަހުން ކާމިޔާބު ކޮށްފަ އެވެ. އަދި ސަރުކާރުގެ އަމާޒެއް ކަމުގައިވާ ކުޅިވަރުގެ ހަރަކާތްތައް މާލެއެކޭ އެއްފަދައިން މުޅި ރާއްޖެތެރެއަށް ވެސް ހަމަހަމައަށް ބަހާލައިގެން ކުރިއަށްގެންދިއުމުގެ ސިޔާސަތުގެ ތެރެއިން އެ މުބާރާތް ވެސް ބޭއްވުމަށް މަސައްކަތް ކުރާނީ ލާމު އަތޮޅުގައި ކަމަށް މިނިސްޓަރު މިއަދު ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ ގައުމީ ވޮލީ ބޯޅަ ޓީމް: އުޒްބެކިސްތާނު އަތުން ބަލިވެ ރާއްޖެއަށް ފައިނަލްގެ ޖާގަ ވަނީ ގެއްލިފައި ----

ފަސްދޮޅަސް އެއް ރަށެއްގައި ހެދުމަށް ހަމަޖެހިފައިވާ އައުޓްޑޯރ ޖިމަށް ބޭނުންވާ ސާމާނު ހޯދުމަށް ސްޕޯޓްސް ކޯޕަރޭޝަނާއި ހަވާލުކުރުމަށް މިއަދު ޔޫތް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި މަހްލޫފް ވިދާޅުވީ އޭވީސީ ސެންޓްރަލް ޒޯނުގެ މުބާރާތް އަންނަ އަހަރު ލާމު އަތޮޅުގައި ބޭއްވުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.

މީގެ އިތުރުން އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތަކުގެ މެދުގައި ބޭއްވޭ އެންމެ ބޮޑު މުބާރާތް ކަމަށްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 ގައި ރާއްޖޭގައި ބާއްވަން ކުރި ބިޑު ވެސް ކާމިޔާބު ކޮށްފައިވާ އިރު އެ ގޭމްސް ވޮލީ ވާވު އަތޮޅުގައި ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު މިއަދު ވަނީ ވިދާޅުވެފަ އެވެ.

އަދި އެ އަތޮޅު ކައުންސިލުގެ އިސްވެރިންނާ މިއަދު ބައްދަލު ކުރައްވާ ޒުވާނުން ބޭނުންވާ ކަންކަމާ މެދު މަޝްވަރާ ކުރެވުނު ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

"ވާވު އަތޮޅުގައި ވޮލީ އިންޑޯއެއް ބިނާ ކުރާނެ ކަމުގެ ޔަގީންކަން އެ އަތޮޅަށް ދިނިން. އަދި އައިއޯއައިޖީގައި ފިރިހެން ޓީމު ކުޅޭ އެއް މެޗު ނަމަވެސް އެ އިންޑޯގައި ކުޅެވޭނެ އިންތިޒާމު ހަމަޖެއްސޭތޯ މަސައްކަތް ކުރާނަން." މަހްލޫފް ވިދާޅުވި އެވެ.

ވާވު އަތޮޅަކީ ރާއްޖޭގެ ވޮލީ ގައުމީ ޓީމުގެ އެންމެ ގިނަ ކުޅުންތެރިން ނިސްބަތްވާ އަތޮޅުކަން ފާހަގަ ކުރައްވަމުން މަހްލޫފް ވަނީ މީގެ ކުރިން ލަންކާާއާއި ރާއްޖެއާ ދެމެދު ކުޅުނު އެކުވެރިކަމުގެ މެޗެއް ބަލާލުމަށް އެ އަތޮޅަށް ނިސްބަތްވާ ރަށްތަކުގެ މީހުންނަށް މެޗު ބަލަން ހިލޭ މާލެ އައުމުގެ އިންތިޒާމު ވެސް ހަމަޖައްސައިފަ އެވެ.

comment ކޮމެންޓް