ރިލްވާންގެ ތަހުގީގުގެ ރިޕޯޓާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅު އަޅާނަން: ރައީސް

ރައީސް ސޯލިހް :-- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މިނިވަން ނޫޙުގެ ނޫސްވެރިޔާ، އަހްމަދު ރިލްވާނާ ގުޅޭ ގޮތުން ރިޔާސީ ކޮމިޝަނުން އެކުލަވާލި ތަހުގީގު ރިޕޯޓާ ގުޅިގެން އަޅަން ޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރިލްވާން ހިމެނޭ ގޮތުން ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންނާއި ޝައްކު އުފެދޭ މަރުތައް ބެލުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ. ވެރިކަމުގެ ފުރަތަަމަ ދުވަހު ރައީސް ސޯލިހް ވަނީ މަރާލާފައިވާ މީހުންނާއި ގެއްލުވާލެވިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވާފަ އެވެ.

ކޮމިޝަން އުފެއްދިތާ އަށް މަސްދުވަސް ތެރޭ ރިލްވާނާ ގުޅޭ ގޮތުން ހިންގި ތަހުގީގުގެ ގިނަ ވާހަކަތަކެއް އެކޮމިޝަނުން މިދިޔަ އާދިއްތަ ދުވަހު ވަނީ ހާމަކޮށްފަ އެވެ. އެ ތަހުގީގު ދެވަނަ ޑްރާފްޓް ރައީސް ސޯލިހަށް މިހާރު ވަނީ އަރުވާފަ އެވެ.

އެ ޑްރާފްޓާ ގުޅޭ ގޮތުން ރައީސް ސޯލިހް މިއަދު ނެރުއްވި ކުރު ނޫސް ބަޔާނުގައި ވިދާޅުވީ، ރިޔާސީ ކޮމިޝަނުން ފާހަގަ ކޮށްފައިވާ ކަންތައްތަކާ މެދު ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

"[ރިޔާސީ] ކޮމިޝަން އަޅުގަނޑު އެކުލަވާލުމުގެ އެއް މަގުސަދަކީ، ރިލްވާނަށް ހޯދައި އެކަން ކުރި މީހުން އިންސާފުގެ ކުރި މައްޗަށް ގެނެސް، މިފަދަ ކަމެއް މުޖްތަމައުގައި އަލުން ހިންގިޔަ ނުދިނުމަށް އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުން،" ދެ ޕެރަގްރާފުގެ ކުރު ބަޔާނުގައި ރައީސް ވިދާޅުވި އެވެ.

މިދިޔަ ޖުލައި، 4 ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވެފައިވަނީ، ރިލްވާންގެ މައްސަލައާ ގުޅޭ ތަފްސީލީ ރިޕޯޓެއް ރިޔާސީ ކޮމިޝަނުން އެމަނިކުފާނަށް އަރުވާފައިވާ ކަމަށެވެ. ބެލެވޭ ގޮތުގައި އެއީ ރިލްވާންގެ ތަހުގީގުގެ ފުރަތަމަ ޑްރާފްޓެވެ.

ރިލްވާންގެ މައްސަލައިގައި ގިނަ ކަންކަން ހޯދިފައިވީ ނަމަވެސް، އަދިވެސް ކޮމިޝަނުން ރިލްވާނާ ގުޅޭގޮތުން ކުރަމުންދާ ތަހުގީގު މުޅިން އެއްކޮށް ނުނިމެ އެވެ.

ރިޔާސީ ކޮމިޝަނުން އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވީ ރިލްވާން ގެއްލުނު ރޭ އޭނާ ކާރަކަށް އަރުވައިގެން ގޮސް ޑިންގީއަކަށް އަރުވައި، އަދި އެއަށްފަހު ކަނޑު އުޅަނދަކަށް އަރުވާފައި އޭނާ މަރާލީކަން އެނގިފައިވާ ކަމަށެވެ. ރިލްވާން މަރާލީ ރާއްޖޭގައި އޮންނަ އަލްގައިދާއަށް ނިސްބަތްވާ ގްރޫޕުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގުގެ ހުލާސާ ރިޕޯޓު މިހާރު ވަނީ ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފަ އެވެ. މަޖިލީހުން އާންމުކޮށްފައިވާ އެ ރިޕޯޓްގައިވާ ގޮތުން ހުޅުމާލެއިން ރިލްވާން ރަހީނުކޮށް، ޑިންގީއަކަށް އަރުވައިގެން ގެންގޮސް ދެން އެރުވީ އއ. އުކުޅަހު ދޯންޏަކަށެވެ. އަދި ރިލްވާން އެ ދޯންޏަށް އެރުވުމަށްފަހު، ކަރު ބުރިކޮށްލައި، ކަނޑުފައްތާފައިވާކަމަށް ސިއްރު ހެކިވެރިޔަކު ބުނެފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެ އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ރިލްވާންގެ މައްސަލައިގައި ތުހުމަތު ކުރެވޭ 14 މީހެއްގެ ޕާސްޕޯޓު މިހާރު ހިފެހެއްޓިފައެވެ. އެ މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން ދެ މީހަކަށް މީގެ ކުރިން ދައުވާކުރިއެވެ. އެއީ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. ނަމަވެސް އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވެ އެ ދެމީހުން ދައުވާއިން ސަލާމަތްވި އެވެ.

comment ކޮމެންޓް