ޔާމީނަށް އެއް މިލިއަން ޑޮލަރު ހޯދަން ގޯއްޗެއް ވިއްކިން: ޒަމީރު

ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ޝަރީއަތުގައި މިއަދު ހެކިބަސް ދެނީ --

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އެއް މިލިއަން ޑޮލަރު ބޭނުންފުޅުވެގެން ވިދާޅުވުމުން، އަމިއްލަފުޅު ގޯއްޗެއް ވިއްކަވައި އެއް މިލިއަން ޑޮލަރު ދެއްވި ކަަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު މުސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައިގެ ހެކިބަސް ނެގުމުގެ އަޑުއެހުމެއް މިއަދު އޮތެވެ. މިއަދުގެ އަޑުއެހުމުގައި އޮތީ ދައުލަތުގެ ފަރާތުން ހުށަހެޅި ހަތަރު ހެކިވެރިއެއްގެ ހެކިބަސް ނެގުމެވެ.

މިއަދު ނަގާފައި ވަނީ ޒަމީރާއި، ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފާއި، ބީއެމްއެލްގެ ކުރީގެ ބޯޑު މެމްބަރު މުހައްމަދު ލުވެއިޒް އާއި ވިޔަފާރިވެރިޔާ މުހައްމަދު ވަސީމް އިސްމާއިލްގެ ހެކިބަހެވެ.

މި ހަތަރު މީހުންގެ ތެރެއިން ޝަރީފް ފިޔަވައި ދެން ތިބި ތިން މީހުންނާާ ދިފާއުން އެއްވެސް ސުވާލެއް ނުކުރެ އެވެ. ދިފާއުން ބުނާ ގޮތުގައި އެ ހެކިވެރިންނަކީ މައުލޫއާ ގުޅުންހުރި ހެކިވެރިންނެއް ނޫނެވެ.

މިއަދު އެންމެ ފުރަތަމަ ނެގީ ޝަރީފްގެ ހެކިބަހެވެ. ޝަރީފް ހާޒިރުކޮށްފައި ވަނީ އޭސީސީއާ ރައީސް ޔާމީނާ އެކު ބީއެމްއެލްގައި އެސްކްރޯ އެކައުންޓެއް ހެދިކަން ސާބިތު ކުރުމަށެވެ.

ޝަރީފު ވިދާޅުވީ، އެސްކްރޯ އެކައުންޓު ހަދަން ފުރިހަމަ ކުރަން ޖެހޭ ކަންކަން އޭރުގެ އޭސީސީގެ ރައީސް ލުތުފީއަށް ކިޔައިދެއްވި ކަމަށެވެ. އެކައުންޓު ހުޅުވުމަށް ފަހު އެކައުންޓަށް ރައީސް ޔާމީން ފައިސާ ޖަމާ ކުރައްވަން ބޭނުންފުޅު ވާތީ އެކައުންޓުގެ ކޮންޓެކްޓު ޕޮއިންޓަކަށް ބީއެމްއެލްގެ ސީއީއޯ އޭނާ ހަމަޖެއްސެވި ކަމަށް ވިދާޅުވި އެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެއްވަނީ --

ދައުލަތުގެ ވަކީލު: "ކޮންޓެކްޓު ޕޮއިންޓަކަށް ހެކިވެރިޔާ ހަަމަޖެއްސުމަށް ފަހު އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާ ކުރުމާ ބެހޭގޮތުން އެއްވެސް ފަރާތަކުން ހެކިވެރިޔާއާ ބައްދަލުކޮށް ނުވަތަ ވާހަކަދައްކާފައިވޭތޯ؟"

ޝަރީފު: "ފައިސާ ޖަމާ ކުރުމާ ބެހޭގޮތުންނެއް ނޫން އެކަމަކު ފައިސާ ޖަމާ ކުރި ކަމުގެ ލިޔުމެއް ބޭނުންފުޅުވާ ކަމަށް ރައީސް އޮފީހުގެ އޭރުގެ މިނިސްޓަރު ވިދާޅުވި. ރައީސް ޔާމީން ބޭނުންފުޅު ވަނީ އެކައުންޓު ހުޅުވިފައިވާ ކަމުގެ ކޮންފަމޭޝަންއޭ؟"

ދައުލަތުގެ ވަކީލު: "އެއީ ކޮން ބޭފުޅެއްކަން ވިދާޅުވެދެވިދާނެތޯ؟"

ޝަރީފު: "އާޒިމާ،"

ޔާމީންގެ ފައިނޭންޝަލް ޓްރާންސެކްޝަނަކާ ބެހޭގޮތުން އެއްވެސް ފަރާތަކުން މުއާމަލާތެއް ކުރިތޯ ސުވާލު ކުރުމުން ލުވެއިޒު ވިދާޅުވީ، ރައީސް ޔާމީންގެ އަމިއްލަފުޅު ޓްރާންސެކްޝަނެއް ކުރަން ބޭނުންފުޅުވާ ވާހަކަ ދެއްކެވި ކަމަށެވެ. ބޭންކުގައި ތިބޭ އެގްޒެކެޓިވް ބޯޑު މެމްބަރުންނާ ގުޅިގެން އެކަން ކުރުމަށް އާޒިމާ ގާތުގައި ވިދާޅުވި ކަމަށެވެ. އަދި އެކަމުގައި ފަހުން އުޅުއްވީ އޭރުގެ ސީއީއޯ އާއި ޝަރީފް ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލު: "އެއީ ކިހިނެއް ހިނގައިދާނެ ކޮން މުއާމަލާތެއް ކަމުގެ މައުލޫމާތު ހެކިވެރިޔާއަށް އާޒިމާ ދެއްވާފައިވޭތޯ؟"

ލުވެއިޒް: "ނޫން،"

ދައުލަތުގެ ވަކީލު: "އާޒިމާ ފިޔަވައި އިތުރު އެއްވެސް ފަރާތަކުން ހެކިވެރިޔާއާ ކޮންޓެކްޓުކޮށްފައިވޭތޯ؟"

ލުވެއިޒް: "ނޫން،"

މޫސާ ޒަމީރާއި އެންސިސް ވަސީމް ހާޒިރު ކޮށްފައި ވަނީ، އެސްކްރޯ އެކައުންޓަށް ޖަމާ ކުރީ ރައީސް ޔާމީންގެ އިސްލާމިކް ބޭންކް އެކައުންޓަށް ޖަމާވި އެމްއެމްޕީއާރްސީގެ އެއް މިލިއަން ޑޮލަރު ނޫން ކަމަށާއި، އެއީ ޒަމީރު ވިޔަފާރީގެ މުއާމަލާތަކުން ހޯއްދެވި އެއް މިލިއަން ޑޮލަރުކަން ސާބިތު ކުރުމަށެވެ.

ދައުލަތުގެ ވަކީލު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޒަމީރު ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރެއްވި ކަމަށެވެ. އެއީ ރައީސް ޔާމީން އެދިވަޑައިގެން ހޯއްދެވި އެއް މިލިއަން ޑޮލަރު ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލު: "ފައިސާ ހޯއްދެވީ ކިހިނެއްތޯ؟"

ޒަމީރު: "އަޅުގަނޑުގެ މުދަލެއް ވިއްކައިގެން،"

އެ ފައިސާ ހަމަޖެހުނީ ރައީސް ޔާމީން ބޭނުންފުޅުވި ވަރަށް ވުރެ ލަހުން ކަމަށް ޒަމީރު ވިދާޅުވި އެވެ. އަދި ފައިސާ ލަސްވެގެން އާޒިމާ ގުޅުއްވި ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެ ފައިސާ އަކީ ކޮން ކަމަކަށް ހޯއްދަވާ ފައިސާއެއް ކަމެއް ޔާމީން ވިދާޅުވެފައި ނުވާ ކަމަށެވެ.

ޔާމީންގެ ފަރާތުން ވާހަކަ ދެއްކެވި ވަކީލު ވިދާޅުވީ، ޒަމީރުގެ ވާހަކަފުޅުން ޔާމީންގެ ތެދު ނިޔަތް ސާބިތުވެފައިވާ ކަމަށެވެ. ޔާމީންގެ ފަރާތުން ޒަމީރާ ސުވާލުކޮށްފައެއް ނުވެއެވެ.

މި މައްސަލައިގައި މިއަދު ހެކިބަސް ދިން ވަސީމް ވިދާޅުވީ 2018 ވަނަ އަހަރުގެ ތެރޭގައި އޭނާ މޫސާ ޒަމީރުގެ ގޯއްޗެއް ދެ މިލިއަން ޑޮލަރަށް ބައްލަވައިގެންނެވި ކަމަށެވެ. އަދި އެއްބަސްވުމުގެ ފެށުމާ ހަމައިން 1.08 މިލިއަން ޑޮލަރު ޒަމީރަށް ޖަމާ ކުރެއްވި ކަމަށް ވިދާޅުވި އެވެ. އޭގެ ފަހުންވެސް 15 މިލިއަން ރުފިޔާގެ މުއާމަލާތެއް ޒަމީރާ އެކު ކުރެއްވި ކަމަށް ވަސީމް ވިދާޅުވި އެވެ.

ވިޔަފާރިވެރިޔާ މުހައްމަދު ވަސީމް އިސްމާއިލް ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެއްވަނީ --

މިހާރު ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިވެރިންގެ ތެރެއިން ހެކިބަސް ނެގިފައި ނުވަނީ ހަމައެކަނި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީގެ އެވެ. ލުތުފީ ވަނީ ހެކިބަސް ދޭން އިއުތިރާޒްކޮށް ފުލުހުންނަށް އަންގައިފަ އެވެ. އޭނާ އެކަން ރަސްމީ ގޮތުން ލިޔުމުން އަންގަން ފުލުހުން ވަނީ އެދިފަ އެވެ. އޭގެ އިތުރުން ހެކިބަސް ދޭން އިއުތިރާޒުކޮށް ލުތުފީ ވަނީ ކްރިމިނަލް ކޯޓަށްވެސް ސިޓީއެއް ލާފަ އެވެ. އޭނާ ވިދާޅުވާ ގޮތުގައި އޭނާ ފުލުހުންނަށް މީގެ ކުރިން ބަޔާން ދީފައި ވަނީ ނުފޫޒު ފޯރުވައިގެންނެވެ.

ދައުލަތުން މިއަދު ބުނީ ލުތުފީ ފުލުހުންގެ ތަހުގީގަށް ބަޔާން ދިންއިރު ނަގާފައިވާ އިންޓަވިއުގެ ވީޑިއޯ ރެކޯޑިން ދައުލަތުން ބަލާފައިވާނެ ކަމަށެވެ. އެ ވީޑިއޯއަށް ބަލާއިރު އެފަދަ އެއްވެސް ކަމެއް ފާހަގަ ނުވާކަމަށް ދައުލަތުން ބުންޏެވެ. އަދި ނުފޫޒެއް ނެތްކަން ސާބިތު ކުރަން ދައުލަތުން އެދިފައި ވަނީ ޝަރީއަތުން އެ ވީޑިއޯ ބެލުމަށެވެ. ލުތުފީ ހެކިބަސް ދޭން ބޭނުންފުޅު ނުވާ އިރު އޭނާގެ އަމިއްލަ އިހްތިޔާރުގައި ނޫން ގޮތަކަށް އޭނާ ހާޒިރު ކުރެވޭނެ ގޮތެއް ދައުލަތަށް ނެތްކަން ދައުލަތުގެ ވަކީލު ފާހަގަކުރެއްވި އެވެ. ދިފާއުން ލުތުފީ ހާޒިރު ކުރަން ބޭނުންވެ އެވެ.

ދެން މި މައްސަލައިގައި އޮންނަ އަޑުއެހުމެއްގައި ލުތުފީގެ ވީޑިއޯ ބެލުމާ މެދު ގޮތެއް ކަނޑައަޅުއްވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ވިދާޅުވި އެވެ.

comment ކޮމެންޓް