ކުޅިވަރާ މާ ބޮޑަށް އުޅޭތީ ސަރުކާރަށް ފާޑުކިޔުންތައް އާދޭ: މަހުލޫފު

ޖުލައި 29، 2019: މޮރިޝަސްގައި ކުރިއަށް ދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖެއަށް ރަން ވަނަތަކެއް ހޯދައިދިން އެތްލީޓުން މާލެ އައުމުން ހޫނު މަރުހަބާއެއް ކިއުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާރުގެ ސަރުކާރުން ކުޅިވަރުގެ ކަންކަމާއި މާ ބޮޑަށް އުޅޭ ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވަމުންދާ ކަމަށް ޔޫތް މިނިސްޓަރު، އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

މި ފަހުން ބޮޑީ ބިލްޑިންގް އެސޯސިއޭޝަނާއި އެކު ޔޫތް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ ސަރުކާރަށް ނުވަ މަސްވެ ނިމުނު އިރު ކުޅިވަރުގެ ދާއިރާއަށް މިވީހާތަނުގައި ކުރެވިފައި ނެތް، ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްދެވިއްޖެ ކަމަށެވެ. އަދި އެއާ އެކު ސަރުކާރަށް އެކަމުގެ ސަބަބުން ފާޑު ކިޔުންތައް އަންނަ ކަން ވެސް މަހްލޫފް އެ ބައްދަލުވުމުގައި ފާހަގަ ކުރެއްވި އެވެ.

އައިއޯއައިޖީގައި ރާއްޖެ ތަމްސީލު ކުރާ އެތުލީޓުންނަށް ސަޕޯޓު ކުރުމުގައި ކުޅިވަރާ ބެހޭ މިނިސްޓަރި އަހްމަދު މަހްލޫފް އަވަދި ނެތި އުޅުއްވަނީ --- ފޮޓޯ// އެމްއޯސީ

"ފާޑު ކިއުންތައް ވަރަށް ގިނައިން އާދޭ ކުޅިވަރަށް މާ ބޮޑަށޭ އުޅެނީ ކިޔައިގެން. ވެދާނެ މީޑިއާގެ ސަމާލުކަން ކުޅިވަރަށް ބޮޑުވީމަ ކަމަށް ވެސް އެހެން ވަނީ. އެކަމު ވެސް ވަކި ކުޅިވަރެއް ބާކީ ނުކޮށް ހުރިހާ ކުޅިވަރެއް ވެސް ކުރިއަށް ގެންދިއުމަށް ކުރެވެން ހުރި މަސައްކަތްތަކެއް ކުރާނަން." މަހުލޫފް ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވީ ފާޑުކިޔުންތައް އައި ނަމަވެސް މިހާރު ކުޅިވަރުގެ ކަންކަން ކުރިއަށްދަނީ އެކަށީގެންވާ ސްޕީޑެއްގައި ކަމަށާއި ސަރުކާރުން ކުރަން ވައުދުވެފައިވާ ގިނަ ކަންތައްތައް މިހާރު ފެށިފައިވާ ކަމަށެވެ. އަދި ކައިރި މުސްތަގުބަލެއްގައި އެކަންކަން ނިމިގެންދާނެ ކަމަށާއި ލިބުނު ހަ މަސް ތެރޭގައި ހިތްހަމަ ޖެހޭ ވަރުގެ މަސައްކަތެއް ކުރެވިއްޖެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިގެ ސަރުކާރުގެ ކެބިނެޓުގައި ހިމެނުނު ހިސާބުން ފެށިގެން މަހްލޫފް ވަނީ ކުޅިވަރާ ބެހޭ ހުރިހާ އެސޯސިއޭޝަނާއި ބައްދަލުކޮށް އެ ކުޅިވަރުތައް ރާއްޖޭގައި ކުރިއެރުވޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރައްވައިފަ އެވެ. އެގޮތުން ވަކި ވަކި ކުޅިވަރުތައް ކުޅޭނެ ހާއްސަ ތަންތަން ބިނާ ކުރުމާއި ފެންވަރު ރަނގަޅު ފެސިލިޓީ ބިނާ ކުރުމުގެ އިތުރުން ތަމްރީން ހޯދަން ބޭރުގެ އެކި އެކި ގައުމުތަކުގެ އެހީ ވަނީ ކުޅުންތެރިންނަަށް ހޯދައިދީފަ އެވެ.

އޭގެ ތެރޭގައި ޗެސް އެސޯސިއޭޝަނަށް މިވީހާ ދުވަހު ލިބުނު ހުރިހާ ފައިސާއެއް އެއްކޮށްގެން ވެސް ނުދޭ ވަރަށް، މި ސަރުކާރުގެ ނުވަ މަސްތެރޭ އެ އެސޯސިއޭޝަނަށް ބަޖެޓް ލިބިފައިވާ ކަމަށް އެ އެސޯސިއޭޝަނުން ވެސް ވަނީ ދާދި ފަހުން ބުނެފަ އެވެ.

މީގެ އިތުރުން ސަރުކާރުގެ ބޮޑު ވައުދެއް ކަމަށްވާ ބައިނަލް އަގުވާމީ ގިނަ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް ކުރެއްވި މަސައްކަތުގެ ތެރެއިން އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތަކުގެ ތެރޭގައި ބޭއްވޭ އެންމެ ބޮޑު ގޭމްސް ކަމަށްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަންނަ ފަހަރު ރާއްޖޭގައި ބޭއްވުމަށް ވަނީ ބިޑު ކާމިޔާބު ކޮށްފަ އެވެ. އަދި އަންނަ ފަހަރުގެ އޭޝިއަން ބޮޑީ ބިލްޑިންގް އެންޑް ފިޒިކްސްއާއި އޭޝިއަން ސެންޓްރަލް ޒޯނުގެ އަންހެން ވޮލީ އިވެންޓު ވެސް ރާއްޖޭގައި ބޭއްވުމުގެ ބިޑް ވަނީ ކާމިޔާބު ކުރައްވާފަ އެވެ.

comment ކޮމެންޓް