ބައިވެރިޔާ މާ ބިޒީވަނީތަ؟ ދެން ކިހިނެއް ހަދާނީ؟

ސަން ފޮޓޯ: ފަޔާޒު މޫސާ

ރަށްޓެހިވެގެން އުޅޭއިރު އުޑުން ތަރިވެސް ބާލުވަދޭނެ އެވެ. ކޮންމެ ރެއަކު ބުރެއް ޖަހާލަންގޮސް، ކާން ނުދާ ރެސްޓޯރެންޓެއްވެސް ނުހުންނާނެ އެވެ. ކައިވެންޏަށްފަހު މާމުއިގެ ހަނދުގެ ދުވަސްވަރުވެސް ހަމަދާނީ މިހެނެވެ. ހުރިހާ ކަމެއްވެސް ކުރެވޭނީ އެކަކު އަނެކަކާއި އެކީގަ އެވެ. ނަމަވެސް މަޑުމަޑުން މިކަންކަން ފިލައިގޮސް، ކައިވެންޏަށް ދެތިން އަހަރުވާއިރު ގިނަފަހަރު އޮންނާނީ ދެމީހުން 'ބިޒީ' ކަމުން އެކަކު އަނެކަކަށް ބަލާލާނެ ވަގުތެއްވެސް ނެތިފަ އެވެ.

ހާސްވާނެ ކަމެއްނެތެވެ. ކިތަންމެ ބިޒީކޮށް އުޅުނަސް އެކަކު އަނެކަކަށް ކޮންމެވެސް ވަގުތުކޮޅެއް ދޭންވާނެ އެވެ. އެވަރު އަހަރެމެންކޮށްދޭނަމަ އެވެ. މާ ބޮޑަށް ބައިވެރިޔާ ބިޒީނަމަ ދެން ކަންތައްތައް ކުރަންވީގޮތަކީ މިއީ އެވެ.

1. މާ ބޮޑަށް ބަރޯސާނުވެ އެކަނި އުޅެން ދަސްކުރޭ

އެކިމީހުންގެ ވަޒީފާގެ ގޮތުން އާންމުކޮށް މިހޭދަކުރަންޖެހޭ 8 ގަޑިއިރަށްވުރެ ގިނަ ވަގުތު އެކަމަކަށް ދޭން ޖެހިދާނެއެވެ. އަދި ބައެއް ވަޒީފާތަކުގެ ގޮތުން، ކޮންމެ ކޮންމެ ގަޑިއަކު ފޯނުކުރުމާއި، މެސެޖުތަކަށް ރިޕްލައިކުރުމަކީވެސް އުނދަގުލަކަށްވެދާނެ އެވެ. މިފަދަ ވަޒީފާއެއް ބައިވެރިޔާ އަދާކުރާ ކަމުގައިވާނަމަ އެކަމަކަށް އިޚްތިރާމްކޮށް، އެނާއަށް އެ ވަގުތު ދިނުމަކީ ދެމީހުުންގެ ގުޅުމަށް ވަރަށް މުހިންމުކަމެކެވެ. ހަމައެޔާއެކު، އެފަދަ ވަގުތުތަކުގައި، ތިމާ ކުރާނެ ކަމެއްވެސް ހޯދާ، ފޫހިވެގެން އުޅުމުގެ ބަދަލުގައި ކޮންމެވެސް ކަހަލަ ހޮބީއެއް ހޯދާލައިގެން ކުރާށެވެ. ގައިމުވެސް، އެއްވެސް ކަމެއް ނުކޮށް ބައިވެރިޔާ ގޭގެ ތާށިވެފައި ހުރުމަށްވުރެން އޭނާ ރަނގަޅު މަސައްކަތަކުން ހެޔޮ އާމްދާނީއެއް ހޯދަން ފުރުސަތު ދިނުން މާ ބުއްދިވެރިއެވެ. ހަމައެކަނި އެ ބައިވެރިއަކާއި އެކު 24 ގަޑިއިރު ހޭދަކުރުމުގެ ބަދަލުގައި ދެމީހުން ދަންނަ އެހެން ރަހުމަތްތެރިންނާއިވެސް ސޯޝަލްވެލާ، އަމިއްލަ ސްޕޭސްއެއް އޮންނަންވާނެ އެވެ.

2. ޝަކުވާތައް ހިއްސާކުރޭ

ގިނަފަހަރަށް، ބައިވެރިޔާއާއި މެދު ހިތްހަމަނުޖެހި، ޝަކުވާތައް ފުނިޖެހޭނަމަ ދެން އެ ރުޅިގަނޑު ވަކި ހިސާބަކުން ފަޅައިގެންދާނީއެވެ. އެހެންކަމުން، ކިތަންމެ ކުޑަ ކަމަކާވެސް ހިތްހަމަނުޖެހޭނަމަ އަބަދުވެސް ޕޮޒިިޓިވްކޮށް އެވާހަކައެއް އެކަކު އަނެކަކާ ހިއްސާކުރަންވާނެ އެވެ. މިގޮތުން ބައިވެރިޔާ މާބޮޑަށް ބިޒީވެ ވަގުތުނުދެވޭ ކަމުގައިވާނަމަ މަޑުމައިތިރިކަމާއި ލޯތްބާއެކު އެވާހަކަ އޭނާ ގާތުގައި ބުނާށެވެ. ނަމަވެސް ކޮންމެހެން އޭނާ ކުށްވެރިކޮށް، އޭނާގެ ގޯސްކަން އަންގާ ބީދައަކުންނޫނެވެ. އޭގެ ބަދަލުގައި، އޭނާއަށްވެސް އަޑުއަހާ އަންޑާސްޓޭންޑްވާން ފަސޭހަވާނޭ ފަދަ ޕޮޒިޓިވް ގޮތަކަށެވެ. ވާހަކަދައްކަން އުނދަގޫނަމަ މެސެޖަކުން، ލިޔެގެން ނަމަވެސް ޓްރައި އެއް ދޭށެވެ.

3. ދުވާލުގެ ކޮންމެވެސް އެއް ވަގުތެއް އެކަކު އަނެކަކަށް ހާއްސަ ކުރޭ

ކޮންމެ ގުޅުމެއްވެސް "ސްޕާރކް" ނުގެއްލި ކުރިއަށްދާނީ އެ ދެމީހުންވެސް އެކަމަކަށް އެފޯޓްލައިގެންނެވެ. ނުވަތަ އެއްބާރުލުންދީގެންނެވެ. ކިތަންމެ ބިޒީވިނަމަވެސް، ހަތަރު ފަސްގަޑިއިރު ވާއިރު، އެކަކު އަނެކަކަށް މެސެޖެއް ކޮށްލުން ނުވަތަ ގުޅާލުން، ނުވަތަ ކުރާކަމެއް ބުނެލުން، ކައިފިތޯ އަހާލުން މިއީ ކުރެވިދާނެ ކަމަކެވެ. އެއްވެސް މީހަކު އޮފީހަށް ނުވަތަ މަސައްކަތަށްގޮސް ކާނެ، ބޯނެ ވަގުތެއް ނުވާވަރަކަށް ބިޒީއެއް ނުވާނެއެވެ. ހަަމައެޔާއެކު، ބައިވެރިޔާ މާ ގިނައިން، ގުޅާ މެސެޖުކުރާނަމަ ކޮންމެވެސް ކަމެއް އޭނާ ބޭނުންވާކަން ދެނެގަނެ އަމިއްލައާށް އޭނާއަށް އެޓެންޑްވެލާ 2 މިނިޓްވިޔަސް ވާހަކަދައްކާލުމުން މާ ބޮޑު މައްސަލައެއް ދިމާނުވެ ދެމީހުންވެސް ހިތްހަމަޖެހުނީއެެވެ. ނޫނީ ރޭގަނޑުގެ ކެއުން ނަމަވެސް، ނިދަން އޮށޯތުމުގެ ކުރިން ކޮންމެވެސް އެއް ވަގުތުކޮޅެއް އެކުގައި ހޭދަކޮށްލުންވާނީ ކާވެނީގެ ފުރަތަމަކޮޅުގެ ލޯބި އެގޮތުގައި ދެމެހެއްޓުމަށް ކުރެވިދާނެ ކަމެކެވެ.

4. ޗުއްޓީ ވާންވާނީ ޗުޢްޓީއަށް

ކޮންމެ ހަފްތާއެއްގެވެސް މަދުވެގެން އެއް ދުވަސް ކޮންމެ މުވައްޒަފަކަށްވެސް ހަފްތާ ބަންދުގެ ގޮތުގައި ލިބެއެވެ. އޭގެ އިތުރަށް އާއިލީ ޒިންމާތަކާއި، އެނުއަލް ލީވްއަކީވެސް ހަމަ ބޭނުމެއް ޖެހުމުން ލިބޭން ހުރި ދުވަސްތަކަކެވެ. އެހެންކަމުން މިފަދަ ދުވަސްތަށް އާޢިލާއާއި ނުވަތަ ބައިވެރިޔާއަށް ހުސްކޮށްލުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. އޭރުން ބައިވެރިޔާއަށް އޭނާގެ މުހިންމުކަންވެސް ވިސްނި، ލޯބިވާކަން ހާމަވާނެއެވެ.

5. ކުދިކުދި ކަންކަމާއި މާ ބޮޑަށް ވިސްނާނެ ކަމެއް ނެތް

މިހުރިހާ ކަމަކާއި އެކީވެސް ބައިވެރިޔާއާއި ޒުވާބުކޮށް، ޝައްކުކޮށް ބޭކާރު ކަންކަމާޢި ވިސްނާނެ ކަމެއް ނެތެވެ. އޮފީހުގައި ބިޒީވާ ކޮންމެ ދުވަހަކު، އޮފީސް މީހުންނަށް ގުޅާ، ރުޅިގަދަވެ ޝައްކުކުރާނަމަ އިސާހިތަކު ބައިވެރިޔާ ފޫހިވެދާނެއެވެ. ހަނދާނުގައި ބަހައްޓަންވީ އިތުބާރަކީ ކޮންމެ ގުޅުމެއްގެވެސް އެންމެ މުހިންމު އަސާސްކަމެވެ. ވަޒީފާގައި ކުރިއަރައިގެން ދިއުމަށް ގިނަ ވަގުތު އެކަމުގައި ހޭދަކުރަންޖެހޭނެ އެވެ. އަދި އެފަދަ ކަންކަމުގައި އެންމެ ގާތުން އަބަދުވެސް އެހީތެރިވެދޭ މީހަކަށް ތިމާ ވާންވާނެ އެވެ.

އެހެންކަމުން ދެން ފަހަރަކުން ބައިވެރިޔާ މާ ބިޒީވެ ހަބަރެއް ނުވެ އުޅޭނަމަ ރުޅިއިސްނުކޮށް، މިއިން ކަމެއް ކޮށްލާށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު