ހަރުކަށި ވިސްނުމާއި އަމަލުތަކަށް އިސްލާމްދީން ތަނެއް ނުދޭ: ދުންޔާ

ދުންޔާ މައުމޫން، ފޮރިން މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރު ރާއްޖޭގެ ފަރާތުން އދގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަނީ -- ފޮޓޯ/ އޭޕީ

ރާއްޖޭގައި ދީނީ ގޮތުން ހައްދު ފަހަނައަޅައިދިއުން އާންމުވީ 2004 ގެ ސުނާމީ ކާރިސާއާއި، އަދި ރާއްޖޭގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ގޮވާލައި ހިނގަމުން އައި ހަރަކާތްތަކާއެކު ބައެއް ޝައިޚުން އެ ހާލަތުގެ ނާޖާއިޒު ފައިދާ ނެގުމުގެ ސަބަބުން ކަމަށާއި، ނަމަވެސް ހަރުކަށި ވިސްނުމާއި އަމަލުތަކަށް އިސްލާމްދީން ތަނެއް ނުދޭކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ދުންޔާ "ސަން" އަށް މިއަދު ވިދާޅުވީ ހައްދު ފަހަނަ އަޅައިދިއުމުގެ މައްސަލައަކީ ހަމައެކަނި ރާއްޖެއަށް ދިމާވެފައިވާ މައްސަލައެއް އެކަނި ނޫން ކަމަށާއި އަދި މިއީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މައްސަލައެއް ކަމަށެވެ. އަދި ހައްދު ފަހަނަ އަޅައިދިއުމުގެ މައްސަލަ ހަމައެކަނި އުޅެނީ އިސްލާމްދީނުގައި އެކަނި ނޫން ކަމަށާއި އެހެން ދީންތަކުންވެސް އެކަން ފެންނަމުންދާކަން ދުންޔާ ފާހަގަކުރެއްވިއެވެ.

"އެދުވަސްވަރު ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށާއި ކަންކަމަށް އާންމުވި އެކްޓިވިޒަމާއެކު ބައެއް ޝައިޚުން ވަރަށް ތަފާތު ދީނީ ވާހަކަތައް ދެއްކުމުގެ ފުރުސަތު ލިބިގެން ދިޔަ. މިއީ ކުރިން ލިބުނު ފުރުސަތެއް ނޫން. ޖިހާދުގެ ހަގީގީ މާނަވެސް ހަރުކަށި ފިކުރުގެ މީހުން މިހާރު ވަނީ އޮޅުވާލައިފައި." ދުންޔާ ވިދާޅުވިއެވެ.

ރާއްޖޭގައި ދީނީ ހަރުކަށި ފިކުރުގެ ގްރޫޕުތަކާއި ޓެރަރިސްޓު ޖަމާއަތްތަކެއްގެ ގޮފިތަކެއް ހަރަކާތްތެރިވާކަން، މަރާލެވިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން އާދީއްތަ ދުވަހު ހާމަކުރި އިރު، އެކަމަށް ރައްދު ދީ ބައެއް ދީނީ އިލްމުވެރިން ބުނެފައިވަނީ ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު ފެތުރުނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ރައްޔިތުންނަށް ދީނު އުނގެނުނަ ނުދީ، އިލްމުވެރިންގެ ދޫ ބަންދުކޮށް ޖަލަށް ލައި އަނިޔާކުރުމުން ކަމަށެވެ.

މި ވާހަކަތަކަށް ރައްދު ދެއްވައި، ރައީސް މައުމޫނުގެ ދޮށީ ދަރިކަނބަލުން ދުންޔާ ވިދާޅުވީ ހަރުކަށި ފިކުރު އަށަގަތުމަކީ ވަކި މީހެއްގެ ބޮލުގައި އެޅުވޭނެ ކަމެއް ނޫން ކަމަށެވެ.

"މިހާރު ކޮން ދުވަހެއްތޯ ބައްޕަގެ ވެރިކަން ނިމުނު ފަހުން. ބައްޕައަކީ އަބަދުވެސް ހަރުކަށިކަމާ ބޮންގޮއްވުމާ މިފަދަ ކަންތައްތަކާ ދެކޮޅަށް ފާޅުގައި ވާހަކަދެއްކެވި ބޭފުޅެއް. ނިމިގެން ދިޔަ ރޯދަމަހު ބޭއްވި ދަރުސްގައިވެސް އެކަންތައްތަކާ ދެކޮޅަށް ވާހަކަދެއްކެވި. ބައްޕައަކީ ސާކް ސަރަހައްދާ އަޒްހަރުގައިވެސް އިހްތިރާމު ލިބިވަޑަޑައިގަންނަވާފައިވާ ބޭފުޅެއް،" ދުންޔާ ވިދާޅުވިއެވެ.

ދުންޔާ ވިދާޅުވީ ހަރުކަށީ ފިކުރު ނައްތާލުމުށް ރައީސް މައުމޫން ހެޔޮހިތުން މަސައްކަތް ކުރެއްވި ކަމަށާއި އަދި އަބަދުވެސް މަސައްކަތް ކުރެއްވީ ގައުމު ބައިބައިވެ ދިޔަ ނުދިނުމަކަށް ކަމަށެވެ.

"އަޅުގަނޑު ނުދަންނަވަން ކަމެއް ގޯސްކޮށް ނުދާ ވާހަކައެއް. އޭރުވެސް ހުރި ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް. ހަރުކަށިކަމާ ދެކޮޅަށް އަޅުގަނޑުމެން އެންމެން މަސައްކަތް ކުރަން. ފުލުހުންވެސް ޖުޑީޝިއަރީންވެސް، އަދި އެމްއެންޑީއެފްއިންވެސް" ދުންޔާ ވިދާޅުވިއެވެ.

comment ކޮމެންޓް