ބަންގުލަދޭޝްގެ ރޮހިންގާ ކޭމްޕުތަކުގައި ފޯނުގެ ހިދުމަތް ކަނޑާލައިފި

މިޔަންމާ އަސްކަރިއްޔާގެ އަނިޔާވެރިކަމުން ސަލާމަތްވެ ބަނގުލަދޭޝްއަށް ހިޖުރަ ކުރި ރޮހިންގާ މީހަކު ފޯނުން ވީޑިއޯއެއް ދައްކަނީ --- ފޮޓޯ/ އޭޕީ

ކޮކްސްބާޒާރު (ސެޕްޓެމްބަރު 3): ބަންގުލަދޭޝްގައި ރޮހިންގާ ރެފިއުޖީން ދިރިއުޅޭ ކޭމްޕުތަކުގައި މޮބައިލް ފޯނުގެ ހިދުމަތް ކަނޑާލުމަށާއި އެމީހުންނަށް ސިމް ވިއްކުން ހުއްޓާލުމަށް އެގައުމުގެ ސަރުކާރުން އަމުރުކޮށްފި އެވެ.

ބަންގުލަދޭޝްގެ ޓެލެކޮމިއުނިކޭޝަން ރެގިއުލޭޓަރީ ކޮމިޝަންގެ ތަރުޖަމާނު ޒާކިރު ހުސެއިން ވިދާޅުވި ގޮތުގައި އެގައުމުގެ ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރުންނަށް ވަނީ ރޮހިންގާ ކޭމްޕުތަކުގައި ފޯނުގެ ހިދުމަތް ކަނޑާލުމަށާއި އެކަމާ ބެހޭ ގޮތުން ސަރުކާރަށް އެންގުމަށް ހަތް ދުވަހުގެ މުހުލަތެއް ދީފަ އެވެ.

"ކޭމްޕުތަކުގައި ގިނަ އަދަދެއްގެ ރެފިއުޖީން ދަނީ މޮބައިލް ފޯނު ބޭނުން ކުރަމުން. އެކަން ހުއްޓުވުމަށް އަޅުގަނޑުމެން ވަނީ އޮޕަރޭޓަރުން ކައިރީ ބުނެފަ،" ޚާން ވިދާޅުވި އެވެ.

ބަންގުލަދޭޝް ސަރުކާރުން އެއަމުރު ކުރީ ފާއިތުވި ދުވަސްތަކުގެ ތެރޭގައި ރޮހިންގާ ކޭމްޕުތަކުގައި ކުށްތަކަށް އަރައިގަންނަމުންދާ ކަމަށް ބުނެ، ސަލާމަތީ ފިޔަވަޅެއްގެ ގޮތުންނެވެ.

ބަންގުލަދޭޝްގެ ފުލުހުންގެ ތަރުޖަމާނެއް ކަމަށްވާ އިގުބާލް ހުސެއިން ވިދާޅުވި ގޮތުގައި ކޭމްޕުތަކުގައި ދިރިއުޅޭ މީހުން ދަނީ މިޔަންމާއިން އެގައުމަށް މަސްތުވާތަކެތި ގެންދިޔުން ފަދަ ކުށްތަކަށް އަރައިގަތުމަށް ފޯނުތައް ބޭނުން ކުރަމުންނެވެ.

މީގެ ކުރިން 2017 ވަނަ އަހަރުވެސް ބަންގުލަދޭޝްއިން ވަނީ ރޮހިންގާ ކޭމްޕުތަކުގައި މޮބައިލް ފޯނު ބޭނުން ކުރުމާއި އެމީހުންނަށް ސިމް ކާޑު ވިއްކުން މަނާކޮށްފަ އެވެ. ނަމަވެސް އެކޭމްޕުތަކުގައި މޮބައިލް ފޯނާއި ސިމް ކާޑު ވިއްކަމުން ދިޔުމުގެ ސަބަބުން އެފިޔަވަޅު ތަންފީޒު ކުރެވިފައި ނުވެ އެވެ.

ރޮހިންގާ ކޭމްޕުތަކުގައި ދިރިއުޅޭ މީހުން ވަނީ ފޯނުގެ ހިދުމަތް ކަނޑާލުމުން މިޔަންމާގައި ތިބި އެމީހުންގެ އާއިލާގެ މެމްބަރުންގެ ހާލު ނުބެލޭނެ ކަމަށް ބުނެ ބޮޑުވުން ފާޅުކޮށްފަ އެވެ.

އޮގަސްޓް 2017ގައި މިޔަންމާގެ އަސްކަރިއްޔާއިން، ރޮހިންގާއިންގެ އާބާދީ ބޮޑު ރާހީން ސްޓޭޓުގައި ފެށި އަނިޔާވެރި އޮޕަރޭޝަނުގެ ސަބަބުން ގާތްގަނޑަކަށް 750،000 ރޮހިންގާއިންނަށް އެގައުމު ދޫކޮށް ދާން މަޖުބޫރުވި އެވެ.

comment ކޮމެންޓް