ރިލްވާންގެ މަރުގެ ޒިންމާ އިންޓެލް ފުލުހުންގެ ވެރިން އުފުލަން ޖެހޭ: ކޮމިޝަން

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު -- ފޮޓޯ/ ރައިސް އޮފީސް

ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ގެއްލުވާލުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން، ދެ މީހަކު ކަނޑުފައްތަން ތައްޔާރުވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު ކަމަށާއި، ނަމަވެސް އެކަން ހުއްޓުވަން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ، އިންޓެލްގެ އިސްވެރިން ޒިންމާ ވާން ޖެހޭނެ ކަމަށް މަރުތައް ބަލާ ކޮމިޝަނުން ބުނެފި އެވެ.

ރިލްވާންގެ މަރުގެ މައްސަލައިގައި އެ ކޮމިޝަނުން އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ހުލާސާ ރިޕޯޓުގައި ބުނެފައި ވަނީ 2014 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުން ފެށިގެން ފުލުހުންގެ އިންޓެލް އިން ރިލްވާންގެ ފޯނު ކޯލުތައް އިންޓަސެޕްޓުކޮށް އަޑު އަހަމުން ގެންދިޔަ ކަމަށެވެ.

އިންޓެލް އިން ރިލްވާނަށް ފާރަލުން ހުއްޓާލީ އެ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހު އެވެ.

ރިލްވާންގެ ކޯލްތައް އިންޓަސެޕްޓް ކުރުމަށް ކޯޓު އަމުރަކަށް އެދި ފުލުހުން ކްރިމިނަލް ކޯޓަށް ހުށަހެޅި ފޯމުގައި ލިބިފައިވާ ހެއްކާއި ގަރީނާގެ ގޮތުގައި ލިޔެފައިވަނީ "މީނާ އާއި އިތުރު ބަޔަކާއި ބައިވެރިވެގެން ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާ ވާފަދަ ކަންތައްތަކެއް ހިންގަމުންދާ ކަމުގެ ސިއްރު މައުލޫމާތު ފުލުހުންގެ
އިންޓެލިޖެންސްއަށް ލިބިފައިވުން" ކަމަށެވެ.

"ރިލްވާންގެ ފޯނު އަޑުއެހުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސްއިން ކޯޓަށް ހުށަހެޅި ފޯމުގައި ކޯޓަށް ދީފައިވާ މައުލޫމާތަކީ ހަގީގީ ތެދު މައުލޫމާތެއް ކަމަށް އެނގޭ އެއްވެސް ހެއްކެއް ނެތެވެ." ކޮމިޝަނުގެ ރިޕޯޓުގައިވެއެވެ.

ރިޕޯޓުގައި ބުނެފައިވަނީ ރިލްވާންގެ ފޯނު ކޯލުތައް އިންޓަސެޕްޓުކޮށް އަޑުއަހަމުން ދިޔައީ ޕޮލިސް އިންޓެލްގައި މަސައްކަތް ކުރަމުންދިޔަ މުހައްމަދު ޖިނާހު (ސ.ނ 4493) އާއި އިބްރާހިމް ރިއްފަތު (ސ.ނ 3246) ކަމަށެވެ.

ރިލްވާން ގެއްލުނުކަން އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓު ކުރުމުގެ ކުރިން އޮގަސްޓް 14 ގައި ނޫސްވެރިއަކު ގެއްލިގެން އެބައުޅޭ ކަމަށާއި ސެކިއުލާ މީހަކު ގެއްލިގެން ކަންބޮޑުވެގެން އުޅޭކަމަށް ޖިނާހު ބުނެފައިވާ ކަމަށް، އެ ދެމީހުންގެ އިމީޑިއަޓް ސުޕްވައިޒަރު އަހްމަދު ހަމީދު އަބްދުއްރަހީމް ވަނީ ކޮމިޝަނަށް މައުލޫމާތު ދީފަ އެވެ.

އޭގެ ދުވަސްކޮޅެއް ފަހުން ރިލްވާން ޖިހާދަށް ގޮސް މަރުވެފައިވާކަމުގެ ހަބަރު ނޫސްތަކުގައި ފެތުރުމުގެ ކުރިން، ޖިނާހް އާއި ރިއްފަތު އައިސް ބިލާދުއްޝާމް މީޑިއާގައި އެ ހަބަރު އޮތް ކަމަށް ބުނެ ހަމީދަށް މައުލޫމާތު ދިން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ނޫސްވެރިޔާ އަހުމަދު ރިލްވާން ---

ރިލްވާން ފޮލޯކުރަން ރިކުއެސްޓްކުރީ 2004 ވަނަ އަހަރުން ފެށިގެން ފޮލިސްގެ އިންޓެލްގެ ޓެކްނިކަލް ބައިގައި މަސައްކަތް ކުރާ މުހައްމަދު ފަޔާޒް އިސްމާއީލް އެވެ.

ފަޔާޒް ބުނީ ބަޔަކު 'ކަލާލެސް' ނަމަކަށް ކިޔާ ފޭސްބުކް ޕޭޖްގެ އެޑްމިން ކިޑްނެޕްކޮށްގެން އޭނާއަށް ތްރެޓްކޮށް ހަދާފައިވާ ކަމުގެ މައުލޫމާތު ލިބުމުން ސޯޝަލް މީޑިއާގައި އެކްޓިވްކޮށް އުޅޭ މީހުން މޮނިޓަކުރުމުގެ މަސައްކަތްކޮށްފައި ވާނެ ކަމަށެވެ.

އެގޮތުން ރިލްވާނަށް ވެސް އެފަދަ ނުރައްކަލެއް އޮވެދާނެތީ އެކަން ބެލުމަށް އަންގާފައިވާނެ ކަމަށާއި، އެގޮތަށް އެންގީ ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ މީހުންނަށް ތުރެޓްދީ އުޅުނު ފަރާތްތައް މޮނިޓާ ކުރުމުގެ ބޭނުމުގައި ކަމަށް އޭނާ ބުންޏެވެ.

ދެހާސް ސާދަ ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފަހުކޮޅުން ފެށިގެން ފުލުހުންގެ އިންޓެލް އިން ރިލްވާނަށް ފޮލޯ ކުރަމުން ދިޔައީ ރިލްވާންގެ ހަށިގަނޑާއި ފުރާނައަށް ގެއްލުން ވެދާނެ ކަމުގެ ތްރެޓް އޮތުމުން ކަމަށް ވަނީ ބުނެފަ އެވެ.

ރިލްވާން ގެއްލުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން، ޖޫން 24 ގައި ގޭންގުތަކުގެ ބަޔަކު ބޭނުންކޮށްގެން ދެ މީހަކު ކަނޑުފައްތަން އުޅޭ ކަމަށާއި އެކަމަށް ލޯންޗެއްވެސް ތައްޔާރުކޮށްފައިވާ ކަމުގެ މައުލޫމާތު، އޭ ގްރޭޑް ސޯސް އަކުން ފުލުހުންގެ އިންޓެލް އަށް ވަނީ ލިބިފަ އެވެ.

ރިޕޯޓުގައި ވާގޮތުން، އިންޓެލް އަށް މައުލޫމާތު ލިބިފައި ވަނީ "ގަޓުމުއާ އާއި އަހަނދުއާ ދެމީހުން ގޭންގުތަކުގެ ބަޔަކު ބޭނުންކޮށްގެން ދެ މީހަކު ކަނޑު ފައްތަން އުޅޭ ކަމުގެ މައުލޫމާތު އަދި އެކަމަށް ލޯންޗެއްވެސް ތައްޔާރުކޮށްފައިވާ" ކަމަށެވެ.

އަދި މަރާލަން ޓާގެޓްކުރެވިފައިވާ ދެމީހުންނަކީ ފޭސްބުކް ޕޭޖެއްގެ ދެ އެޑްމިން ކަމަށާއި، އޭގެ ތެރެއިން އެކަކު ހުރީ ރާއްޖޭން ބޭރުގައި ކަމަށާއި އަނެކަކު ހުރީ ރާއްޖޭގައި ކަމަށާއި، ދެމީހުންނަކީ ވެސް ސެކިއުލާ ފިކުރުގެ ދެމީހުން ކަމަށް ފުލުހުންގެ އިންޓެލްގައި ރަސްމީކޮށް ލޮގް ކުރެވިފައިވާކަން ތަހުގީގު ރިޕޯޓުން އެނގެ އެވެ.

ރިޔާސީ ކޮމިޝަނުން ބުނީ އެ މައުލޫމާތު ހިމެނޭ ރިޕޯޓެއް ފުލުހުންގެ އިންޓެލް އިން ކޮމިޝަނަށް ފޮނުވާފައިވާ ކަމަށެވެ.

ނަމަވެސް މިހުރިހާ މައުލޫމާތެއް ފުލުހުންގެ އިންޓެލް އަށް ލިބި، އެކަން ހުއްޓުވުމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށާއި، އެހެން ކަމުން އިންޓެލްގެ އިސްވެރިން މިކަމުގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

"24 ޖޫން 2014 ތާރީހުގައި ގޭންގުތަކުގެ ބަޔަކު ބޭނުންކޮށްގެން ދެ މީހަކު ކަނޑުފައްތަން އުޅޭ ކަމުގެ މައުލޫމާތު އަދި އެކަމަށް ލޯންޗެއްވެސް ތައްޔާރުކޮށްފައިވާކަން މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންޓެލްއަށް ލިބިފައިވާއިރު، އެކަމާ ގުޅިގެން އެކަން ހުއްޓުވުމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީވެ، މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންޓެލްގެ އިސްވެރިން މިކަމަށް ޒިންމާ އުފުލަންޖެހޭނެ ކަމަށް ކޮމިޝަނަށް ގަބޫލުކުރެވެއެވެ." މަރުތައް ބަލާ ކޮމިޝަނުން ބުންޏެވެ.

އޭގެ އިތުރުން ރިލްވާން ފެންނާނެ އުންމީދު އޮތްކަމަށް އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މީޑިއާގައި ވިދާޅުވި ދުވަސްވަރު، ކޯޕްރަލް ޖިނާހު އާއި ކޯޕްރަލް ރިފްއަތު ބައްދަލުކޮށް ރިލްވާންގެ ޕާސްޕޯޓެއް ހެދުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ވެސް ހުލާސާ ރިޕޯޓުގައިވެއެވެ.

އަދި އޭރު އިމިގްރޭޝަން ކޮންޓްރޯލާ އަދި މިހާރު ހައި ކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވި ހަސަން އަލީއާއި ބައްދަލުކޮށް ރިލްވާންގެ ވާހަކަ ނިމެން އެބަ ޖެހޭ ކަމަށާއި އެމީހުން އޭނާގެ ޕާސްޕޯޓް ހައްދަން ބޭނުންވަނީ އޭނާ ރާއްޖެއިން ބޭރަށް ދިޔަކަން ދެއްކުމަށް ކަމަށް ބުނެފައިވާ ކަމަށް ހަސަން އަލީ ވަނީ ބުނެފައެވެ.

އެގޮތުން އެންޑީޓީވީ ފަދަ ޗެނަލަކުން ރިލްވާން މަރުވެފައިވާކަމުގެ ހަބަރެއް އެމީހުންނަށް ފޮނުވިދާނެކަމަށާއި އިންޑިއާގެ ހިސާބަކަށް ގޮސް އުޅެނިކޮށް މަރުވީކަމަށް ދައްކާނީ ކަމަށް ވާހަކަ ދެއްކި ކަމަށް ވެސް
ބުނެފައިވެއެވެ.

އެ ދެމީހުން ބުނެފައި ވަނީ އެކަން ކުރަން އުޅެނީ "ވެރިޔާ" ވިދާޅުވެގެން ކަމަށެވެ. ނަމަވެސް ވެރިޔާ އަކީ ކާކުކަން ބުނެފައެއް ނުވެ އެވެ.

"ރިލްވާންގެ ޕާސްޕޯޓް ހަދައި ދިނުމަށް އެދުމުން، ރަސްމީކޮށް ލިޔުމަކުން އެދިގެން ނޫނީ އެފަދަކަމެއް ނުކުރެވޭނެކަމަށް ބުނުމުން
ރަސްމީލިޔުމެއް ނުގެނެވޭނެކަމަށް އެދެމީހުން ބުނިކަމަށާއި، ރަސްމީ ލިޔުމެއް ނުގެނެވޭނެކަމަށް ބުނުމުން އެމީހުން ބޭނުންނަމަ
ރިލްވާންގެ އަސްލު ޕާސްޕޯޓް އިންނަ ގޮތަށް އެއްޗެއް ހެދިދާނެ ނޫންހޭ ހަސަން އަލީ ބުނުމުން އެއީ ރަނގަޅު ގޮތެއް ކަމުގައި ބުނެފައި އެދެމީހުން ދިޔައީ ކަމަށްވެސް ހަސަން އަލީ ބުނެފައިވެއެވެ." ރިޕޯޓުގައިވެއެވެ.

ކޮމިޝަންގެ ރިޕޯޓުގައި ބުނެފައި ވަނީ ރިލްވާންގެ ޕާސްޕޯޓުގެ ކޮޕީއެއް ހޯދަން އޭރުގެ ޓުއަރިޒަމް މިނިސްޓަރު އަހްމަދު އަދީބު ދެ ފަހަރެއްގެ މަތިން މަސައްކަތް ކޮށްފައިވާކަން، އޭނާގެ ފޯނު ރެކޯޑިންތަކުން އެނގޭ ކަމަށެވެ

އިންޓެލް މައުލޫމާތު ހޯދުމަށް އެދި، އަދީބު ކޯޕްރަލް ޖިނާހު އާއި ކޯޕްރަލް ރިފްއަތު އާ އެކި ފަހަރު މަތިން ބައްދަލުކޮށް، އެދެމީހުންނަށް ބޮޑު އަދަދުތަކުން އެކިފަހަރު މަތިން ފައިސާ ދީފައިވާކަމަށް އެ ދެމީހުން ފުލުހުންނަށް ދީފައިވާ ބަޔާނުގައިވެއެވެ.

ރިލްވާން ރަހީނު ކުރުމުގައާއި މަރާލުމުގައި އެންމެ އިސްކޮށް އުޅުނު މީހުން ފުލުހުން ހައްޔަރު ކުރުމުން، އެމީހުންގެ ނަންތައް އަދީބު، އޭރު ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގައި ހުންނެވި އަބްދުﷲ ދީދީއަށް ފޮނުވުން، ދީދީ އެމީހުން ދޫކޮށްލާފައިވާކަން ރިޕޯޓުން އެނގެން އޮވެއެވެ.

އަދި އެމީހުން ކްރިމިނަލް ކޯޓުން ދޫކޮށްލުމުން މުހައްމަދު މުނާޒުއާ
އެއްކޮށް އެމީހުން ސީރިއާއަށް ފުރައިގެން ގޮސްފައިވާކަން ވެސް އެނގެއެވެ.

އެމީހުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައި ނުވަނީ އަދި މުހައްމަދު ސުއައިދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ހޯދާފައި ނުވަނީ އެއީ އޭރު އެކަން އޮންނަ ގޮތް ކަމަށް ވާތީ ކަމަށް، މައްސަލަ ތަހުގީގު ކުރި ފުލުހުންގެ ތަހުގީގު ޓީމުން ބުނެފައިވެ އެވެ.

"ރިލްވާން އަބްދުالله ގެއްލުނު މައްސަލަ ތަހްގީގު ކުރަމުންދިޔަ އިންވެސްޓިގޭޝަން ޓީމުގެ މި ޖަވާބަކީ ދެކޮޅުޖެހޭ ވާހަކައެއް ކަމަށް ކޮމިޝަނަށް ގަބޫލެއް ނުކުރެވެއެވެ. އަދި މިކަމުގައި އެފަރާތުން މައްސަލަ ތަހްގީގު ކުރުމުގައި ދޭންޖެހޭ ސަމާލުކަން ދީފައިނުވާކަން ކޮމިޝަނަށް ގަބޫލުކުރެވެއެވެ." ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް