ހޮންކޮންގް ލީޑަރު އިސްތިއުފާ ދެއްވަން ހުށަހެޅި ކަަމަށް ބުނާ ވާހަކަތައް ދޮގުކޮށްފި

ހޮންކޮންގެ ލީޑަރު ކެރީ ލާމް ވަނީ އިސްތިއުފާ ދެއްވަން ނޫޅުއްވާ ކަމަށް ވިދާޅުވެފަ -- ފޮޓޯ: އޭއެފްޕީ

ހޮންކޮންގް (ސެޕްޓެމްބަރު 3): ހޮންކޮންގެ ލީޑަރު ކެރީ ލާމް އިސްތިއުފާ ދެއްވަން އުޅުއްވި ކަމަށް ދޭހަވާ އޯޑިއޯއެއް ލީކުވުމާ ގުޅިގެން، އެކަމަނާ އެއްވެސް އިރެއްގައި އިސްތިއުފާ ދެއްވަން ނޫޅުއްވާ ކަމަށް ވިދާޅުވެއްޖެ އެވެ.

އިއްޔެ ލީކުވި އޯޑިއޯއިން އިވިގެން ދަނީ ވިޔަފާރިވެރިންތަކަކާ އެކު ލާމް ބޭއްވި ސިއްރު ބައްދަލުވުމެއްގައި ދެއްކެވި ވާހަކަ އެވެ. އެބައްދަލުވުމުގައި ލާމް ވަނީ ހޮންކޮންގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ޒިންމާ ނަންގަވަން ޖެހޭނީ އެކަމަނާ ކަމަށް ވިދާޅުވެފަ އެވެ. އަދި ލީޑަރު ކަމުން އިސްތިއުފާ ދެވޭނެ ގޮތެއް އޮތް ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

"މިކަމުގައި އަޅުގަނޑުގެ އިހުތިޔާރެއް އޮތް ނަމަ، ފުރަތަމަ މާފަށް އެދުމަށް ފަހު އިސްތިއުފާ ދޭނީ،" ލާމް ވިދާޅުވާ އަޑު އިވެ އެވެ.

މީގެ އިތުރުން އެކަމަނާއަށް އިސްތިއުފާ ދެވެން ނެތީ އެއީ ޗައިނާގެ ސަލާމަތާއި އިސްތިގުލާލާ ގުޅުން ހުރި މައްސަލައަކަށް މިހާރުވެފައިވާތީ ކަމަށްވެސް އެއޯޑިއޯގައި ލާމް ވިދާޅުވެ އެވެ.

ނަމަވެސް މިއަދުގެ ޕްރެސް ކޮންފަރެންސްގައި ލާމް ވަނީ އޭނާ އިސްތިއުފާ ދެއްވުމާ ބެހޭ ގޮތުން ޗައިނާގެ ސަރުކާރާ އެކު މަޝްވަރާ ކުރަން ވިސްނަވާފައިވެސް ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ހޮންކޮންގެ މުޒާހަރާތަކުގައި ހަމަނުޖެހުންތައް ހިނގައި، ގިނަ އަދަދެއްގެ މީހުންނަށް އަނިޔާވެފައިވޭ -- ފޮޓޯ: އޭއެފްޕީ

"އަޅުގަނޑު އެއްވެސް އިރެއްގައި އިސްތިއުފާގެ ސިޓީއެއް ނުފޮނުވަން. އަދި އިސްތިއުފާ ދިނުމާ ބެހޭ ގޮތުން ސަރުކާރާ މަޝްވަރާ ކުރަން ނުވެސް ވިސްނަން. އަޅުގަނޑު އިސްތިއުފާ ނުދެނީ އަމިއްލަ އިހުތިޔާރުން،" ލާމް ވިދާޅުވި އެވެ.

މީގެ އިތުރުން އެކަމަނާ ވަނީ ސިއްރު ބައްދަލުވުމެއްގައި އަމިއްލަ ހިޔާލު ފާޅު ކުރެއްވި ނަމަވެސް، އެމައުލޫމާތު ލީކުވެފައި ވާތީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

ހޮންކޮންގައި މިދިޔަ އޭޕްރިލް މަހުން ފެށިގެން ކުރަމުންދާ މުޒާހަރާތަކުގައި ހަމަނުޖެހުންތައް ހިނގައި، ގިނަ އަދަދެއްގެ މީހުންނަށް ވަނީ އަނިޔާވެފަ އެވެ.

އެމުޒާހަރާތައް ފެށީ އެސިޓީގެ ސަރުކާރުން ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި "ކުށްވެރިން ބަދަލު ކުރުމާ ބެހޭ ބިލާ" ގުޅިގެންނެވެ. އެ ބިލް ފާސް ކުރި ނަމަ، ހޮންކޮންގައި ތިބޭ ކުށުގެ ތުހުމަތު ކުރެވޭ މީހުން ޗައިނާއާ ހަވާލު ކުރަން ފުރުސަތު ލިބޭނެ އެވެ.

ނަމަވެސް ގިނަ އަދަދެއްގެ މީހުން ވަނީ އޭގެ ސަބަބުން ހޮންކޮންގައި ޗައިނާގެ ނުފޫޒު އިތުރުވާނެ ކަމަށާއި އެގައުމުގެ ޝަރުއީ ނިޒާމަށް އިތުބާރު ނުކުރެވޭ ކަމަށް ބުނެފަ އެވެ. އަދި ސިލްސިލާ މުޒާހަރާތަކުގެ ސަބަބުން ލާމް ވަނީ ބިލް ފާސް ކުރުން ފަސްކޮށްފަ އެވެ.

ނަމަވެސް މުޒާހަރާގެ ބައިވެރިން ދަނީ ބިލް އެއްކޮށް އުވާލުމަށާއި ލާމްގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާ ކުރަމުންނެވެ. އަދި އެފަރާތްތަކުން ވަނީ މުޒާހަރާތަކުގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރަމުންދާ ކަމަށާއި ފުލުހުން ކުރަމުންދާ އަނިޔާތަކަށް އެމީހުން ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށް ބުނަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް