ފީފާގެ ގަދަ ތިނެއްގައި މެސީ، ރޮނާލްޑޯ އަދި ވެންޑައިކް ހިމެނިއްޖެ

މިފަހަރުގެ ފީފާ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާދަ ކުރާ ތިން ކުޅުންތެރިން --- ފޮޓޯ// ރަޔާން ބެންސަން

ފުޓުބޯޅައިގެ މައި އިދާރާ، ފެޑެރޭޝަން އޮފް އިންޓަނޭޝަނަލް ފުޓުބޯލް އެސޯސިއޭޝަން (ފީފާ) އިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާދަ ކުރާ ތިން ކުޅުންތެރިންގެ ތެރޭގައި ލިއޮނެލް މެސީ އަދި ކުރިސްޓިއާނޯ ރޮނާލްޑޯގެ އިތުރުން ވާގިލް ވެންޑައިކް ހިމެނިއްޖެ އެވެ.

ފީފާއިން މި އަހަރުގެ ޖުލައި މަހު އެ އިދާރާއިން ކޮންމެ އަހަރަކު ވެސް ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ ޝޯޓް ލިސްޓު އިއުލާން ކުރި އިރު ހިމެނުނު 10 ކުޅުންތެރިންގެ ތެރެއިން ގަދަ ތިނެއް ރޭ ވަނީ އިއުލާން ކޮށްފަ އެވެ. އެ 10 ކުޅުންތެރިންގެ ތެރެއިން ގަދަ ތިނަކަށް ނާރާ ބާކީ ވެގެން ދިޔައީ ފްރެންކީ ޑެޔޮންގް، މެތިއަސް ޑެ ލީޓް، ހެރީ ކޭން، އެޑެން ހަޒާޑް، ސާޑިއޯ މާނޭ، މުހައްމަދު ސަލާހް އަދި ކިލިއަން އެމްބާއްޕޭ އެވެ.

ފުޓުބޯޅަ ޖާނަލިސްޓުންނާއި ޕްރޮފެޝަނަލް ކުޅުންތެރިންގެ ވޯޓުން ހޮވާ މި އެވޯޑަށް މިފަހަރު ވާދަ ކުރާ ތިން ކުޅުންތެރިން ކަމަށްވާ މެސީއާއި ރޮނާލްޑޯގެ އިތުރުން ވެންޑައިކް އަކީ އެންމެ ފަހުން ހޮވި ޗެމްޕިއަންސް ލީގުގެ މޮޅު ކުޅުންތެރިންގެ ލިސްޓުގައި ވެސް ހިމެނުނު ތިން ކުޅުންތެރިންނެވެ. އެ އެވޯޑް ލިވަޕޫލަށް ކުޅެމުން އަންނަ ވެންޑައިކަށް ލިބުނު އިރު ދެވަނަ ލިބުނީ މެސީއަށެވެ. ފަހުގެ ތާރީހުގައި ޗެމްޕިއަންސް ލީގުގެ މޮޅު ކުޅުންތެރިޔާ އެންމެ ގިނަ ފަހަރު ހޯދި ރޮނާލްޑޯ އަށް މިދިޔަ ޗެމްޕިއަންސް ލީގުގެ އެންމެ މޮޅު ލިސްޓުން ލިބުނީ ތިން ވަނަ އެވެ.

ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި މިފަހަރުގެ "ފީފާ ބެސްޓް" އެންމެ ހައްގުކަން ބޮޑީ ވެންޑައިކް އަށެވެ. ލިވަޕޫލުން މިދިޔަ ސީޒަނުގައި ހޯދި ބޮޑެތި ކާމިޔާބީތަކުގައި އެންމެ މުހިއްމު ދައުރެއް އަދާ ކުރި އެކަކީ ވެންޑައިކް ކަމަށްވާ އިރު އޭނާ ވަނީ ގައުމީ ޓީމާ އެކު ވެސް ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ.

އެގޮތުން މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޓްރޮފީއާއި އިނގިރޭސި ޕްރިމިއާ ލީގުގެ ދެވަނަ ލިވަޕޫލުން ހޯދި އިރު ވެންޑައިކް ގާތުން "ޑްރިބްލް" ކޮށްފައި އެއްވެސް ކުޅުންތެރިއަކަށް ދެވިފައި ނުވުމަކީ އޭނައަށް އެ އެވޯޑް ހައްގުވާންވީ އެއް ސަބަބު ކަމަށް އޭނަގެ ސަޕޯޓަރުން ބުނެ އެވެ. އަދި ނިމިގެން ދިޔަ ޔޫއެފާ ނޭޝަންސް ކަޕުގެ ރަނަރަޕް ނެދަލެންޑުން ހޯދި އިރު ވެސް ވެންޑައިކް ވަނީ އެ ޓީމަށް މޮޅު ކުޅުމެއް ކުޅެދީފަ އެވެ.

ރެއާލް މެޑްރިޑް ދޫކޮށް އިޓަލީގެ ޔުވެންޓަސްއަށް ބަދަލުވި ފަހުން ރޮނާލްޑޯ މިފަހަރު ވެސް ގަދަ ތިނަކަށް ވަނީ އަރައިފަ އެވެ. މީގެ ކުރިން ފަސް ފަހަރެއްގެ މަތިން ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ހޯދި ރޮނާލްޑޯ ވަނީ މިދިޔަ ސީޒަނުގައި ޔުވެންޓަސްއަށް ގިނަ ގޯލުތަކެއް ޖަހައިދީ އިޓާލިއަން ލީގާއި ލީގު ކަޕު ހޯދުމުގައި މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ.

އަދި އޭނާ ވަނީ ޕޯޗުގަލް ޔޫއެފާ ނޭޝަންސް ކަޕު އުފުލާލި އިރު އެ ޓީމަށް މުހިއްމު ގޯލުތަކެއް ވެސް ޖަހައިދީފަ އެވެ. އެގޮތުން އެ މުބާރާތުގެ ސެމީ ފައިނަލުގައި ސްވިޒަލެންޑް ކޮޅަށް ހެދި ހެޓްރިކް ފާހަގަ ކޮށްލެވެ އެވެ.

މީގެ އިތުރުން ގަދަ ތިނެއްގައި ހިމެނުނު މެސީ ވަނީ މިދިޔަ ސީޒަނުގައި އިންޑިވުޖައަލް ޕަފޯމެންސަށް ބަލާއިރު އެހެން ކުޅުންތެރިންނެއް ވުރެން މާ ބޮޑު ތަފާތަކުން ކުރި ހޯދައިފަ އެވެ. އެގޮތުން ޔޫރޮޕުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއާއި އެންމެ ގިނަ އެސިސްޓް ހެދި ކުޅުންތެރިޔާގެ މަގާމު ވެސް އޭނާ ވަނީ ހޯދައިފަ އެވެ.

މެސީ ވަނީ މިދިޔަ ސީޒަނުގައި ސްޕެނިޝް ލީގު އަދި ކޮޕަ ޑެލްރޭގެ ރަނަރަޕްގެ އިތުރުން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ބާސެލޯނާ ދަތުރު ކުރުމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި އާޖެންޓީނާ ކޮޕާ އެމެރިކާގެ ތިން ވަނަ ހޯދި އިރު ވެސް މެސީ ވަނީ އެ ޓީމަށް އެހީތެރިވެދީފަ އެވެ.

މެސީގެ ޓީމް މޭޓް މާކް އެންޑާ ޓާ ސްޓެގަން އަކީ މިފަހަރުގެ ފީފާ އެންމެ މޮޅު ގޯލް ކީޕަރަށް ކޮލިފައިވި ކުޅުންތެރިއެކެވެ. ސްޓެގަންގެ އިތުރުން އެ މަގާމަށް ވާދަ ކުރަނީ މެންޗެސްޓާ ސިޓީގެ އެންޑާސަން އާއި ލިވަޕޫލްގެ އެލިސަން ބެކާ އެވެ.

މިފަހަރުގެ އެންމެ މޮޅު ކޯޗަކަށް ވާދަ ކުރަނީ އިނގިރޭސި ލީގުގައި ވާދަ ކުރާ ޓީމުތަކުގެ ތިން ކޯޗެވެ. އެ ކޯޗުންނަނީ ޕެޕް ގާޑިއޯލާއާއި ޔާގޮން ކުލޮޕުގެ އިތުރުން މޯރީސިއޯ ޕޮޗެޓީނޯ އެވެ.

comment ކޮމެންޓް