ޓްރާންސްފާ ޑެޑްލައިން: ފަހު ވަގުތު ހީނުކުރާ ބޮޑެތި ޓްރާންސްފާތަކެެއް

މިފަހަރުގެ ޓްރާންސްފާ ޑެޑްލައިންގެ ކުރިން ހިނގި ހީނުކުރާ ބައެއް ޓްރާންސްފާ ތަކުގައި ޝާމިލްވާ ކުޅުންތެރިން: ފޮޓޯ// 90 މިނަޓް

ޔޫރޮޕުގެ ބޮޑެތި ގިނަ ލީގުތަކުގެ ސަމާ ޓްރާންސްފާ މާކެޓު ރޭ މެންދަމު ބާރައަށް ހަމަވި އިރު، ގިނަ ބަޔަކު ހީވެސް ނުކުރާނެ ފަދަ ބޮޑެތި ޓްރާންސްފާގެ ވިޔަފާރިތަކެއް ފަހު ވަގުތު ހިނގައިފިއެވެ.

ފުޓުބޯޅައިގެ ތާރީހުގައި ވެސް އެންމެ އަގުބޮޑު ޓްރާންސްފާ މާކެޓުގެ ގޮތުގައި މިފަހަރުގެ ސަމާ ޓްރާންސްފާ ވެގެން ދިޔަ އިރު ގިނަ ޓީމުތައް އައު ސީޒަނާއި ކުރިމަތިލީ ބޮޑެތި ބަދަލުތަކާއެކުއެވެ. އަދި ސީޒަން ފެށި ހުރިހާ ލީގެއްގެ ކުޅުމުގައިވެސް ވާދަވެރިކަން ހިފާލާފައި ވާ އިރު ރެޔާ ހަމައަށްވެސް ވަނީ ގިނަ ކުޅުންތެރިންތަކެއްގެ ޓްރާންސްފާގެ އެއްބަސްވުންތަކެއް ހިނގާފައެވެ.

އެގޮތުން އެންމެ ފަހު ވަގުތު ހިނގި ޓްރާންސްފާގެ ތެރޭގައި ފާހަގަކޮށްލެވޭ ނަންތަކަށް ބަލާއިރު އާސެނަލްގެ މިޑްފީލްޑަރު ހެންރިކް މިކިޓާރިޔާން ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ރޯމާއަށް ބަދަލުވެފައެވެ. މިކިޓާރިޔާން ވަނީ އާސެނަލުން މީގެ އެއް ދުވަސް ކުރިން ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ކުޅެފައެވެ. އެހެން ކަމުން އޭނާގެ މި ޓްރާންސްފާއަކީ ގިނަބަޔަކަށް "ސަޕްރައިޒް ޓްރާންސްފާ"އެކެވެ.

އާސެނަލުން ލޯން އެއްބަސްވުމެއްގެ ދަށުން ރޯމާއަށް ބަދަލުވި ހެންރިކް މިކިޓާރިޔާން --- ފޮޓޯ// ސަޗާ ޕިސަނީ

ރޯމާއަށް ރޭ ލޯން އެއްބަސްވުމެއްގެ ދަށުން ބަދަލުވީ އަނެއް ކުޅުންތެރިޔަކީ އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ނިކޮލާ ކަލިނިޗްއެވެ. އުމުރުން 31 އަހަރުގެ ކަލިނިޗް ވޭތުވެ ދިޔަ ސީޒަނުގައި މިލާން ދޫކޮށް އެތުލެޓިކޯއަށް ބަދަލުވި ފަހުން އޭނާއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު މިދިޔަ ސީޒަނުގައި އޭނާއަށް ޖެހުނީ އެންމެ ދެ ގޯލެވެ.

ރޯމާއިން ވަނީ މި ދެ ކުޅުންތެރިންގެ އިތުރުން ވެސް އިތުރު ކުޅުންތެރިންތަކެއް މި ޓްރާންސްފާ މާކެޓުގައި އެކުލަބަށް ގެނެސްފައެވެ. އެގޮތުން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ޑިފެންޑަރު ކްރިސް ސްމޯލިންގްވެސް ވަނީ ލޯން އެއްބަސް ވުމެއްގެ ދަށުން އެކުލަބަށް ދާދި ފަހުން ގެންގޮސްފައެވެ.

ރޭ ހިނގި ޓްރާންސްފާތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކަށް ހައިރާންކަން ގެނުވި އެއް ޓްރާންސްފާއަކީ ވޭތުވެދިޔަ ހަތަރު ސީޒަން ތެރޭ ތިން ފަހަރު ރެއާލް މެޑްރިޑް ޗެމްޕިއަންސް ލީގު ހޯދި އިރު އެ ކުލަބުގެ ގޯލް ބެލެހެއްޓި ކޭލޯ ނަވާސްގެ ޓްރާންސްފާއެވެ. ނަވާސް ރޭ ވަނީ ހަތަރު އަހަރުގެ އެއްބަސް ވުމެއްގެ ދަށުން ފްރާންސްގެ ޕީއެސްޖީއަށް ގުޅިފައެވެ.

ނަވާސް ޕީއެސްޖީއަށް ސޮއިކޮށްފައި ވަނީ 15 މިލިއަން ޕައުންޑްގެ އަގަކަށެވެ. އަދި އޭނަގެ ޓްރާންސްފާ ޑީލުގެ ދަށުން ރެއާލް މެޑްރިޑަށް ލިބުނު ފައިދާތަކުގެ ތެރޭގައި ޕީއެސްޖީގެ ގޯލްކީޕަރު އަލްފޮންސޭ އަރިއޯލާ ވަނީ އެއް އަހަރުގެ ލޯނު އެއްބަސްވުމުގެ ދަށުން ރެއާލަށް ބަދަލުވެފައެވެ.

އަދި ބާސެލޯނާގެ ޕްލޭމޭކަރު ރަފީނިއާ އެލެކަންޓްރާ ސެލްޓާ ވީގޯއަށް ލޯން އެއްބަސްވުމެއްގެ ދަށުން ރޭ ބަދަލުވި ބަދަލުވުމަކީވެސް ފުޓުބޯޅަ ސަޕޯޓަރުންނަށް ސިހުން ގެނުވި ކަމަކެވެ. ދާދި ފަހުން ރަފީނިއާގެ އެއްބަސްވުން އިތުރު ތިން އަހަރަށް އައު ކުރި އޭނާ ވަނީ މި ސީޒަނުގައި ބާސެލޯނާ ކުޅުނު ހުރިހާ މެޗެއްގައިވެސް ކުޅެ ޓީމުގެ ގިނަ ސަޕޯޓަރުންގެ ލޯބި ހޯދައިފައެވެ.

ނަމަވެސް ޓްރާންސްފާ ޑެޑްލައިންގެ ކުރިން ރަފީނިއާ ސެލްޓާ ވީގޯއަށް ބަދަލުވުމުން ބާސެލޯނާގެ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ. ރަފީނިއާ ވަނީ މީގެ ކުރިން އިޓަލީގެ އިންޓާ މިލާނަށްވެސް ލޯނު އެއްބަސްވުމެއްގެ ދަށުން ކުޅެފައެވެ.

މީގެ އިތުރުން މިލާނަށް ކުޅެމުން އައި މޮއުރޯ އިކާޑީ ވަނީ ރޭގެ ޓްރާންސްފާ އެންމެ ފަހު ވަގުތު ޕީއެސްޖީއަށް ލޯނު އެއްބަސްވުމެއްގެ ދަށުން ގޮސްފައެވެ. ފަހަކަށް އައިސް ކުލަބާއި ގިނަ މައްސަލަތަކެއް ޖެހި އެހެން ކުލަބަކަށް ބަދަލުވާނެކަމުގެ ޔަގީންކަން ދީފައި އޮތް އިކާޑީ ބަދަލުވާނެ ކަމަށް އެންމެ ގިނަބަޔަކު ހީކޮށްގެން ތިބީ ސްޕެއިންގެ ރެއާލް މެޑްރިޑް ނުވަތަ މެންޗެސްޓާ ޔުނައިޓެޑަށެވެ.

މިލާން ދޫކޮށް އިކާޑީ ޕީއެސްޖީއަށް ބަދަލުވުމަށްފަހު --- ފޮޓޯ// ސަޗާ ޕިސަނީ

ނަމަވެސް އިކާޑީ ޕީއެސްޖީއަށް ގުޅުމުން އެ ޓީމުގެ އެޓޭކިންގް ފޯސް އިތުރަށް ވަރުގަދަވެގެން ދިޔަ އިރު މިފަހަރުގެ މުޅި ޓްރާންސްފާ މާކެޓުގައި ވެސް އެންމެ ގަދަޔަށް ދެކެވުނު ނޭމާ ޖޫނިއާގެ ޓްރާންސްފާ ފަހު ވަގުތުވެސް ހިނގައިފައެއް ނުވެއެވެ.

ފަހަކަށް އައިސް ފުޓުބޯޅައިގެ ބޮޑެތި ނޫސްތަކުގެ އެންމެ ގިނަ ސުރުހީތަކުން ޖާގަ ހޯދަމުން އައި ނޭމާއާ ބެހޭގޮތުން ދެކެވެމުން އައި ވާހަކައަކީ އޭނާ ބާސެލޯނާއަށް އެނބުރި ދާން އުޅޭ ވާހަކައެވެ. ނަމަވެސް ރޭ ޓްރާންސްފާގެ ޑެޑްލައިން ހަމަވި އިރުވެސް އޭނާގެ ޓްރާންސްފާގެ އަމަލެއް ހިނގައިފައެއް ނުވެއެވެ.

މީގެ އިތުރުން މޮނާކޯއަށް ކުޅެމުން އައި ފަލްކާއޯ ގަލަތަސަރާއީއަށް ބަދަލުވުމާއި ޔުނައިޓެޑަށް ކުޅުނު އެލެކްސިސް ސަންޗޭޒް އިންޓަ މިލާނަށް ބަދަލުވުމަކީވެސް ދާދި ފަހުން ހިނގި ޓްރާންސްފާތަކެކެވެ.

comment ކޮމެންޓް