ކެންސަރު ފެތުރިފައިވާ ހިސާބު ދެނެގަންނަ ޓެސްޓެއް ޓްރީޓޮޕުން ހަދަން ފަށައިފި

ޓްރީޓޮޕް ހޮސްޕިޓަލް --- ފޮޓޯ: ޓްރީޓޮޕް

ކެންސަރު ފެތުރިފައިވާ ހިސާބު ދަނެގަނެވޭ ޓެސްޓެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓްރީޓޮޕް ހޮސްޕިޓަލުން ހަދަން ފަށައިފި އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ ކެންސަރުގެ އޮޕަރޭޝަންގައި ބޭނުންކުރާ ފްރޯޒެން ސެކްޝަން ޓެކްނީކް ބޭނުންކޮށްގެން މިދިއަ މަހުގެ 29 ވަނަ ދުވަހު އެ ހޮސްޕިޓަލުން ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށެވެ.

އެ ހޮސްޕިޓަލުގެ އުރަމަތީގެ އޮޕަރޭޝަންތަކަށް އިސްކަންދިނުމުގައި މަސައްކަތްކުރާ ޖެނެރަލް ސާރޖަން ޑރ. ނީޒާ ހަލީމްއާއި ސީނިއަރ ޖެނެރަލް ސާރޖަން، ޑރ. ޑޮކްޓަރ އަބްދުﷲ އުބައިދު އިސްވެ ތިއްބަވައިގެން ކުރެއްވި އެ އޮޕަރޭޝަންގައި ބޭނުންކުރި ފްރޯޒެން ސެކްޝަން ޓެސްޓު ހައްދަވައި އޭގެ ނަތީޖާ އޮޕަރޭޝަން ތިއޭޓަރ ތިއްބެވި ޑޮކްޓަރުންނަށް މަދުމިނަޓްކޮޅެއްގެ ތެރޭގައި ފޯރުކޮށްދެއްވީ އެހޮސްޕިޓަލުގެ ޕެތޮލޮޖީ ޑިޕާޓްމަންޓް އިސްކޮށް މަސައްކަތްކުރާ ޑރ. މީރޯސްލަވް ސްޓާބަކް ކަމަށް ޓްރީޓޮޕުން ބުންޏެވެ.

"އޮޕަރޭޝަންގެ ކުރިން ހަދާފައިވާ ޓެސްޓުތަކުގެ ނަތީޖާތަކުން މިބަލިމީހާގެ އުރަމަތި ފިޔަވައި އެހެން ގުނަވަންތަކަށް ކެންސަރުގެ އަސަރު ފޯރާފައިވާކަމަށް ނުދައްކާ. އެހެންނަމަވެސް އަޅުގަނޑުމެން އާންމުކޮށް ބަލަނީ އުރަމަތީގައި ކެންސަރު ހުރިނަމަ އެފަރާތުގެ ކިހިލިފަތީގެ ލިމްފް ނޯޑްތަކަށް ކެންސަރުގެ އަސަރު ފޯރާފައި ހުރެދާނެކަމަށް. ވުމާއެކު އޮޕަރޭޝަން ތެރޭގައި މިދެންނެވި ލިމްފްނޯޑްތަކުގައި ކެންސަރު ހުރިތޯބެލުމަށްޓަކައި ފުރަތަމަ ކުރިކަމަކީ ކެންސަރުގެ ދުޅައިގެ ތެރެއަށް ކުލަޖެހޭކަހަލަ މާއްދާއެއްޖެހުމަށްފަހު އެކުލައިގެ އަސަރު ކިހިލިފަތީގެ ނޯޑްތަކާއި ހަމައަށް ދިއުމުން އޭގެ ތެރެއިން ނޯޑެއް ނެގުމަށްފަހު ފްރޯޒެންސެކްޝަން ޓެސްޓު ހެދުމަށްޓަކައި ލެބޯޓެރީއަށް ފޮނުވީ،" ޑރ ނީޒާ ވިދާޅުވި އެވެ.

ޑރ. ނީޒާ ވިދާޅުވީ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެ ޓެސްޓުގެ ނަތީޖާ ލިބި އޮޕަރޭޝަންގައި އެފަރާތުގެ ކިހިލިފަތީގެ ހުރިހާ ލިމްފްނޯޑްތައް ނަގައި ސާފުކުރި ކަމަށެވެ. އެ ރިޕޯޓްގެ ނަތީޖާގައި ކެންސަރު ނެތްކަމަށް ދެއްކިނަމަ އެ އޮޕަރޭޝަންގައި ކިހިލިފަތްދޮށް އޮޕަރޭޝަން ނުކުރާނެ ކަމަށް ނީޒާ ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް ބޭނުން ކުރެވުނު ފްރޯޒެންސެކްޝަންއާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ޑރ. ޢުބައިދު ވިދާޅުވީ ކެންސަރުގެ އޮޕަރޭޝަންތަކުގައި ފްރޯޒެން ސެކްޝަނަކީ ވަރަށް ބޭނުންތެރި ޓެސްޓެއް ކަމަށެވެ.

އޭގެ ސަބަބުން އޮޕަރޭޝަންގައި ކޮންމެހެން ނަގަން ނުޖެހޭ ބައެއް ނުނީ ގުނަވަނެއް ހަށިގަނޑުން ނުނެގުމާއި އަދި ކޮންމެހެން ނަގަން ނުޖެހޭ ބައެއް ނުވަތަ ގުނަވަނެއް ހަށިގަނޑުން ނުނެގުމަށް އެހީވެދޭ ކަމަށް ޑރ. އުބައިދު ވިދާޅުވި އެވެ.

"މިސާލަކަށް ޓިއުމަރެއް ނަގާއިރު އޭގެ ދާރަތަކުން ކެންސަރުގެ އަސަރު ހުރިތޯ ނުވަތަ ނެތްތޯ މިޓެސްޓުން ޔަޤީންކޮށްދޭ. މާޖިންގައި ކެންސަރު ހުރިނަމަ އިތުރު މާޖިންއެއްލާފައި މުޅި ޓިއުމަރ އެކީގައި ނުގުމުގެ ޤާބިލްކަން އޮޕރޭޝަން ޑޮކްޓަރުންނަށް ލިއްބައިދޭ. ވުމާއެކު ކެންސަރުގެ ބަލިމީހުންނަށް މިއީ ވަރަށް ބޭނުންތެރި ޓެސްޓެއް،" ޑރ. އުބައިދު ވިދާޅުވި އެވެ.

ޓެރީޓޮޕުން ބުނީ މިދިޔަ ބުރާސްފަތި ދުވަހު އޮޕަރޭޝަން ކުރެވުނު މި ބަލިމީހާގެ ހާލަތު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށެވެ. ރާއްޖޭގެ ބަލިމީހުންނަށް އަދި ވަކިން ހާއްސަކޮށް ކެންސަރުގެ ބަލިމީހުންގެ ފަރުވާގައި ޒަމާނީ އިތުރު ވަސީލަތްތައް ގާއިމްކޮށްދިނުމާއެކު އެ ހޮސްޕިޓަލުން ދޭ ހިދުމަތްތަކުގެ ފެންވަރު ކުރިއަށް އޮތްތަނުގައި ރަނގަޅުވެގެން ދިއުމަކީ އުންމީދު ކަމަށް ޓްރީޓޮޕުން ބުންޏެވެ.

comment ކޮމެންޓް