ހެކިބަސް ދޭން މަޖުބޫރު ކުރި ކަމަށް ބުނެ ލުތުފީ ސިޓީ ލާފައިވޭ: ކްރިމިނަލް ކޯޓު

އޭސީސީގެ ރައީސް ހަސަން ލުތުފީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލަތަކުގައި ހެކިބަސް ދޭން ބަޔަކު މަޖުބޫރުކުރި ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ކުރީގެ ރައީސް ހަސަން ލުތުފީ ކްރިމިނަލް ކޯޓަށް ސިޓީލާފައިވާ ކަމަށް އެ ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ހައިލަމް މިހެން ވިދާޅުވީ މިއަދު ކްރިމިނަލް ކޯޓުގައި އޮތް ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ ދެ މައްސަލައެއްގެ އަޑުއެހުމުގައެވެ.

ރައީސް ޔާމީންގެ މަނީ ލޯންޑަރިން މައްސަލައިގައި އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިންގެ ތެރޭގައި ލުތުފީ ހިމެނެއެވެ. އަދި އާޒިމާގެ މައްސަލައިގައިވެސް ދިފާއީ ހެއްކެއްގެ ގޮތުގައި އޭނާ ހުށަހަޅާފައިވެއެވެ.

ދައުލަތުން އާޒިމާގެ މައްޗަށް އުފުލާފައި ވަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާއާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާއެވެ.

މިއަދުގެ އަޑުއެހުމުގައި އާޒިމާ ވަނީ އޭނާގެ މައްސަލައިގައި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީއާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފާއި އޭސީސީގެ މިހާރުގެ ރައީސް މުއައްވިޒު ރަޝީދުގެ ހެކިބަސް އޭނާއާ ދެކޮޅަށް ނުނެގޭނެއެވެ.

ހަސަން ލުތުފީގެ ހެކިބަސް ނުނެގޭނެ ސަބަބު ބަޔާން ކުރަމުން އާޒިމާ ވިދާޅުވީ، ހަސަން ލުތުފީއާ ގުޅޭ ހިޔާނާތުގެ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އެއްވެސް ހާލެއްގައި މަނީ ލޯންޑަރިންގެ އަމަލެއް ހިންގައިފައިވާނަމަ އެ އަމަލެއް ހިންގާފައިވާނީ އޭނާއަށް އެނގިގެން ކަމަށް އާޒިމާ ވިދާޅުވިއެވެ.

އޭގެ އިތުރުން ހެކިބަސް ދިނުމަށް ހަސަން ލުތުފީއަށް ނުފޫޒު ފޯރުވާފައިވާކަމަށް އޭނާ އަމިއްލައަށް ވިދާޅުވެފައިވާކަމަށް އާޒިމާ ވިދާޅުވިއެވެ. އެހެންކަމުން އޭނާއަށް އަމިއްލަ އިހްތިޔާރުގައި ހެކިބަސް ނުދެވޭނެކަމަށް އާޒިމާ ގަބޫލުކުރައްވައެވެ.

ރައްދުގައި ދައުލަތުން ބުނީ، ލުތުފީއަށް ބިރުދައްކާފައިވާ ކަމަށް ގާނޫނީ ހަމަތަކުން ސާބިތުނުވާ ކަމަށެވެ. އަދި ބިރު ދައްކާފައިވާ ކަމަށް ބުނެ ލުތުފީގެ ފަރާތުން ފުލުސް އޮފީހަށް މައްސަލައެއްވެސް ހުށަހަޅާފައިނުވާ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނީ ލުތުފީ ފުލުހުންގެ ތަހުގީގަށް ބަޔާން ދިންއިރު ނަގާފައިވާ އިންޓަވިއުގެ ވީޑިއޯ ރެކޯޑިން ދައުލަތުން ބަލާފައިވާނެ ކަމަށެވެ. އެ ވީޑިއޯއަށް ބަލާއިރު އެފަދަ އެއްވެސް ކަމެއް ފާހަގަ ނުވާކަމަށް ދައުލަތުން ބުންޏެވެ.

އެކަމާ ގުޅިގެން ގާޒީ އަހުމަދު ހައިލަމް ވިދާޅުވީ، ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެ ލުތުފީ ކްރިމިނަލް ކޯޓަށް ސިޓީ ލާފައިވާ ކަމަށެވެ. އަދި އޭނާ މީގެ ކުރިން ތަހުގީގަށް ދީފައިވާ ބަޔާނަކީ ނުފޫޒުގައި ޖެހިގެން ދީފައިވާ ބަޔާނެއް ކަމަށް އެ ސިޓީގައި ބުނެފައިވާ ކަމަށެވެ. އަދި ނުފޫޒުގެ ސަބަބުން ހެކިބަސް ދޭން އޭނާ އިއުތިރާޒު ކުރާކަމަށް އެ ސީޓިގައި ވާކަމަށް ގާޒީ ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ ލުތުފީގެ މައްސަލައެއް ފުލުހުން ބަލަމުންދެއެެވެ. އަދި އޭސީސީއިންވެސް އޭނާގެ މައްސަލައެއް ތަހުގީގު ކުރެއެވެ. މިހާރު ލުތުފީ ދިރިއުޅުއްވަނީ ރާއްޖެއިން ބޭރުގައެވެ.

comment ކޮމެންޓް