"ލަވާ"އާ އެކު ޓޭލާ ސްވިފްޓް ޗާޓުގެ އެންމެ އުހަށް

ޓޭލާ ސްވިފްޓްގެ އަލްބަމް "ލަވަރ"ގެ ކަވަރ އާޓު --- ފޮޓޯ : ޔަހޫ

ހަތް ވަނަ ސްޓޫޑިއޯ އަލްބަމް ކަމަށްވާ "ލަވަރ" އާއެކު މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް ޗާޓުތަކުގެ އެއްވަނައަށް އަރައިފި އެވެ.

ޓޭލާ ސްވިފްޓް މިދިޔަ މަހު 23 ގައި ރިލީޒްކުރި އަލްބަމް ވަނީ ގިނަ ރެކޯޑްތަކެއްވެސް މުގުރާފައެވެ. އެގޮތުން އެ އަލްބަމް ރިލީޒްކުރި ފުރަތަމަ ހަފްތާގެތެރޭގައި 867،000 ކޮޕީ ވަނީ ވިކިފައެވެ. އެ އަދަދަކީ މިހާތަނަށް އަލްބަމް އަކަށް ހަފްތާއެއްގެ ތެރޭގައި އެންމެ ބޮޑު އާމްދަނީ ލިބުނު އަލްބަމް އެވެ. އެ މަގާމުގައި ކުރީންވެސް އިނީ ސްވިފްޓްގެ އަލްބަމް އެކެވެ.

މިއާއެކު ސްވިފްޓް ވަނީ ޗާޓުތަކުގެ އެއްވަނައަށް އަރާފައެވެ. އަދި ބިލްބޯޑު 200 ޗާޓުގެ އެއްވަނައިގައިވެސް އިނީ ސްވިފްޓެވެ.

ލަވަރ އަށް އެއްވަނަ ލިބިފައިވާއިރު އަލްބަމް ޗާޓުން އޭނާއަށް އެއްވަނަ ލިބުނު މިއީ ހަވަނަ ފަހަރެވެ.

އެ ރިކޯޑާއެކު ޓޭލާ ސްވިފްޓް ވަނީ އިތުރު ރެކޯޑެއް ގާއިމުކޮށްފައެވެ. އެއީ އެންމެ ގިނަ އެއްވަނަ އަލްބަމް ނެރުނު އަންހެން ފަންނާނުގެ މަގާމެވެ. މީގެކުރީން އެއްވެސް އަންހެން ފަންނާނަކު ނެރެފައިވާ ހަ އަލްބަމެއް ޗާޓުގެ އެއްވަނައަށް ގޮސްފައެއް ނުވެއެވެ.

ސްވިފްޓްގެ އާ އަލްބަމްގައި 18 ލަވަ ހިމެނެއެވެ. އެ އަލްބަމްގައި ބްރެންޑަން ޔޫރީ އާއި ޑިކްސީ ޗިކްސްވެސް ފީޗާކޮށްގެން ދެ ލަވައެއް ކިޔާފައިވެއެވެ.

comment ކޮމެންޓް