ގައުމީ ޔުނިވާސިޓީގެ ކުރީގެ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒް ޝަރީފް ރާއްޖޭގެ ޕްރައިވެޓް ކޮލެޖެއް ކަމަށްވާ ސައިރިކްސް ކޮލެޖްގެ ރެކްޓާގެ މަގާމަަށް އައްޔަނުކުރައްވައިފި އެވެ.
ޑރ. ފަވާޒް ސައިރިކްސް ކޮލެޖާ ގުޅިވަޑައިގެންނެވީ ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާގެ މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ. ސައިރިކްސް ގައި ފަވާޒް ފުރަތަމަ މަސައްކަތް ކުރައްވަން ފެއްޓެވީ ކޮންސަލްޓެންޓެއްގެ ގޮތުގަ އެވެ. ނަމަވެސް މި ހަފްތާއިން ފެށިގެން އޭނާ ވަނީ ސައިރިކްސް ރެކްޓާގެ މަގާމާ ހަވާލުވެވަޑައިގެންފަ އެވެ.
ފަވާޒު "ސަން" އަށް މިއަދު ވިދާޅުވީ ކޮލެޖުގެ ރެކްޓާ ކަމުގެ މަގާމާ ހަވާލުވުމާއެކު އެ ކޮލެޖުގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ.
"ދެން އަޅުގަނޑު ބަލާނަން ކޮލެޖުގެ ފެންވަރު ރަނގަޅުކޮށް ކޮލެޖުގައި ކުރާ ދިރާސާތައްވެސް ފެންވަރު ރަނގަޅު ކުރެވޭތޯ." ފަވާޒް ވިދާޅުވި އެވެ.
ސައިރިކްސް ކޮލެޖަކީ ރާއްޖޭގެ ތާރީހުގައިވެސް އައިޓީ ކޯސްތައް އެންމެ ފުރަތަމަ ފަށައިގަތް ކޮލެޖެވެ.
ފަވާޒް ވިދާޅުވީ ކުރިއަށް އަހަރެއްހާ ދުވަސްތަކު ތެރޭ އައިޓީ ދާއިރާތަކަށް ހާއްސަ އާ ކޯސްތަކެއް ފަށަން މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.