ރިލްވާން މައްސަލަ ހުށަހެޅުމުން އިންސާފު ގާއިމު ކުރުމަށް ފިޔަވަޅު އަޅާނަން: ޕީޖީ

ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ރަހީނުކޮށް، މަރާލި މައްސަލަ ރަސްމީކޮށް ހުށަހެޅުމުން، އިންސާފު ގާއިމު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އަޅާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުން ކުރި ޓުވީޓެއްގައި ބުނީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހްގީގުކުރާ ކޮމިޝަންއާ އެކު މިއަދު ވޯކިން ލެވެލް އެއްގައި މަސައްކަތް ކުރަން ފަށާފައިވާ ކަމަށެވެ.

"މައްސަލަ ރަސްމީކޮށް މިއޮފީހަށް ހުށަހެޅުއްވުމުން އިންސާފު ގާއިމްކުރުމަށް ޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އަޅާނެ ކަމުގެ ޔަގީންކަން މިފުރުސަތުގައި ދެން،" ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން މިހެން ބުނެފައިވާ އިރު، ރިލްވާން ރަހީނުކޮށް މަރާލި މައްސަލާގައި ޝާމިލްވާ މީހުންގެ މައްޗަށް ދައުވާ ކުރުން އަވަސްކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިއަދު ގޮވާލައްވައިފަ އެވެ.

މަރުތައް ބަލާ ކޮމިޝަނުން މިއަދު ވަނީ ރިލްވާން މައްސަލައިގެ ޑްރާފްޓް ރިޕޯޓު ވެސް ރައީސް ނަޝީދަށް އަރުވައިފަ އެވެ.

ރިލްވާން ގެއްލުވާލުމުގެ މައުލޫމާތު ހާމަކުރުމަށް ރިޔާސީ ކޮމިޝަނުން ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވީ، ރިލްވާން ރަހީނުކޮށް، ޑިންގީއަކަށް ލައިގެން ގެންގޮސް ދޯންޏަކަށް އެރުވުމަށް ފަހު މަރާލާފައިވާކަން މިހާތަނަށް ހޯދުނު ހެކިތަކުން އެނގިފައިވާ ކަމަށެވެ.

އަދި އެ މައްސަލާގައި ތަހުގީގަށް ހުރަސް އެޅުމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ކަންތައްތަކެއް ކުރެއްވި ކަމަށް ތުހުމަތު ކުރެވޭ ކަމަށް ސުއޫދު ވިދާޅުވި އެވެ.

މައްސަލާގައި އަދީބުގެ މައްޗަށް އަދުލު އިންސާފަށް ހުރަސް އެޅިކަމުގެ ދައުވާ ކުރެވޭނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.

ނޫސްވެރިޔާ ރިލްވާން ގެއްލުވާލާފައި ވަނީ، އޮގަސްޓް، 7، 2014 ގަ އެވެ. ރިލްވާން ގެއްލުވާލުމުގައި ބައިވެރިކަމަށް ތުހުމަތުކުރެވޭ ބައެއް މީހުންގެ ޕާސްޕޯޓު މިހާރު ވަނީ ހިފަހައްޓައިފަ އެވެ.

އަދި ތަހުގީގަށް ހޯދުނު ކަންކަމާ ގުޅިގެން ދައުވާ އުފުލުމަށް ޕީޖީއާ ބައްދަލުކޮށް މަޝްވަރާ ކުރާނެ ކަމަށް އެ ކޮމިޝަނުން އިއްޔެ ވަނީ ބުނެފަ އެވެ.

comment ކޮމެންޓް