މާލެއިން ލަންކާގެ ބޮޑުވަޒީރުގެ ދެ ކަނބަލުންނަށް ހޫނު މަރުހަބާއެއް

ރައީސް ސޯލިހް ރަނިލް އާއެކު--- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ދައުވަތަކަށް ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންނެވި ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ އަނބިކަނބަލުން ޕްރޮފެސާ މައިތިރީ ވިކްރަމަސިންހައަށް ދިވެހި ސަރުކާރުން ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.

ލަންކާގެ ބޮޑުވަޒީރުގެ ދެކަނބަލުންނަށް ރަސްމީގޮތުން މަރުހަބާ ދެންނެވުމުގެ ގޮތުން ބޭއްވެވި ހާއްސަ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ޖުމްހޫރީ މައިދާނުގަ އެވެ.

ލަންކާގެ ބޮޑުވަޒީރު މާލެ ފައިބާ ވަޑައިގެންނެވުމުން، ރަސްމީ ފާލަމުން ބޮޑުވަޒީރަށް މަރުހަބާ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދެވެ. އެއަށްފަހު، ސްކޫލް ކުދިން ހުށަހަޅައިދިން ސަގާފީ އައިޓަމެއް އެބޭފުޅުން ބާއްވާލަވައިފި އެވެ.

އެ ރަސްމިއްޔާތުގައި، ރައީސްއާއި ލަންކާގެ ބޮޑުވަޒީރު ޑަޔަސްއަށް އަރާވަޑައިގަތުމާއެކު، ހަތް ބަޑީގެ ސަލާމެއް އެރުވުނެވެ. އަދި ލަންކާއާއި ދިވެހިރާއްޖޭގެ ގައުމީ ސަލާމް ކުޅުނެވެ. އެއަށްފަހު، ލަންކާގެ ބޮޑުވަޒީރުގެ ޝަރަފުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަރާތުން އެރުވި ގާޑް އޮފް އޮނަރއެއް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.

އެ ރަސްމިއްޔާތުގައި، ނައިބު ރައީސުންނާއި، ދިވެހި ސަރުކާރުގެ ވަޒީރުންނާއި، ސަރުކާރުގެ އިސް ބައެއް ބޭފުޅުން، ލަންކާގެ ބޮޑުވަޒީރަށް ތައާރަފުކޮށް އެރުވުންވެސް އޮތެވެ. އަދި ލަންކާގެ ބޮޑުވަޒީރުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގައި ހިމެނިވަޑައިގަންނަވާ އިސްބޭފުޅުން، ރައީސް ސޯލިހުއަށް ތައާރަފުކޮށް އެރުވި އެވެ.

މަރުހަބާ ވިދާޅުވުމުގެ އެ ރަސްމިއްޔާތަށްފަހު، ލަންކާގެ ބޮޑުވަޒީރު، ރަނިލް ވިކްރަމަސިންހަ، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ހަތްކޮޅުގައި ވަޑައިގެންނެވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގެންނެވުމަށްފަހު ލަންކާގެ ބޮޑުވަޒީރު ވަނީ އިއްޒަތްތެރީން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފަ އެވެ.

ސްރީލަންކާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވުމާއި ބައެއް އެއްބަސްވުންތަކުގައި ސޮއިކުރެއްވުމުގެ އިތުރުން މި ދަތުރުފުޅާއި ބެހޭގޮތުން ދެ ލީޑަރުން ގުޅިފައިވާ ބަޔާނެއް މީޑިޔާއަށް ދެއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. ލަންކާގެ ބޮޑުވަޒީރުގެ މިދަތުރުފުގައި، ރާއްޖޭގައި މި މަހުގެ 3 އިން 4 އަށް ބާއްވާ އިންޑިއަން އޯޝަން ކޮންފަރެންސް 2019ގައި ބައިވެރިވެވަޑައިގެން އެ ކޮންފަރެންސް ޗެއާ ކުރައްވާގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

comment ކޮމެންޓް