ހިޒްބުﷲގެ ބަދަލު ހިފުމާ އެކު ލުބްނާނާއި އިސްރާއީލުގެ މަސްރަހުގެ ހޫނުކަން ކުޑަވެއްޖެ

ހިޒްބުﷲ ގެ ވެރިޔާ އައްޝައިޚް ހަސަން ނަސްރުﷲ

ބައިރޫތު (ސެޕްޓެމްބަރު 2): އިސްރާއީލުން މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ތިން ޑްރޯން ބޭނުންކޮށްގެން ލުބްނާނަށް އުދުވާނީ ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުން އިސްރާއީލަށް ދިން ޙަމަލާތަކަށް ފަހު އެ ދެގައުމުގެ މަސްރަހުގެ ހޫނުކަން ކުޑަވެއްޖެ އެވެ.

އިސްރާއީލުގެ އުދުވާނަށް ބަދަލުހިފުމުގެ ގޮތުން ހިޒްބުﷲ އިން ހަމަލާދިނީ ލުބްނާނާއި އިސްރާއީލުގެ ސަރަހައްދީ ރޮނގުގެ ކައިރީގައި އިސްރާއީލުގެ ފަޅިން ދުއްވާފައި ދިޔަ އަސްކަރީ ވެހިކަލަކަށެވެ. ރޮކެޓް ބޭނުންކޮށްގެން ހިޒްބުﷲ އިން ދިން އެ ހަމަލާގައި އިސްރާއީލުގެ ވެހިކަލް ވަނީ އެއްކޮށް އަނދައި އަޅިއަށްވެފަ އެވެ. އެ ހާދިސާގައި މީހަކު މަރުވިކަމަށް އިސްރާއީލުން އެއްބަސްވެފައި ނުވިނަމަވެސް ހިޒްބުﷲ އިން ވަނީ އެޖަމާއަތުން ހަމަލާދިން އިސްރާއީލުގެ އަސްކަރީ ވެހިކަލްގައި ތިބި މީހުން މަރުވެފައިވާކަން ކަށަވަރުކަމަށް ބުނެފަ އެވެ.

ހިޒްބުﷲ ބުނާ ގޮތުން އިސްރާއީލާ ދެކޮޅަށް ބަދަލުހިފީ ހަނގުރާމައެއްް ފަށައި އިތުރަށް މަސްރަހު ހޫނު ކުރުމުގެ ބޭނުމުގައި ނޫންކަމަށާ އެކަންކުރީ ހަމަލާއަކަށް ހަމަލާއެއް ދޭ އުސޫލުން ކަމުގަ އެވެ. އިސްރާއީލުން ވެސް ދިނީ ލުއި ހަމަލާއެއްކަމަށް ވާތީ ބަދަލުހިފުމުގެ ގޮތުން އިސްރާއީލަށް ވެސް ދިނީ ލުއި ހަމަލާއެއް ކަމަށް ހިޒްބުﷲގެ ބަޔާން ބުނެ އެވެ.

ހިޒްބުﷲގެ ހަމަލާތަކާ ގުޅިގެން އިސްރާއީލުން ވަނީ ދެކުނު ލުބްނާނުގައި އިސްރާއީލު ވެރިވެގަނެގެން އުޅޭ ޝިބްޢާ ސަރަހައްދަށް ބޮޑުބަޑިން ހަމަލާތަކެއް ދީފަ އެވެ. ނަމަވެސް އިސްރާއީލުގެ ހަމަލާތަކުން ގެއްލުމެއް ލިބިފައިނުވާ ކަމަށް ލުބްނާނުން ބުނެފައިވެ އެވެ.

ހިޒްބުﷲ އިން އިސްރާއީލުގެ އުދުވާނަށް ބަދަލުހިފާފައި މިވަނީ އެކަމަށް ބަދަލުހިފާނެ ކަމުގެ އިންޒާރު އެޖަމާއަތުގެ ލީޑަރު އައްޝައިޚް ހަސަން ނަސްރުﷲ ދެއްވާފައިވަނިކޮށެވެ. ހިޒްބުﷲގެ ރައްދު ހަމަލާއަކަށް ތައްޔާރުވުމުގެ ގޮތުން އިސްރާއީލު ވަނީ ލުބްނާންގެ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ އިސްރާއީލުގެ ނޮދަން ކޮމާންޑް ސަރަހައްދަށް އިތުރު ސިފައިންނާއި ގިނަ އަދަދެއްގެ ހަތިޔާރު ވެސް ފާއިތުވި ދެތިން ދުވަހުގެ ތެރޭގައި ޖަމާކޮށްފަ އެވެ.

އިސްރާއީލުން މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ތިން ޑްރޯން ބޭނުންކޮށްގެން ލުބްނާނަށް އުދުވާނީ ހަމަލާތަކެއް ދީފައިވާއިރު ލުބްނާނަށް ހަމަލާދިން އިސްރާއީލުގެ ތިންޑްރޯންގެ ތެރެއިން އެއްޑްރޯން ވައިގެ ތެރޭގައި ވަނީ ގޮވައި ކުދިކުދިވެފަ އެވެ. ދެވަނަ ޑްރޯން ވަނީ ހިޒްބުﷲގެ އޮފީހެއްގެ ކައިރިއަށް ވެއްޓިފަ އެވެ. ތިން ވަނަ ޑްރޯނުން ހަމަލާދިނީ ލުބްނާނުގައި މަރުކަޒުކޮށްފައިވާ ފަލަސްތީނުގެ މުޖާހިދުންގެ ޖަމާއަތެއްކަމަށް ޕޮޕިއުލާ ފްރަންޓްގެ މަޒުކަޒަކަށް ކަމަށް ލުބްނާން ސަރުކާރުން ބުނެފައިވެ އެވެ.

އިސްރާއީލުން ލުބްނާނާ ދެކޮޅަށް ހިންގި އެއުދުވާނަށް ރައްދު ދޭނެކަމުގެ އިންޒާރު ދެއްވަމުން މިދިޔަ ހަފްތާގައި ހިޒްބުﷲގެ ވެރިޔާ އައްޝައިޚް ހަސަން ނަސްރުﷲ ވިދާޅުވެފައި ވަނީ އިސްރާއީލުގެ އަސްކަރީ ފައިޓާޖެޓްތަކުން ލުބުނާނުގެ ވައިގެ ސަރަހައްދަށް ބޭނުންއިރަކު ވަދެ ގޮސް ބޮން އެޅި ޒަމާން މާޒީވެފައިވާ ކަމަށާ އިސްރާއީލުން ލުބްނާނަށް ދޭ ކޮންމެ އުދުވާނަކަށް ހިޒްބުﷲ އިން ރައްދު ދޭނެކަމުގަ އެވެ.

އިސްރާއީލުގެ އަނިޔާވެރިކަމާއި އުދުވާނަށް އަބަދުވެސް ތާއީދުކުރާ އެމެރިކާ އިން ހިޒްބުﷲ އިން އިސްރާއީލަށް ދިން ރައްދު ހަމަލާ ކުށްވެރިކޮށްފައިވާ އިރު އިސްރާއީލުން ލުބްނާނާ ދެކޮޅަށް ހިންގި އުދުވާނަށް ގަލްފުގެ އަރަބި ގައުމެއް ކަމަށްވާ ބަހްރައިން އިން ވެސް ވަނީ ތާއީދުކޮށްފަ އެވެ. އެމެރިކާއެކޭ އެއްގޮތަށް ބަހްރައިން ވެސް އިން ވަނީ ހިޒްބުﷲ އިން އިސްރާއީލަށް ދިން ރައްދު ހަމަލާ ކުށްވެރިކޮށް އިސްރާއީލުގެ ދިފާއުގައި ފާޅުގައި ވާހަކަ ދައްކައިފަ އެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް