ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ރާއްޖެ ވަޑައިގެންފި

ރަނިލް ރާއްޖެ ވަޑައިގަތުމުން ވެލާނާ އެއާޕޯޓުން މަރުހަބާ ދަންނަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ލަންކާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަރޝަނަލް އެއާޕޯޓުން މަރްހަބާ ދެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

ސްރީލަންކާގެ ބޮޑުވަޒީރުގެ މިދަތުރުފުޅުގައި ރާއްޖެ އާއި ލަންކާއާ ދެމެދު ރަސްމީ ވާހަކަތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ވާހަކަތަކުގެ ތެރޭގައި ދެގައުމުގެ ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ އިތުރުން ތަރައްގީގެ ރޮނގުން ދެގައުމު ގުޅިގެން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން، ރައީސް އޮފީހުން ބުނީ ލަންކާގެ ބޮޑުވަޒީރުގެ މިދަތުރުފުޅުގައި ރާއްޖެ އާއި ލަންކާއާ ދެމެދު އެކި ދާއިރާތަކުން އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.

ސްރީލަންކާގެ ބޮޑުވަޒީރުގެ މިދަތުރުފުޅުގައި، ރައްޔިތުން މަޖިލިސް ކުރާ ގޭގައި ތަގުރީރު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އަދި މާދަމާ ރާއްޖޭގައި ފަށާ، އިންޑިއަން އޯޝަން ކޮންފަރެންސް 2019ގައި ބައިވެރިވެވަޑައިގެން އެ ކޮންފަރެންސް ޗެއާ ކޮށްދެއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ލަންކާގެ ބޮޑުވަޒީރުގެ މިދަތުރުފުޅުގައި އަނބިކަނބަލުން ޕްރޮފެސާ މައިތިރީ ވިކްރަމަސިންހަގެ އިތުރުން އެ ގައުމުގެ މަތީފެންވަރުގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވަ އެވެ.

comment ކޮމެންޓް