އާސެނަލް ފަހަތުން އަރައި ޓޮޓެންހަމް ހިފަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލާއި ޓޮޓެންހަމް ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ// ރަޔާނމް ބެންސަން

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު ފޯރިގަދަ ލަންޑަން ޑާބީ މެޗުގައި ފަހަތުން އަރައި އާސެނަލް ޖެހި ދެ ގޯލުން ޓޮޓެންހަމާ އެއްވަރުކޮށް ޕޮއިންޓެއް ހޯދައިފި އެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމުގައި ކުޅުނު އެ މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ފޯރި ގަދަ ފުޓުބޯޅަ މެޗެއްގައި ފެނިގެންދާން ޖެހޭ ހުރިހާ ކަމެއް ކަހަލަ ގޮތަކަށް ފެނިގެންދިޔަ އެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ވާދަވެރި ބަލާހިތްވާ ކުޅުމެކެވެ. އެ މެޗުން ލިބުނު ޕޮއިންޓާ އެކު އާސެނަލް މިވަގުތު ތާވަލުގެ ފަސްވަނައިގައި އޮތް އިރު ޓޮޓެންހަމް އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ފަސް ޕޮއިންޓާ އެކު ނުވަ ވަނައިގަ އެވެ.

ގިނަ އަހަރުތަކެއް ވަންދެން ބޮޑު ހަރަދެއް ކޮށްގެން ކުޅުންތެރިން ނުގަނެ އޮތް އާދަކާދަ ބަދަލުކޮށް އަގުބޮޑެތި މަޝްހޫރު ކުޅުންތެރިންތަކެއް ގެނެސްގެން އާސެނަލުން މިފަހަރުގެ ލީގާއި ކުރިމަތިލި އިރު އެ ޓީމުން މިހާތަނަށް އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ނަމަވެސް ޓޮޓެންހަމް އަށް މި ސީޒަނުގައި މިހާތަނަށް ކުޅުނު މެޗުތަކުން ރަނގަޅު ނަތީޖާއެއް ނެރެވޭ ގޮތް ވަނީ ނުވެފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލާއި ޓޮޓެންހަމް ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ// ރަޔާނމް ބެންސަން

ރޭގެ މެޗު ފެށިގެން ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ޓޮޓެންހަމުން ވަނީ ލީޑު ނަގައިފަ އެވެ. ކުރިސްޓިއަން އެރިކްސަން އެ ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އާސެނަލްގެ ކީޕަރު ބާންޑް ލެނޯއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ.

ޓޮޓެންހަމްގެ ގޯލާ އެކު އެ ޓީމުން އިތުރަށް ކުޅުން ވަރުގަދަކޮށް އާސެނަލްގެ ޑިފެންސަށް ބާރު ބޮޑު ކުރިއެވެ. އޭރިއާ ބޭރުންނާއި އެތެރޭން ވެސް ގިނަ ހަމަލާތަކެއް އުފެއްދި އިރު ފުރަތަމަ ގޯލުގައި ހެދުނު ގޯސް ހަނދާން ނައްތާލާ އާސެނަލުގެ ކީޕަރި ލެނޯ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ލެނޯގެ ގިނަ ސޭވްތަކެއް ފުރަތަމަ ހާފުގައި ފެނުނު އިރު އާސެނަލްގެ ޑިފެންސްގެ ފަރާތުން ގިނަ މިސްޓޭކްތަކެއް ވަނީ ހަދައިފަ އެވެ.

އެގޮތުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓޮޓެންހަމްގެ ފޯވާޑް ސޮން ހެންގް މިން އަށް އާސެނަލްގެ އޭރިއާ ތެރެއިން ވަނީ ފައުލެއް ކޮށްފަ އެވެ. ބޭކާރު ގޮތުގައި ގްރެނިޓް ޒަކާ ކުރި އެ ފައުލާ އެކު ރެފްރީ ވަނީ ޓޮޓެންހަމަށް ޕެނަލްޓީއެއް ދީފަ އެވެ. އެ ޕެނަލްޓީ ޓޮޓެންހަމުން ކާމިޔާބު ކުރި އިރު ގޯލު ޖެހީ ހެރީ ކޭން އެވެ.

ދެވަނަ ހާފަށް އާސެނަލް ބަދަލުތަކާ އެކު ނުކުތީ އެޓޭކިންގް ގޭމަކަށެވެ. ޓީމު އެއްކޮށް ކުރިއަށް ޖައްސައިގެން އާސެނަލުން ހަމަލާތައް އުފައްދަމުން ދިޔަ އިރު ޓޮޓެންހަމްގެ ޑިފެންސަަށް "އޮބި އޮންނަވަރެއް" ނޫނެވެ. ނަތީޖާ އެއްގެ ގޮތުން ޓޮޓެންހަމް ޕްރެޝަރަށް ވެއްޓި އާސެނަލަށް ގޯލުތަކެއް ދޭން މަޖުބޫރުވި އެވެ.

އެގޮތުން ބޯޅަ ސާފުކޮށް ނުލެވި ގިނަ އިރުތަކެއް ވަންދެން ޓޮޓެންހަމް އުޅުމަށް ފަހު އާސެނަލުން ޖެހި ފުރަތަމަ ގޯލު އެ ޓީމަށް ޖަހައިދިނީ އެލެކްސެންޑަރާ ލަކަޒެޓް އެވެ.

ލަކަޒެޓްގެ ގޯލާ އެކު އުންމީދުގައި ކުޅުނު އާސެނަލަށް ހިތްވަރު ލިބި އިތުރު ގޯލެއް ޖެހުމަށް ކުރި މަސައްކަތުން އެ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ މިދޔަ ސީޒަނުގެ ގޯލްޑެން ބޫޓު ހޯދި އެރިކް އޮބަމަޔެންގް އެވެ.

އާސެނަލުން އެ ގޯލަށް ފަހު ވެސް ވަނީ ގޯލެއް ޖަހަން މަސައްކަތް ކޮށްފަ އެވެ. އެގޮތުން އެ ޓީމުގެ ސޮކޮރޮޓިސް ޖެހި ގޯލެއް ވަނީ އޮފްސައިޑް ވެފަ އެވެ.

ޓޮޓެންހަމުން މެޗުގެ ފަހު އަތަށް އަޅާލި އިރު ތިބީ މެޗު ނިންމާ ނުލެވިގެންނެވެ. އެހެން ކަމުން އެ ޓީމުން ދިޔައީ އާސެނަލްގެ ފޯކަސް މެޗުން ގެއްލުވާލުމަށް ޓަކައި ވަގުތު ނަގާލުމަށް ލަސް ކުރަމުންނެވެ.

comment ކޮމެންޓް